ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލު ފާސްކުރައްވައިފިއެވެ
މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓުކުރުމުގެ މަރުޙަލާގައި މަޖިލީހުގެ ގަވާއިދުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު 7 އިޞްލާޙުގެ ތެރެއިން ވޯޓަށް އައްސަވާފައިވަނީ 6 އިޞްލާޙަކަށެވެ. މީގެތެރެއިން ފާސްވެފައިވަނީ 5 އިޞްލާޙެކެވެ. 56 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅި ތާއީދު ލިބިފައިވާ 2 އިޞްލާހުގެ ތެރެއިން ފާސްވެފައިވަނީ 1 އިޞްލާޙެވެ. އަދި 56 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުނު 2 އިޞްލާޙުގެ ތެރެއިން ވޯޓަށް އައްސަވާފައިވަނީ، 1 އިޞްލާޙަށެވެ. މިއިޞްލާހުވަނީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި، މިބިލުގެ ތިންވަނަ ކިޔުމުގައި، ބިލުގައި ހުރި ބައެއް މުހިންމު ކަންކަމާގުޅޭގޮތުން މެންބަރުން ފާޅުކުރަން ބޭނުންވާކަމެއް އޮތްކަމުގައިވާނަމަ އެކަމެއް ބަޔާންކުރުމަށް ހުޅުވާލެއްވި ފުރުޞަތުގައި، 19 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. އަދި ބިލަށް ޖަވާބުދާރީވާ ފަރާތުން ބިލު އޮތްގޮތުގެ މައްޗަށް، ފަހު ބަޔާން އިއްވުމުގެ ގޮތުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހީމް ދީދީ ވާހަކަ ދައްކަވާފައިވެއެވެ. އެއަށްފަހު، މިބިލު މަޖިލީހުން ފާސްކުރެވުނު 7 އިޞްލާޙާއެކު ފާސްކުރުމަށް ވޯޓަށް އެއްސެވުމުން ފާސްވެފައިވަނީ، އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ އިއްތިފާޤުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބިލު ފާސްކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާގައި ދެން ކުރިއަށް ގެންދަވާފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ހަމަޖެއްސެވުމަށްޓަކައި، ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ރިޕޯޓު ހުށަހެޅުއްވުމެވެ. މިރިޕޯޓް ހުށަހަޅުއްވައި ދެއްވީ މިކޮމިޓިގެ މުޤައްރިރު ހައްދުންމަތީ މެންބަރު މޫސާމަނިކެވެ. އެއަށްފަހު، މިރިޕޯޓާމެދު ޚިޔާލު ފާޅުކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 8 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. މިއަދުގެ ޖަލްސާގެ ވަގުތު ހަމަވެގެން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީ މިރިޕޯޓަށް އިތުރު މެންބަރުން ވާހަކަދެއްކެވުމަށް އެދިވަޑައިގެން ތިއްބަވަނިކޮށެވެ.
ހުސްވަގުތުކޮޅުގެކުރިން 41 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 43 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 11 ފެބްރުއަރީ 2009 ވާ ބުދަ ދުވަހު ހެނދުނު 9 ޖަހާއިރުއެވެ.