ނޫސްބަޔާން: ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ގުޅިގެން ސިޔާސީ މަޤްސަދުތައް ޙާސިލްކުރުމަށް މަސައްކަތް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލުން.

noosbayan

MDP-2012-PR-ނަންބަރު: 140
ތާރީޚް: 18 ޑިސެމްބަރ 2012 (އަންގާރަ)

ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައާއި ގުޅިގެން ސިޔާސީ މަޤްސަދުތައް ޙާސިލްކުރުމަށް މަސައްކަތް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލުން.

ޑރ. އަފްރާޝީމް ޢަލީ ވަރަށް އަނިޔާވެރި ގޮތެއްގައި އަވަރާކޮށްލުމާއި ގުޅިގެން މި ޕާޓީން މީގެ ކުރިން ވެސް ވާނީ އިންތިހާއަށް ކަންބޮޑުވުނު ފާޅުކޮށް، އަދި އެ ޢަމަލު ހަރުއަޑުން ކުށްވެރިކޮށްފައެވެ. އަދި ހަމަ އެއާއިއެކު އެ އަނިޔާވެރި ޤަތުލުގެ ހަޤީގަށް މިއަދާ ހަމައަށް ވެސް ތަޙުޤީގް ކުރެވި ހާމަކުރެވިފައި ނުވާތީ އެކަމާވެސް ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ. ޑރ. އަފްރާޝިމް ޢަލީ އަވަހާރަކޮށްލި ޤާތިލުން ހޯދުމުގެ ބަދަލުގައި، މި މައްސަލައިގެ ތަޙުޤީގު އެހެން މިސްރާބަކަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށް މިޕާޓީން ދެކެމެވެ. މިގޮތުން އެޢަމަލަކީ ސިޔާސީ ކަމެއްގެ ކަމުގައި ހަދައި، އެ މައްސަލަ އެމްޑީޕީގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރަމުންދާކަން މިޕާޓީން ފާހަގަ ކުރަމެވެ.

މިގޮތުން މީގެ ކުރިންވެސް މިޕާޓީއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެ ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު އެއްވެސް ދަޢުވާއެއް ކުރުމެއް ނެތި އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި އެއަށް ފަހު ހަމަ މިޕާޓީއަށް ނިސްބަތްވާ އެހެން ޒުވާނެއްކަމުގައިވާ އަލީ ހާޝިމް (ސްމިތް) 2މަސް ދުވަހާއި 15 ދުވަހު ޖަލުގައި ބަންދުކޮށްގެން ގެންގުޅުމަށް ފަހު އޭނާ ވެސް ވަނީ އެއްވެސް ދަޢުވާއެއް ކުރުމެއްނެތި ދޫކޮށްލާފައެވެ. މިދެންނެވިހާ ދިގު މުއްދަތަކަށް، އެބާވަތުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި ބަހައްޓާނަމަ އެމީހެއްގެ މައްޗަށް ދަޢުވާ އުފުލޭ ވަރަށް ހެކި ލިބި، ދަޢުވާ އުފުލެން ވާނެއެވެ. ނަމަވެސް މިއިން އެއްވެސް ފަރާތެއްގެ މައްޗަށް ހެއްކެއް ޤަރީނާއެއް ލިބިފައި ނުވާއިރު، އަދި އެއްވެސް ދަޢުވާއެއް އުފުލިފައި ވެސް ނުވެއެވެ. އަދި އަލީ ހާޝިމް (ސްމިތް) ދިގުމުއްދަތައް ޖަލުގައި ބައިންދާ، މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަނާ ހަމައަށް ޖަލުގައި ބައިންދާ، އެ އިންތިޚާބްގެ ނަތީޖާ އިޢުލާން ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް އޭނާވަނީ ދޫކޮށްލާފައެވެ. އަދި ޕޮލިސް ކަމިޝަނަރކަމުގެ މަޤާމްގައި ހުރި އަބްދުﷲ ރިޔާޒް އެއްވެސް ހެއްކެއް، ދަލީލެއްގެ މައްޗަށް ބަރޯސާވުމެއް ނެތި، އޭނާގެ އަމިއްލައަށް ދެކި ވަޑައިގަންނަވާ ގޮތެއްގެ މައްޗަށް ނިންމުމެއް ނިންމަވާ ނިއުސް ކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. މި ހުރިހާ ކަމަކުން އެނގިގެންދަނީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ޢަމަލުގެ ދޮގު އިލްޒާމް މިޕާޓީގެ ބޮލުގައި އެޅުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސައްކަތްކުރަމުން ދާކަމެވެ.

މިކަން އިތުރަށް ހާމަވެގެންދަނީ ކޮންމެ ފަހަރަކު އެމްޑީޕީއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް އެތައް ދުވަހެއް ވަންދެން ޖަލުގައި ގެންގުޅެ ދޫކޮށްލުމާއި އެކު އަނެއްކާ ވެސް މިޕާޓީއަށް ނިސްބަތްވާ އެހެން މީހަކު ހައްޔަރުކުރަމުން ގެންދާކަމުންނެވެ. މިގޮތުން މިހާރު އެ މައްސަލާގައި ކަމަށް ބުނެ ހައްޔަރުކޮށްފައި ވަނީ، މި ޕާޓީގެ ޤައުމީ މަޖިލިސްގެ ފ. ބިލެތްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާވިދު (ޖާ) އެވެ.

މިޕާޓީއަށް ޔަޤީންވާކަމަކީ އަބްދުﷲ ޖާވިދަކީ އެބާވަތުގެ އެއްވެސް ޢަމަލެއް ކޮށްފާނޭ ފަދަ މީހެއް ނޫން ކަމެވެ. އަދި މީނާ މިހާރު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި އެވަނީ، އަލީ ހާޝިމް ވެސް 2 މަހާއި 15 ދުވަސް ވަންދެން އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހައްޔަރުކޮށްގެން ގެންގުޅު އުސޫލުން ކަމަށް މިޕާޓީން ދެކެމެވެ. އެހެންކަމުން އަބްދުﷲ ޖާވިދުގެ މައްޗަށް އެއްވެސް ހެއްކެއް، ޤަރީނާއެއް ލިބިފައި ނެތުމާއި އެކު އޭނާ ވަގުތުން ދޫކޮށްލުމަށް ވެސް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިޕާޓީން ގޮވާލަމެވެ.

ވީމޢ މުޅި މި ދިވެހި ޤައުމު އެދިއެދި އޮތް ފަދައިން ޑރ. އަފްރާޝީމް ޢަލީގެ އެ އަނިޔާވެރި މަރުގެ ހަޤީގީ ޤާތިލުން ހޯދުމަށާއި މިކަމުގައި ސިޔާސީ މަޤްސަދުތައް ޙާސިލް ކުރައްވަން މަސައްކަތް ނުކުރުމަށް މިޕާޓީން ހަރުއަޑުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް