އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އަވަހާރަކޮށްލުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ގޮވާލައްވާފައިވާތީ އެކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 134
ތާރީޚް: 26 ނޮވެމްބަރ 2012 (ހޯމަ)

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އަވަހާރަކޮށްލުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ގޮވާލައްވާފައިވާތީ އެކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރުން

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ (ނޢއވ) އިބްރާހީމް ހުސައިން ޒަކީ އަވަހާރަކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ގޮވާލައްވާފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިބްރާހީމް ހުސައިން ޒަކީ އަކީ އިޚްލާސްތެރިކަމާ އެކު ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި ދިވެހި ސަރުކާރުން އެމަނިކުފާނުގެ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ (ނޢއވ) ގެ މަތިވެރި ލަގަބު ލިބިވަޑައިގެންފައިވާ ދައުލަތުގެ ޢިއްޒަތްތެރިއެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ބައިނަލް އަޤްވާމީ އިސް މަގާމެއް އަދާކުރެއްވުމުގެ ޝަރަފް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ރާއްޖޭގެ ސިޔާސީ ލީޑަރެވެ. އެގޮތުން 1992 ން 1993 އަށް އެމަނިކުފާނު ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސަރކް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ 1966 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތަށް ވަފާތެރިކަމާ އެކު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ ތަފާތު އެކި ޖަމާޢަތްތައް ކަމަށްވާ ސަރކް އާއި، ވަކި ފަރާތަކަށް ނުޖެހޭ ގައުމުތައް ހިމެނޭ ބައިނަލް އަޤްވާމީ ޖަމާއަތް ކަމަށްވާ ނޮންއެލައިންޑް މޫވްމެންޓާއި، އޯރގަނައިޒޭޝަން ފޯރ އިސްލާމިކް ކޮންފަރެންސް (އޯއައިސީ) އާއި، ކޮމަންވެލްތުގެ އިތުރުން އދ. ގައި ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ހެވާއި ލާބައަށް ވަކާލާތުކުރައްވައި ރާއްޖެ ތަމްސީލް ކުރެއްވި ސިޔާސީ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. އަދި އެމަނިކުފާނަކީ އަވައްޓެރި ގައުމުތަކުގައާއި ދުނިޔޭގައި ވެސް ވަރަށް ގަދަރުވެރި ޑިޕްލޮމޭޓެކެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ސަރީހަ ބަހުން (ނޢއވ) އިބްރާހީމް ޙުސައިން ޒަކީ ދަންޖައްސައި، އަވަހާރަކޮށްލުމަށް މުއްތަލިބު ގޮވާލައްވާފައިވާތީ މިއީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށްވާތީ އެކަން ކަންބޮޑުވުމާއެކު ފާހަގަކޮށް، މި މައްސަލަ ބައްލަވައި މުއްތަލިބާ މެދު ފިޔަވަޅުއަޅުއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް