އެމްޑީޕީ ޕީޖީގެ ނޫސްބަޔާން: އަލްހާން ފަހުމީގެ ސިޔާސީ އިސްނެންގެވުމަށް ތަޢުރީފް ހާމަކުރުމާއި އެމަނިކުފާނު ގެ ގައިކޮޅަށް ބަޔަކު ދިން ހަމަލާ ކުށްވެރިކުރުން

noosbayan

MDP-PG/2012/0015
24 ޑިސެމްބަރ 2012

އަލްހާން ފަހުމީގެ ސިޔާސީ އިސްނެންގެވުމަށް ތަޢުރީފް ހާމަކުރުމާއި އެމަނިކުފާނު ގެ ގައިކޮޅަށް ބަޔަކު ދިން ހަމަލާ ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްހާން ފަހުމީ 21 ޑިސެމްބަރ 2012 ވީ ހުކުރުދުވަހުގެ ރޭ މާލޭގައި ސިޔާސީ ފަރާތްތަކަކުން ބޭއްވެވި އެއްވުމަކަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ގައިކޮޅަށް ބަޔަކު ހަމަލާ ދީ ހަމަނުޖެހުން ހިންގާފައިވާތީ އެކަން މިގްރޫޕުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މިހާރު ވެރިކަމަށް އަރާވަޑައިގެން ތިއްބެވި ސަރުކާރަށް ނިޞްބަތްވާ ފަރާތްތަކުންނާ، ދީން ހަތިޔާރަކަށް ހައްދަވައިގެން އުޅުއްވާ ސިޔާސީ ލީޑަރުން ހާނީއްކައާއި އަނިޔާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއީ ޝިކާރައަށް ހައްދަވައިގެން އުޅުއްވާ ސިލްސިލާގެ އިތުރު ޢަމަލުތަކެއް މި އަޚްލާގީގޮތުން ފެންވަރުދަށް ހަމަނުޖެހުމުގައި ހާމަވެގެންދެއެވެ. 07 ފެބްރިއަރީ 2012 ގެ ފަހުން މިހިނގާ ދުވަސްތަކުގައި، މި ބަޔަކު އާންމުކޮށް އެގޮވާލައްވާ މޭރުމުން، މިޕާޓީގެ ޗެއަރޕާސަން އަށާއި އެތަކެއް މެމްބަރުންނަކަށް އެކިގޮތްގޮތުން ލާއިންސާނީ ހާނީއްކައާއި އަނިޔާ މެދުވެރިކުރުވާފައިވާކަން މިފުރުސަތުގައި ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މަޖިލީސް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށޭ ކިޔުއްވައިގެން ގިނަ ގާނޫނީ ސުވާލުތަކެއް އުފެދޭ ނަމެއްގައި، އަދި ރަޖިސްޓަރީ ކުރެވިފައި ނުވާ ސިޔާސީ އެކުލަވާލުމެއް ކަމުގައިވާ ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތޭ ކިޔުއްވައިގެން ތިއްބެވި ބަޔަކު އެހިންގަވާ އޮޅުވާލުންތަކާ ކުރިމަތިލެއްވުމަށް އަލްހާން ފަހުމީ އިސްނެންގެވި ކަމީ މިގްރޫޕު އިން ތަޢުރީފް ކުރާ ވިސްނުންތެރި އަދި މަޑުމައިތިރި ކަމުގެ ހުށައެޅުއްވުމެކެވެ. ރައްޔިތުންގެ މަޖިލީސް އުވާލާނެކަމަށް އެބަޔަކު އަންގަވާ އެންގެވުމަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރައްވާނެ ކަމެއް ނޫންކަމުގައި ވިދާޅުވެ އިންތިޚާބާ ހަމައަށް ރައްޔިތުންގެ މަޖިލީސް ދެމި އޮންނާނެ ކަމަށް އެތަނުގައި އަލްހާން ފަހުމީ ފާހަގަ ކުރައްވާފައިވެއެވެ. އެމަނިކުފާނަކީ ރައްޔިތުން އިންތިޚާބުކުރައްވާފައިވާ މެންބަރަކަށްވާ އިރު ގައުމީ ހަރަކާތޭ ކިޔައިގެން އެބަޔަކު އޭނާގެ ފޮޓޯއާއި ވިޑިއޯ ދެއްކެވުމަށް ފަހު އޭނާގެ އިސްތަށިފުޅުގައި ތަފާތު އެކި ތުހުމަތުތަކެއް އަޅުވަމުންދާ އިރު އެކަންކަމާ ޖަވާބުދާރީވެ ވަޑައިގެންނެވުމުގެ ފުރުސަތު އޭނާ އަށް އޮންނަން ޖެހޭނެ ކަމުގައިވެސް އަލްހާން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކިބާވަތުގެ ނުރައްކާތެރި އިންޒާރުތައް ދެއްވުމާއި، ހާނީއްކައާއި އަނިޔާ ކުރެއްވުމަށް ގޮވާލެއްވުމާ، އެފަދަ ގާނޫނާ ޚިލާފް ޢަމަލުތައް ކުރެއްވުން ވަގުތުން ހުއްޓާލެއްވުމަށާއި އެފަދަ އަމަލުތަކާމެދު ކަމާ ބެހޭ އެންމެހާ މުއައްސަސާ ތަކުން ފިޔަވަޅުއެޅުއްވުމަށް މިގްރޫޕުން ބާރުއަޅައި ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ފަރާތުން