މިއަހަރުގެ ބަޖެޓްގައި ހުރި ކަންކަމަކީ ދެއުޅިއެއްވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ގައި ހުރި ކަންކަމަކީ ދެއުޅިއެއްވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ހދ.ނޭކުރެންދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 15 ޕަސެންޓްގެ ޖީއެސްޓީ އަކީ އަޅުގަނޑުމެންނަށް އުފުލޭނޭ ބުރައެއް ނޫން ކަމަށެވެ. އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ މިކަން ހަމަމަގަށް އެޅުވުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ނޭކުރެންދޫގައި ޖަލެއް އެޅުމަށް ރާވައި، އެ ޖަލުގެ ކުރެހުންތައް ވެސް ނިންމި ކަމަށާއި، އެހެން ނަމަވެސް މިހާރު އިވެނީ އެކަން ވެސް އަނބުރާލަން އުޅޭ ވާހަކަ ކަމަށް ވިދާޅުވެ އެއީ ރަގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނޭކުރެންދޫގައި ގެސްޓް ހައުސް ޕްރޮގްރާމެއް ހިންގައި، ދަތުރުފަތުރުކުރުމުގެ ޕްރޮގްރާމް ވަރުގަދަ ކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާދަވެރި ސިޔާސީ ފަރާތްތަކުން ވަރަށް ބޮޑަށް ވަތަނީ ރޫހެއް ގެންގުޅެ ރާއްޖެ ބޭރު ދުނިޔެއަށް ހުޅުވާލުމަށް ހުރަސްއެޅި ނަމަވެސް އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންގެ ގާތުން އަހައި އޮޅުންފިލުވައިގެން ރާއްޖެ އަށް ބޭރުގެ އިންވެސްޓްމެންޓް ގެނެސް، އަވަސް ހަލުވި ތަރައްގީއެއް ގެނައުމުގެ ތަސައްވުރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އެބައޮތް ތަސައްވުރެއް. އެމީހުންގެ މިއޮތް ތަސައްވުރަކީ ވަރަށް ބޮޑަށް ވަތަނީ ރޫހެއް އުފެއްދުން. މިރާއްޖެ ހުޅުވާލުމަށް ހުރަސްއެޅުން. މިރާއްޖެއަށް އިންވެސްޓްމެންޓް ގެނެސް ހަލުވިކަމާއެކު ރާއްޖެ ބޭރު ގައުމުތަކަށް ހުޅުވިއްޖެ ނަމަ، ވަރަށް އަވަހަށް ތަރައްގީ ލިބޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ ތަރައްގީ. އަޅުގަނޑުމެންގެ ބޭނުމަކީ ރައްޔިތުންގެ ގާތުން އޮޅުން ފިލުވާފައި އެތަރައްގީ ގެނައުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.