ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ ކޮންމެފަދަ ހާލަތެއްގައިވެސް ޤައުމު ގޮވައިގެން ކުރިޔަށް ވަޑައިގެންނަވާނެ ހިތްވަރު ހުރި ބޭފުޅެއް ކަމަށް އަލްހާން ވިދާޅުވެއްޖެ

6 ޖުލައި 2010

haruge-04-07-2010-alhaan-600-x-450

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަކީ، ކޮންމެފަދަ ހާލަތެއްގައިވެސް ޤައުމު ގޮވައިގެން ކުރިޔަށް ވަޑައިގެންނަވާނެ ހިތްވަރު ހުރި ބޭފުޅެއް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޒުވާން މެންބަރު އަދި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލްހާން ވިދާޅުވީ އެމް.ޑީ.ޕީއަށް ނުވިކަމެއް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނުވިކަމެއް، އެހެން އެއްވެސް ޕާޓީއަކަށްވެސް އަދި އެޕާޓީގެ އެއްވެސް ފަރާތަކަށްވެސް ނުކުރެވޭނެކަމަށެވެ.
ޤައުމަށް ޚިޔާނަތްތެރިވެފައިވާ ފަރާތްތަކުގެ ވާހަކަފުޅަށް އަލި އަޅުއްވާލައްވަމުން އަލްހާން ވިދާޅުވީ، ޤައުމަށް ޚިޔާނަތްރިވެފައިވާ ފަރާތްތަކުގެ ޚިޔާނާތް އެފަރާތްތަކަށް ނުފޮރުވޭނެކަމަށާއި އެއީ ސިއްރުކުރޭވެނެ ކަމެއްވެސް ނޫންކަމަށެވެ.
މި ޖަލްސާގައި އެމް.ޑީ.ޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން އެމް.ޑީ.ޕީގެ ބައެއް އާއްމު މެންބަރުންވެސް ވާހަކަދެއްކެވިއެވެ. މިއީ މިހާތަނަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެންމެ ފޯރިގަދަ އެއް ޖަލްސާ އެވެ. އަދި ހަރުގޭގައި އޮތް ޖަލްސާއަކަށް މިހާތަނަށް އެންމެ ގިނަ މީހުން ހާޒިރުވި ޖަލްސާ އަކީ ވެސް މި ޖަލްސާކަން ވަނީ ފާހަގަކުރެވިފައެވެ. މިޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އެމްޑީޕީ ހަރުގެއާއި، އެހަރުގެއާއި އިންވެގެން އޮންނަ ޕާކު ފުރި، އެތައް ސަތޭކަ ބަޔަކު މަގުމަތީގައި ވެސް ޖަލްސާ އަޑުއަހަންތިބިކަން ފާހަގަކުރެވެއެވެ.
މިހާގިނަ އަދަދެއްގެ ބަޔަކު ހަރުގެ ޖަލްސާތަކަށް ހާޒިރުވާން ފަށާފައި މިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ކޮށްފައިވާ ރިޝްވަތާ ގުޅުންހުރި މުޢާމަލާތުތަކެއް ހިމެނޭ އޯޑިއޯ ކްލިޕްތައް ލީކުވުމާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނޭ ކަމުގެ އުއްމީދު އާވުމުން ކަމަށް ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.