އެމްޑީޕީ ބާޒާރުން ބައިލައްކަ ރުފިޔާގެ ބޮޑު ފައިދާއެއް!

ލިޔުނީ: ލުޝާން
އެޑިޓްކޮށް އަޕްޑޭޓްކުރީ: ރާމިޒް

ހުސްވި މަހުގެ 14ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އެމްޑީޕީ ބާޒާރުން ބައިލައްކައަށް ވުރެން ގިނަ ރުފިޔާގެ ފައިދާއެއް ވެފައިވާކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަންޑް ރައިޒިން ކޮމެޓީއިން ހާމަކުރައްވައިފިއެވެ.

އެ ކޮމެޓީން ހާމަކުރެއްވިގޮތުގައި ޢާއްމު ހުރިހާ ފަރާތްތަކަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ބާޒާރުން ޚަރަދު ކެނޑުމަށް ފަހު 56,940.58 ފައިދާއެއް ވެފައިވާކަމަށެވެ. ޖުމްލަ 20 ސްޓޯލާއި އެކު ކުރިއަށް ގެންދިޔަ މި ބާޒާރުގައި ސްޓޯލެއް ވިއްކާފައިވަނީ 2000 ރުފިޔާއަށެވެ.

އެމްޑީޕީގެ ބާޒާރުގައި ބައިވެރިވި ފައިން ރޯސް ފޮތި ފިހާރައިގެ ވެރިޔާ މުޙައްމަދު އަޙުމަދު، އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އިސްނަގައިގެން ޢާއްމު ރައްޔިތުންނަށް މިފަދަ ފައިދާ ބޮޑު މަސައްކަތެއް ކޮށްދެއްވީތީ އުފާކުރާ ކަމަށެވެ.

” މުޅިން އާކަމަކެއް މީ ސިޔާސީ ޕާޓީއަކުން އިސްނަގައިގެން މިފަދަ ކަމެއް ކުރުން މީ. މި ކަމަކީ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ފައިދާ ހުރި ކަމެއް. އެމްޑީޕީން ހުޅުވާލި މި ފުރުސަތުގެ ސަބަބުން ފިހާރާގައި ނުވިކި ގިނަ ދުވަސްވެފައިވާ މުދާ ވިއްކާލުމުގެ ފުރުސަތު ލިބި، ފިހާރައަށް އާ މުދާ ވެއްދުމުގެ ފުރުސަތު ވަނީ ލިބިފައި. ” މުޙައްމަދު އަހުމަދު ވިދާޅުވިއެވެ.

މުޙައްމަދު އަޙުމަދު އިތުރަށް ވިދާޅުވީ، އެމްޑީޕީ ބާޒާރުން އޭނާއަށް 75000 ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ.

އެމްޑީޕީ ބާޒާރުގައި އެކި ފަރާތްތަކުން ވަނީ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ހެދުމާއި، އަދި މި ނޫން ވެސް ގިނަ ވައްތަރެއްގެ މުދާ ވިއްކާފައެވެ. އަދި މި ބާޒާރަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.