ފަހުމީ ވަކިކުރުމަކީ މިނިވަން މުޥައްސަސާތަކުގެ މެންބަރުންނަށް ލިބިގެންދާނޭ ރަގަޅު ފިލާވަޅެއް ކަމަށް ސަމީރު ވިދާޅުވެއްޖެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށް އޭނާ އެ މަގާމުން ވަކިކުރުމަކީ މިނިވަން މުޥައްސަސާތަކުގެ މެންބަރުންނަށް ލިބިގެންދާނޭ ރަގަޅު ފިލާވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާ ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ފަހުމީގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވުމުން ސަމީރު އެމްޑީޕީ ވެބްސައިޓަށް ވިދާޅުވީ މިއަދު މިނެގި ވޯޓުން ސިޔާސީ ދާއިރާ ގައި އެމްޑީޕީގެ ބުރަދަން ހުރި މިންވަރު ހާމަވުމުގެ އިތުރުން ދެ ކަމެއް ހާސިލްވެފައިވާ ކަމަށާއި، އެއީ މިނިވަން މުޥައްސަސާތަކުގެ މެންބަރުން އިތުރަށް ޒިންމާދާރުކުރުވުމަށް މަގުފަހިވެގެން ދިއުމާއި، ސިވިލް ސަރވިސް މުޥައްޒިފުންނާއި، އަމިއްލަ އޮފީސްތަކުގެ މުޥައްޒަފުންނާއި މެދު އިހާނެތި އަމަލު ހިންގުމުގެ މަގު ހަނިވުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.

މިއަދުގެ ވޯޓު އެމްޑީޕީން ބޭނުންވި ގޮތަށް ފާސްވުމާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ސަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނަށާއި، އެ ކޮމިޓީގެ މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށާއި، ފަހުމީ އެ މަގާމުން ވަކިކުރުމަށް ފެންނަކަމަށް ވޯޓުދެއްވި ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ފަހުމީ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އޭނާ އެ މަގާމުން ވަކިކުރުމާ އެއްކޮޅަށް ވަކާލާތުކުރެއްވި އެމްޑީޕީ އާއި ޑިއާރުޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ މުޥައްޒަފުންނާ މެދު އެކަށީގެންނުވާ އަމަލު ހިންގައި، މުޥައްޒަފުންނަށް ޖިންސީ ގޯނާކުރުމަކީ ސަރުކާރާއި، އަމިއްލަ އޮފީސްތަކުގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެ ކަމާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އަންހެނުންނަށް ކުރިމަތިކުރާ ގޯނާތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން މި މައްސަލައިގައި ފަހުމީގެ އިތުބާރު ނެތް ކަމަށް ފާސްކުރަންޖެހޭ ކަމަށް ވެސް މެންބަރުން ވިދާޅުވިއެވެ.

ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް ފާސް ކުރަން 38 މެންބަރުން ވޯޓުދީފައިވެއެވެ. މި ރިޕޯޓް ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ 32 މެންބަރުންނެވެ. އަދި 2 މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ. އަދި މިގޮތަށް ފާސްވުމުން ސީއެސްސީގެ ރައީސް ކަމުގެ މަގާމުންނާއި، އެ ކޮމިޝަނުގެ މެންބަރު ކަމުގެ އިތުރުން ޖޭއެސްސީގެ މެންބަރުކަމުން ވެސް ފަހުމީ ވަނީ ވަކިވެފައެވެ.