އަފްރާޝީމް މަރާލި މީހާ އެރޭ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި – ރައީސް ނަޝީދު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލާފައިވާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހާ އެރޭ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި މިއަދު ހދ.ވައިކަރަދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަފްރާޝީމްގެ ގާތިލް ހަމައެރޭ މެދު އިރުމަތީގެ ގައުމަކަށް ފުރައިގެން ގޮސްފައި ކަމަށެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަކީ މި ރާއްޖެއާ ގާތް ގައުމެއްގައި ހިނގައިދިޔަ ހާދިސާ އަކާ ގުޅުންހުރި އަމަލެއް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެ މައުލޫމާތު އެމަނިކުފާނަށް ދެއްވީ އެކުވެރި ގައުމުތަކުގެ 2 އިންޓެލިޖެންސް އެޖެންސީއަކުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާޝީމް މަރާލި މީހާ ވަނީ އެ ރޭ، ރާއްޖެ ދޫކޮށް ގޮސްފައި. އެ ރޭ، އެމީހަކު ވަނީ މެދު އިރުމަތީގެ ގައުމަކަށް ފުރައިގެން ގޮސްފައި. އެއީ މިރާއްޖެ އާ ގާތް ގައުމެއްގައި ހިނގައިދިޔަ ހާދިސާ އަކާ ގުޅުންހުރި އަމަލެއް. މިއީ ބައިނަލް އަޤްވާމީ ކަމެއް. އަޅުގަނޑަށް މި މައުލޫމާތުދެއްވީ އެކުވެރި ގައުމުތަކުގެ ދެ އިންޓެލިޖެންސް އެޖެންސީ އަކުން”. ރައީސް ނަޝީދު ވިދާޅުވިއެވެ.

ކަން މިހެން ހުރި ނަމަވެސް ސަރުކާރުގެ ވަޒީރުން ވެސް އުނގޫފާރަށް ވަޑައިގެން އަފްރާޝީމް އަވަހާރަކޮށްލީ އެމްޑީޕީން ކަމަށް ވިދާޅުވެ އެކަން ސިޔާސީ ކަމަކަށް ހައްދަވަން މަސައްކަތްކުރައްވާފައިވާތީ އެކަމާ ހިތާމަފުޅުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން އެބާވަތުގެ އަމަލެއް ނުކުރާނޭ ކަމަށާއި، އަދި ސިޔާސީ ބޭނުމެއްގައި އެފަދަ ވާހަކައެއް ވެސް ނުދައްކަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހުރިހާ ކަމަކާ އެކުވެސް އެދާއިރާގެ އިންތިޚާބުގައި ކުރީގެ އިންތިޚާބާ އަޅާބަލާއިރު 2 ގުނަ މަތިން ވޯޓު ލިބިފައިވާ ކަމަށާއި، ކުރީގައި އަޤްލަބިއްޔަތު ލިބިފައިނުވާ ތަންތަނުން މިހާރު މިފެންނަ ތާއީދުން އެމްޑީޕީން ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރާނޭކަން ސާފުވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ މީހުން ލައްވައި ގަދަކަމުން އެއްބަސް ކުރުވައި، އޭގެ މައްޗަށް ޝަރީއަތް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ދެކެވެމުންދާ ވާހަކައަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ ރަގަޅަށް ތަހުގީގުކޮށް ހިންގުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާ ކަމަށާއި، “އިއުތިރާފް ބަޔާނެއްގެ މައްޗަށް ބިނާކޮށް ޝަރީއަތް ހިންގައިގެން ނުވާނޭ”، ކަމަށެވެ.

“އިއުތިރާފްގެ މައްޗަށް ބިނާކޮށް ޝަރީއަތް ހިންގައިގެން ނުވާނެ. އަޅުގަނޑު އިލްތިމާސްކުރަން ފުލުހުން ވެސް މިކަން ރަގަޅަށް ތަހުގީގުކޮށް ހިންގުމަށް. މިހެން ދަންނަވާއިރު ވެސް އަޅުގަނޑަށް އިނގޭ (ޕޮލިސް ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގެން ހުންނެވި) އަބްދުﷲ ރިޔާޒްގެ މިކަން ކުރުމުގެ ގާބިލްކަން ނެތްކަން. އެއީ ބަޣާވާތްކުރައްވައިގެން އެ ސަރުކާރު ދިފާއުކުރެއްވުމުގަ އުޅުއްވާ، އާންމު މަސްލަހަތާއިގެން ނޫޅުއްވާ ކަމުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.