ކޮރްޕްޝަނާ ދެކޮޅަށް އެމްޑީޕީން ކުރާ މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންގޮސްފި

3 ޖުލައި 2010

picture-204

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދިއުމާ ގުޅިގެން، އެކަން ކުށްވެރިކޮށް އެމްޑީޕީން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށި ސިލްސިލާ މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންގޮސްފިއެވެ.
އެމްޑީޕީގެ އިސްވެރިންނާއި، އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، އިސްތިއުފާދެއްވި ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި މި މުޒާހަރާގެ ބައިވެރިން މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭ ފަރާތްތަކާއި، ރިޝްވަތުގައި ހިފާ ފަރާތްތައް ވަގުތުން ހައްޔަރުކުރުމަށް ގޮވާލާފައިވެއެވެ. އަދި މިހާރުގެ ސަރުކާރަށް އެމީހުންގެ ފުރިހަމަ ތާޢީދު އޮތްކަން ދޭހަކޮށްދޭ ބެނަރތައް މިއަދުގެ މުޒާހަރާ ގައިވެސް ވަނީ ބޭނުންކޮށްފައެވެ.
ރިޝްވަތާ ދެކޮޅަށް ސަރުކާރުން ވެސް “ގައުމު އަމާން ބަނދަރަކަށް” މިނަމުގައި ވަރުގަދަ ކެމްޕެއިނެއް ފަށާފައިވާއިރު، އެމްޑީޕީން ބުނަނީ “ވަގުން”ނާއި ޚިޔާނާތްތެރިން ހިފާ ހައްޔަރުކޮށް އެފަރާތްތަކަށް ޤާނޫނީ އަދަބު ދިނުން ކޮޅެއްގައި ޖެހެންދެން ހުއްޓޫމެއްނެތި އެމްޑީޕީން ފަށާފައިވާ ކެމްޕެއިން ކުރިޔަށް ގެންދާނޭ ކަމަށެވެ.
މިގޮތުން މާދަމާ މުޒާހަރާ ނުބޭއްވި ނަމަވެސް، މާދަމާރޭ ބޮނޑިބަތާއި، ހަރުގެ ޖަލްސާ ކުރިޔަށް ގެންދާނެއެވެ.
މިއީ މެދުކެނޑުމެއްނެތި މިސިލްސިލާ މުޒާހަރާ ކުރިޔަށް ގެންދިޔަ 4 ވަނަ ދުވަހެވެ.