ސަރުކާރުގެ ކަންބޮޑުވުންތަކަކީ ހަޤީޤީކަންބޮޑުވުންތަކެއް ކަމުގައި ޤަބޫލުކުރާ ކަމުގައި އެމްޑީޕީ އިން ބުނެފި

5 ޖުލައި 2010

ސަރުކާރުގެ ކަންބޮޑުވުންތަކަކީ ހަޤީޤީކަންބޮޑުވުންތަކެއް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދެވޭނީ ސަރުކާރު ހިންގުމުގެ ބާރުގެތެރެއަށް ރައްޔިތުންގެ މަޖިލީހުން ނުވަދެ ސަރުކާރަށް އާންމުދަނީ ލިބޭނެމަގަށް ހުރި ބިލްތަކާއި ޤައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް ހުރި ބިލްތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ހުރި ބިލްތައް ވީހާވެސް އަވަހަކަށް ނިންމުމުގެ މައްޗަށް އިސްކަމެއް ދެވިގެންކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީ އިން މިކަން ހާމަކޮށްފައިވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އިއްޔެ ފޮނުއްވި ސިޓީއެއް ގައެވެ.

މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން އެންމެހާ ދިވެހި ރައްޔިތުންނަށް ދީފައިވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ، އެ ޙައްޤުތަކާއި މިނިވަންކަން ބޭނުންކުރުމަށް ހަދަންޖެހޭ އެންމެހާ ޤާނޫނުތައް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލާޒިމުކޮށްފައިވާ” ކަމެއް ނަމަވެސް އެފަދަ ޤާނޫނުތައް ހެދުމަށް ދޭންޖެހޭ އިސްކަމަށް ވުރެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީތަކުން، އެމީހުން ބޭނުންވާ ސިޔާސީ މަގުޞަދުތައް ޙާޞިލުކުރުމަށްޓަކައި ހުށަހަޅާ ތަފާތު ޤަރާރުތަކާއި، ޤާނޫނުތަކަށް ހުށަހަޅާ ތަފާތު އިސްލާހުތަކަށް މަޖިލީހުގެ ރިޔާޞަތުން ޙާއްޞަ އިސްކަމެއް ދެއްވައިގެން އެޖެންޑާ ކޮށްދެއްވަމުން ގެންދަވާކަމަށްޓަކައި ހިތާމަކުރާ ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 297 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން އިންތިޤާލީ މަރުހަލާއެއްގެ ގޮތުގައި ލިބެނީ ޤާނޫން އަސާސީ ތަސްދީގުކުރާ ތާރީޚުންފެށިގެން ގިނަވެގެން 2 އަހަރު ދުވަހުގެ މުހުލަތެއް ނަމަވެސް އެ ސުންގަޑިއަށް ހަދަންޖެހޭ ޤާނޫނުތައް ނުހެދި އޮތުމަކީ އެމްޑީޕީ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ސިޓީގައި ވެއެވެ.
” މިއާއެކު ދައުލަތުގެ ދަރަނި ކުޑަކޮށް ހަރަދު ކުޑަކުރުމަށް އަޅުއްވާ ހުރިހާ ފިޔަވަޅަކާ މަޖިލީހުން ދެކޮޅުހައްދަވާއިރު ، ދަޢުލަތަށް އާމްދަނީ ހޯދުމަށް ޓަކައި ހަދާން ޖެހޭ ޓެކުސް ބިލްތައް މަޖިލީހުގެ ކޮމެޓީތަކުގައި މަޑުޖެހިފައިވާކަމާއި، އެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް މުޤައްރިރުންގެ ގޮތުގައި ތިއްބެވީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީ ތަކުގެ މެންބަރުންކަން އަޅުގަނޑުމެން ފާހަގަކުރަމެވެ.” އެމްޑީޕީގެ ސިޓީގައި ވެއެވެ.
ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ޤާނޫނީ ސާރުކާރުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވެން ނެތްކަމަށްވިދާޅުވެ، ވަޒީރުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައިވާ ކަން ފާހަގަކުރައްވަމުން، “މިކަމަކީ ޑިމޮކްރެޓިކް އުސޫލުން މިރާއްޖޭގައި އުފެދިފައިވާ ސަރުކާރަކަށް ސިދާ މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުން ފިއްތުންތަކެއް ކުރިމަތިކޮށް ސަރުކާރު ހުއްޓުމަކަށް ގެނައުމަށް އެފަރާތްތަކުން ކުރަމުންދާ ކަމެއްކަމަށް ސަރުކާރުން އެވިދާޅުވާ ވިދާޅުވުމުގައި ވަރަށް ބޮޑެތި ހަގީގަތްތަކެއް އެބައޮތްކަމަށް” ޤަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ކަންމިހެން އޮތުމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމުގައި މަޖިލީހުން ކުރިމަތި ކުރަމުން އަންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި، އެޕާޓީގެ ސިޓީއާއިއެކު ލިސްޓްކޮށްފައިވާ ބިލްތަކުގެ މަސައްކަތް ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން ނުފެންނަ ކަމަށާއި، އެ މަސައްކަތަކީ ޚާއްސަ މަސައްކަތެއްގެ ގޮތުގައި މަޖިލީހުގެ ތަޅަމުގަޔާއި ކޮމެޓީތަކުގައި ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިއުމުގައި މަޖިލީހުގެ ރައީސްގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ނިހާޔަތަށް ބޭނުންވެފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްގެ ސިޓީގައިވެއެވެ.