ސަރުކާރުން ހިންގަން ތިބި ފަރާތްތަކުން ދައްކަމުން ގެންދާ ހީލަތްތެރި ވާހަކަތަކަށް ހެއްލި ވަޑައިނުގަތުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

އެކިއެކި ކަންކަމުގައި ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރު ހިންގަން ތިބި ފަރާތްތަކުން ދައްކަމުން ގެންދާ ހީލަތްތެރި ވާހަކަތަކަށް ހެއްލި ވަޑައިނުގަތުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވާލެއްވީ، އެމްޑީޕީން މިހާރު ކުރަމުން ގެންދާ ބޮޑުތިލަދުންމަތީ ވަޢުދުގެ ދަތުރުގައި ރޭ ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ދައްކަމުން ގެންދާ ހީލަތްތެރި ވާހަކަތަކަށް ހެއްލި ވަޑައިނުގެން، ހަމަ ބުއްދީގައި ހުރެ، ހަމަ ވިސްނުމުގައި ހުރެ ރާއްޖޭގައި މި ހިނގާ އެންމެހާ ކަންތަކާއި މެދު ވިސްނާވަޑައިގަތުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އާދޭހާއި އެކު އެދިވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ތަރައްޤީ ގެނެވެން އޮތީ، ވިޔަފާރީގެ އުސޫލުން ހިންގެން ހުރި ކަންތައް ވިޔާފާރީގެ އުސޫލުން ހިންގުމަށް ބޭރުގެ ފަރާތްތައް ފުރުސަތު ދީގެންކަމަށާއި، ސަރުކާރުން އެއަރޕޯރޓް ތަރައްޤީކުރުމަށް އެކަނި ނަގާ 500 ނުވަތަ 600 މިލިއަން ޑޮލަރުގެ ލޯނެއްގެ ސަބަބުން، ރާއްޖޭގެ އެހެނިހެން ކަންކަން ތަރައްޤީ ކުރުމަށް އެހީ ހޯދުމުގެ ފުރުސަތު ހަނިވެގެން ދާނޭކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭ މިއަދު މިދަނީ ކަނުބަދެގެން ތިބެ ބޮޑު އަނދަވަޅަކަށް ވެއްޓެން ކަމަށާއި، ޖަޒްބާތުގައި ޖެހިވަޑައިގެން ނުތިބެ މި ރާއްޖެއަށް ވަމުން މިދާގޮތާއި މެދު ވިސްނާ ވަޑައިގަތުމަށް ރާއްޖޭގެ އެންމެހާ ޒުވާނުންގެ އަރިހުން އާދޭހާއި އެކު އެދިވަޑައިގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެކިއެކި މެމްބަރުންނާއި ގުޅޭގޮތުން ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބި ފާރާތްތަކުން ދައްކަވަމުން ގެންދާވާ ވާހަކަތަކާއި މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.