ބައެއްގެ ތެރޭގައި ހުންނަ އާދަކާދަ ތަކަކީ އެތަކެއް ޒަމާނަކުން އެކަމަށް އެބަޔަކު ހޭނި ކަށީގައި ހިގާފައިވާ ކަންކަމެވެ. މިކަންކަމަކީ ދަރިދަރިކޮޅަށް ވާރުތަ ކުރަމުން އަންނަ ކަންކަމެވެ. މިގޮތުން ބަލާއިރު ދިވެހިން މިތިބީ ޚުދުމުޚުތާރު ވިސްނުމާއި ފިކުރުގެ ސަގާފަތުގެ ތެރެއަށް ވަދެ އެއާދަކާދައިގެ ސަގާފަތުގެ ތެރޭގައި ފިތިބާރު ވެފައެވެ. ދިވެހިންގެ އަމަލުތައް ވެސް ހުންނަނީ މިސަގާފަތާއި އެއްގޮތަށް ތަގުޅި އެޅިފައެވެ. ކަން މިހެން ހުރުމުން އެސަގާފަތުގެ ނުފޫޒުން ފިކުރާ ތަބީއަތް ކުއްލި ގޮތަކަށް ބަދަލު ކުރުމަކީ ނަފްސީ ހަގުރާމައަކަށް ނޫނީ ވާނެ ކަމަކަށް ނުބެލެވެއެވެ. މިގޮތަށް ބަލާއިރު އިންސާނުން ދަރަޖަ ކުރުމުގެ ސަގާފަތާއި އޭގެން އުފެދިގެން އަންނަ ކަންތައްތަކެއް ހުންނަކަން ގަބޫލު ކުރަން ޖެހޭމެއެވެ. އަދި ބަޔަކު ކިތަންމެ މޮޅަށް ތައުލީމު ލިބިގަތަސް ފާހަގަ ކުރެވުނު ސިފަތަކުން ދުރަށް ދެވެނީ އެތަކެއް ޒަމާނަށް ފަހުގައި ކަމީ އިންސާނީ ތާރީޚުން ފެންނާން ހުރި ހަގީގަތެވެ.
މިރޮގުން އަޅުގަޑު ވިސްނާ ފިކުރު ހިންގާއިރު ދިވެހިރާއްޖޭގައި މިދެންނެވި ސަގާފަތް ބަދަލު ކުރުމުގެ ނަފްސީ ހަގުރާމަ ކުރެވެމުން އަންނަތާ އެތަކެއް ގަރުނު މާޒީވެ ހިގައްޖެއެވެ. ބޮޑުތަކުރުފާނުގެ ރަސްކަމުން ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރުގެ ލިޔުންތަކުން މިދަރުސުތައް ފާހަގަ ކުރެވެއެވެ. މިކަންކަމަށް ކުރިއެރުމާއި ފަހަތަށް ޖެހުމާއި މިކަންކަން ހިގަމުން އައިސް އަޅުގަޑުމެން ހޭލާގަތް ދުވަސްވަރުވެސް މިކަމުގެ ކުލަވަރު ވަރަށް ފާޅުކޮށް ފެންނާން ހުރެއެވެ. އަޅުގަޑު ކިރިޔާ ހަދާން ހުންނަ ދުވަސްވަރު އަޅުގަޑުގެ މަންމަގެ ބޮޑުދައިތަ އަރިހުގައި އީދު ދުވަހަކު މީގެ ގަޑުވަރަކަށް ގެންދެވިއެވެ. އެގަޑުވަރުގެ މަނިއްޕުޅު އުދޯލި ދާންކޮޅުގައި އިންނަވާއިރު އަރިހަށް އައިސް ތިބޭ ބޭފުޅުންނާއި މީހުން ތިބޭން އެކި ދަރަޖައިގެ ގޮޑިކޮޅު ހުއްޓެވެ. ކަޅުވަކަރު ގޮދަޑިޖެހި ގޮޑި ކޮޅާއި، އަދަރާދަ ގޮޑި ކޮޅާއި ތިރި އަށި ފާޑުގެ ގޮޑިއެވެ. އަޅުގަޑަކީ ތިރިއަށި ދަރަޖައިގެ ކުއްޖެއް ކަމުން ބޮޑިބަތް ތައްޓެއް ދެއްވާފައި ބޭންދެވީ އޭގެ އަށްޓެއް ގައެވެ.
މިކަންކަން މިމަގުން ހިގަމުން އައިސް އަޅުގަޑުމެންގެ ހަޔާތުގައި މިދެންނެވި ސަގާފީ ހުރަސް އިންސާނީ ހަމަހަމަ ކަމުގެ ތެރެއަށް ފެތިގެން ދާން ފެށުމުގެ ކޮންމެވެސް ވަރެއްގެ ބަދަލެއް ފެންނާންފެށީ ތައުލީމު ދިނުމުގެ ބަދަލު އަންނާން ފެށި ދުވަސްވަރުން ފެށިގެން ކަމަށް އަޅުގަޑަށް ފާހަގަ ކުރެވެއެވެ. ރާއްޖޭގައި އިގިރޭސި ތައުލީމު ލިބެން ފެށި ފަހުން މިސަގާފަތަށް ބަދަލު ތަކެއް އަންނަން ފެށިއެވެ. އެއީ 1960 ގެ ދުވަސްވަރެވެ. މިކަމުގެ ސަބަބުން މިސަގާފަތުގެ ކުލަ ފަޑުވަމުން އައިސް މިހާރު މިސަގަފާތް މިވަނީ ރާއްޖޭގެ ސިޔާސީ މައިދާނާ ހަމައަށް ފޯރާފައެވެ. މިދެންނެވި އާދަކާދައިގެ ނުފޫޒު ސިޔާސީ މައިދާނަށް ފޯރި ކަމުގައި ވިޔަސް ސިޔާސީ މައިދާނުގައި ނުކުމެ ތިބި ފަހުލަވާނުންގެ ފިކުރާއި ނަފުސުގެ އަރާރުމަށް ކުރިއެރުން ލިބޭލެއް ލަސްކަން ފާހަގަ ކުރަން ޖެހެއެވެ.
ރިޔާސީ ނިޒާމަށް ވެރިކަން ހިންގަމުން އައި މިރާއްޖޭގެ ރައީސްކަން ، ރައީސް އިބްރާހިމް ނާސިރުން ރައީސް މައުމޫނަށް ބަދަލު ވެގެން ދިޔައީ 1978 ގައެވެ. ކިތަންމެހާ އޮމާން ބަދަލަކަށް ވީނަމަވެސް މިދެންނެވި އާދަކާދައާއި ފިކުރީ ބަދަލު އަޅުގަޑުމެންގެ ތެރޭގައި ނެތްކަން ފާހަގަ ކުރަން ޖެހެނީ ހިތާމަ އާއި އެކުގައެވެ. ރައީސް ނާސިރަށް ދިވެހި ދައުލަތުންނާއި ސަރުކާރުން ދެއްވަން ޖެހޭ ހުރުމަތް ހަމަ އިސާހިތަކުމެ ކަޑާލެވިއްޖެއެވެ. ހަމަ އެއާއި އެކު ޚުދުމުޚުތާރު ކަމާއިއެކު އާއިލީ ވެރިކަމަކަށް ދިވެހި ޖުމްހޫރީ ވެރިކަން ބަދަލު ވެގެން ދިޔައެވެ. ޖުމްހޫރީ ވެރިކަމުގެ ބިންގާ ފުޑުފުޑުކޮށް މުގުރާ ވަޅުލީއެވެ. އާއިލީ ވެރިކަމުގެ ތަޚުތަށް ރަގަޅަށް ފެތި ހަމަޖެހިލިއިރު ދުނިޔޭގެ އެންމެ އަނިޔާވެރިންގެ ލިސްޓުގައި ރާއްޖޭގައި އޮތް އާއިލީ ވެރިކަން ކަޅު އަކުރުން ލިޔެވެން ފަށައިފިއެވެ. ދިވެހި ޖުމްހޫރިއްޔަތަކީ ބޭރުގައި ލާފައި އިން އޮފެއްކަމުގައި ދުނިޔެ ގަބޫލު ކުރަން ފެށިއެވެ. ރައްޔިތުންގެ ޖީބުން ހޭދަކޮށްގެން ހަމަ އެރައްޔިތުންނަށް އަނިޔާ ލިބުނު ހިދުވެސް ރައްޔިތުންގެ ދިފާއުގައި އޮތް އެންމެ ބޮޑު މަޖްލިސް އޮތީ ޚުދުމުޚުތާރު ވެރިޔާގެ މަޖްލިހެއްގެ ގޮތުގައެވެ.
ހަގީގަތަށް ބުރަވެ ބަލައިލާއިރު މަޖިލީސް އޮތީ ކޮންމެ ފަސް އަހަރަކުން ރައީސް މައުމޫނުގެ ވެރިކަން ސައްހަކޮށް ތައްގަޑު ޖަހާ މަޖިލީހެއްގެ ގޮތުގައެވެ. ރާއްޖޭގެ ވެރިކަމަށް ތިމަންނާ އައީ ފިސްތޯލަ ހިފައިގެން ތިބި ގުރޫޕަކާއެކު ވެރިކަން ހިފަން ކަމަށް މަޖިލީހުގައި ހާމަ ކުރުމުންވެސް ހަމަ ޗުއްޕު ބުނާނެ މެމްބަރަކުވެސް ނުވިއެވެ. އެއަށްފަހު ހޮވުނު މެންބަރަކަށްވެސް އެކަމުގެ ވާހަކައެއް ނުދެއްކުނެވެ. ކަމުގެ ހަގީގަތަކީ މިއީ ކަން ނުދަންނަ ހަމަ އެކަކުވެސް މިރާއްޖޭގައި ކޮބައިތޯއެވެ؟
ރާއްޖެއަށް މިހާރު ލިބިގެން މިއުޅޭ މިނިވަންކަމާއި އަދި ވަކިން ޚާއްސްކޮށް ރައްޔިތުންގެ މަޖިލީހަށް ގެނެސްދެވުނު އާރާއި ބާރު ހޯދައިދިނުމުގެ ފެށުމަކީ އޭރުއޮތް އާއިލީ ވެރިކަމާ ވާދަކުރަން ނުކުތް އިދިކޮޅު ސިޔާސީ ޕާޓީއެވެ. އަދި ހަމައެއާއިއެކު އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި އެންމެހާ ހަރަކާތްތެރިންނާއި ޖަމާއަތްތަކެވެ. މޮޅެތި ބޭފުޅުންނާއި މަޖިލީސް މެންބަރުން ގޮޑިކޮޅު ތަކުގައި ރައްޔިތުންގެ ޚަރަދުގައި ބޮޑެތި މުސާރަ ހިއްޕަވައިގެން ތިއްބެވީއެވެ. މޮޅެތި އިލްމުވެރިން ރާއްޖޭގެ އަދުލުގެ އުސްގޮޑި ތަކުގައި ތިއްބަވައިގެން ރައްޔިތުންނަށް އަދުލުވެރި ވުމުގެ ބަދަލުގައި ފާޅުގައި ނުކުމެތިބެ ކުރީ އަނިޔާއެވެ. ތިޔަ ވިދާޅުވާ މޮޅެތި އިލްމުވެރިން ޚުދުމުޚުތާރު ވެރިކަމުގެ ވާގިވެރިން ގޮތުގައި ތިބެ އެތެރޭން ބަދަލު ގެންނަން މަސައްކަތް ކުރުމުގެ ގޮތުން އަދުލުވެރިކަން މިނިވަންކޮށް އަދުލުވެރިކަމުގެ ދާއިރާ ރަގަޅު ނުކުރީ ކީއްވެތޯ ސުވާލު ނުކުރާނީ ކާކުތޯއެވެ؟
މައުލޫއަށް އިންސާފު ކުރުމުގެ މިސާލުތަކުގެ ތެރެއިން މަޖިލީހުން ނިންމަންޖެހޭ ކަމެއް ފާހަގަ ކޮށްލާނަމެވެ. އިސްލާހު ކުރެވުނު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ރިޔާސީ އިންތިޚާބު ނިމި ސިޔާސީ ބޮޑެތި ބަދަލުތަކެއް އައި ހިދު އެކަމުގައި ކުރަންޖެހިފައި ހުރި ކަންކަން ނުކުރެވި ހުރިކަމުގެ އައިބު ފާހަގަ ކުރެވެއެވެ. މިހެން މިދެންނެވީ ފުރިހަމަ ރިޔާސީ ނިޒާމަކަށް ދައުވާކޮށް ރިޔާސީ ނިޒާމް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ޕާޓީތަކާއި ރިޔާސީ ނިޒާމް ވިއްކަން އުޅުނު ނޫސްތަކުންވެސް މިދަންނަވާ ކަންކަމަށް ބާރު އަޅުއްވާފައި ނުވާކަމެވެ. ރައީސަކާ ނާއިބު ރައީސެއް ހުންނަވާއިރު ގައި އެބޭފުޅުންނަށް ދައުލަތުން ދެއްވާ އިނާޔަތްތައް ކަޑައަޅާ ނިންމުމާއި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތްތައް ކަޑައަޅާ ގާނޫނީ ނިންމުމެވެ. މިޒާތުގެ ކަންކަމަކީ ބޮޑެތި އުދަގޫ ކަންކަމަށް ނުވާހިދު މިކަންކަން ހަމަޖެހިފައި ނެތުމަކީ ކުރިލިބެމުން އައި ޒަމާނީ ވެރިކަމުގެ އާދަކާދައާއި ދުރަށް ދެވިފައިވާ ކަމެއް ކަމުގައި ބެލެވެއެވެ.
ރާއްޖޭގައި ޒަމާންތަކަކަށް ހިންގަމުން އައި ޚުދުމުޚުތާރު އާއިލީ ވެރިކަން އިންތިޚާބަކުން ބަދަލު ކުރުމަށްފަހު މިހާރު މިތިބީ މުޅިން އާ ސިޔާސީ މާހައުލަކަށް ކުރިމަތިލާން ޖެހިފައެވެ. މިފަދަ ބޮޑެތި ބަދަލު ހަޖަމުކުރަން ދަތި އެތަކެއް ބަޔަކު ތިބޭނެއެވެ. މީގެ ތެރޭގައި ދައުލަތާ ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންވެސް ހިމެނޭނެކަން ކަށަވަރެވެ. މިކަންކަމަކީ ވަކިމީހެއްގެ ކުށެއްކަމަށް ބެލޭން ނެތްކަމާއި ކަމަކީ އިންސާނީ ތަބީއީ ކަމެއް ކަމުގައި ބަލަން ޖެހެއެވެ. އަދި ސަރުކާރުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާން ބޭނުން ވެގެން އެމަސައްކަތް ކޮށްދެއްވާން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް އެބޭފުޅުން ޚިދްމަތް ކުރެއްވުމަކީ އެބޭފުޅުންގެ މަގްސަދެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް މިފަދަ ބޮޑު ބަދަލަކަށް ކުއްލި ގޮތެއްގައި ވަނުމަކީ މިއާދަކާދަ ނެތް ބައެއްގެ ތެރޭގައި ނުވެ ނުދާނެ ކަމެކެވެ. އެހެންކަމުން ޒަމާނީ ވެރިކަމުގެ ސަގާފަތަށް އަޅުގަޑުމެން ބަދަލުވަމުން މިދާ މަރުހަލާގައި ފިކުރީ ބަދަލަށް ހޭނުވުމުގެ ކައުންސެލިންގް ލިބުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ މިފަދަ ބަދަލުތަކަށް ވިސްނުން ހޭނުވުމަށް ޓަކައި އެކިމީހުން އެކި މުއްދަތު ނަގާނެ ކަމަށް ބެލެވޭތީ އާއި މިޒާތުގެ ބަދަލުތަކަށް އަހުލުވެރި ކުރުމުގެ ސައިންޓިފިކް ޕްރޮގްރާމްތަކުގެ ބޭނުން މިޒަމާނުގައި ހިފޭނޭތީއެވެ. (ނިމުނީ)