ފަހުގެ ޚަބަރު: ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީ އިން ނިންމައިފި

4 ޖުލައި 2010

އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދެމުންދާތީ އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރުމުގެ ގޮތުން މާލޭ ގައި އެމްޑީޕީން ބޮޑު މުޒާހަރާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. އެޕާޓީން މިގޮތަށް ހަމަޖެއްސީ މިއަދު ހަވީރު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ 80 ވަނަ ޖަލްސާގައި ފާސްކުރި ޤަރާރަކުންނެވެ.
ޤައުމީ މަޖިލީހުގެ މެންބަރު ޢަސްލަމް ޝާކިރު ހުށަހަޅުއްވައި، އެ މަޖިލީހުގެ މެންބަރު ޝުޢައިބު ޢަލީ ތާޢީދުކުރެއްވި މި ޤަރާރުގައިވާ ގޮތުން “ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން، މިޤައުމުގައި އުޅޭ އެންމެހާ ރައްޔިތުން އެ ޤާނޫނު އަސާސީ އަށް ކިޔަމަންވުމަށް ބުނާ” ކަމަށާއި، “އަދި ޤާނޫނު އަސާސީ ގައި މި ރާއްޖޭގައި އޮންނާނީ 3 ބާރު ވަކިވެފައިވާ، ރިޔާސީ ނިޒާމެއް ކަމަށް ބުނާ ހިނދު،
މީގެ ތެރެއިން އެއް ބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން، ވެރިކަމުގެ ދަހިވެތި ކަމުގައި، ރިޝްވަތުގެ ހަޑިމުޑުދާރު އަމަލު ހިންގައި، ރާއްޖޭގެ ޤާނޫނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހުއްޓުވައި، ރައްޔިތުންނާއި ސަރުކާރާއި ދެމެދު ފިތުނައާއި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ” ކަމަށް އެމްޑީޕީން މިއަދު ފާސްކުރި ޤަރާރުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންގެ ޤާނޫނީ ސަރުކާރާއި ދެކޮޅަށް، ރިޝްވަތުގެ ބިރުވެރިކަން ފަތުރާފައިވާތީ މި ހަޑިމުޑުދާރު އަމަލު ހުއްޓުވުމަށް، އެމްޑީޕީ އިން ބާއްވާ ޤައުމީ މުޒާހިރާ ބާއްވާ ތާރީޚަކީ 14 ޖުލައި 2010 ވާ ބުދަ ދުވަސް ކަމަށް ވެސް އެމްޑީޕީގެ ޤަރާރުގައި ވެއެވެ.
އަދި އެތާރީޚަށް އެމްޑީޕީގެ އެންމެހާ މެންބަރުންނާއި، އެޕާޓީއަށް ސަޕޯޓުކުރައްވާ އެންމެހާ ފަރާތްތަކާއި، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ތާޢީދު ކުރައްވާ އެންމެހާ ދިވެހިރައްޔިތުން މާލެ ވަޑައިގެން، މި ޤައުމީ މުޒާހިރާއަށް ދަޢުވަތުއަރުވައި މިކަމުގައި ބައިވެރިވެލެއްވުމަށް އެމްޑީޕީގެ ޤަރާރުގައި އެދިފައިވެއެވެ.
މިޤަރާރު ފާސްވެފައި މިވަނީ ޤައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުވި 32 މެންބަރުންގެ އިއްތިފާޤުންނެވެ.