ނޫސް ބަޔާން: ޖީއެމްއާރު އެއްބަސްވުން އުވާލުން ކުށްވެރިކޮށް އެމްޑީޕީ ވ.ކެޔޮދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން ބުނާ ބުނުމަކީ މި ދާއިރާއިން އެއްގޮތަކަށްވެސް ބަލައިގަންނަކަމެއް ނޫނެވެ.

މިކޮންޓްރެކްޓް މިފަދަ ނާތަހުޒީބީ އަދި އިންސާފުންބޭރު ގޮތަކަށް ރޫޅާލުމުން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖެއާއިމެދު އެފަރާތްތަކުގެ އިތުބާރުގެއްލި، ފޫނުބެއްދޭފަދަ ގެއްލުންތަކެއް ލިބެމުންދާނެކަމަށް މި ދާއިރާއިން ދެކެމެވެ. މި ދާއިރާއިން ދެކެނީ މިފަދަ ގޮތަކަށް މިހާރުގެ ބާޣީ ސަރުކާރުގެ ތެރޭގައި ތިބި ބައެއްގެ އަމިއްލައެދުން އިސްކޮށް ނަހަމަ ގޮތުގައި ނިންމާފައިވާ މި ނިންމުމަށް ޖީއެމްއާރު އިން އަމަލުކުރަން ނުޖެހޭނެކަމަށެވެ.

އަދި، ރާއްޖެއަށް ނުހަނު އެހީތެރިކަން ފޯރުކޮށްދެމުންގެންދާ އަވަށްޓެރިގައުމެއްކަމުގައިވާ އިންޑިޔާއަށް ޒާތީގޮތުން ޖައްސާލައިގެން މިސަރުކާރުން ހިންގަމުން މިގެންދާ އަމަލުތަކަކީ ވަރަށްވެސް ނާތަހުޒީބީ އަދި އެކަމުގެ ސަބަބުން މިރާއްޖެއަށް ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއްލިބިގެންދާނެ ކަމެއްކަމުގައި މިދާއިރާއިންދެކެމެވެ. އަދި ބާޣީން އިސްވެތިބެ، މިގައުމުގެ އިގްތިސާދު ފުޑާލުމަށް ހިންގަމުން މިގެންދާ ހަރަކާތްތައް ވަގުތުން ހުށްޓާލުމަށް މިދާއިރާއިން ގޮވާލަމެވެ.


ބަޔާން ނެރުނީ: އިސްމާއީލް ޝަފީއު
އެމްޑީޕީ ވ.ކެޔޮދޫ ދާއިރާ ރައީސް