އެމްޑީޕީ ފޭދޫ ދާއިރާ އާއި ކަނޑިތީމް ދާއިރާއިން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ކުރިޔަށް

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

އެމްޑީޕީ ފޭދޫ ދާއިރާ އާއި ކަނޑިތީމް ދާއިރާއިން ހުސްވެފައިވާ މަގާމްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މިހާރު ކުރިޔަށް އެބަދެއެވެ.

މިއަދު މެންދުރުފަހު 2 ން 6 އަށް އޮންނަ މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މާލޭގައި ކުރިޔަށް ދާނީ އެމްޑީޕީ އޮފީހުގެ ގްރައުންޑް ފްލޯރގައެވެ. ރަށްރަށުގައި ވޯޓުލުން ކުރިޔަށްދަނީ އެ ދާއިރާއެއްގެ އެމްޑީޕީ ދާއިރާ އޮފީހުން ކަނޑައަޅާ މަރުކަޒެއްގައެވެ.

މި ބައި އިލެކްޝަންތަކު ގައި މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫ ދާއިރާގެ ރައީސް، ނާއިބު ރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި ށ. ކަނޑިތީމު ދައިރާގެ ސެކްރެޓަރީގެ މަގާމަށެވެ.

ވޯޓުލާ މަރުކަޒުގައި، ވޯޓު ގުނައި އެ މަރުކަޒުގައި ވަގުތީ ނަތީޖާ އިއުލާންކުރާ ގޮތަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންތަކުގައި ފޭދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އައްޑޫ ސިޓީ ފޭދޫ ވިލުފުށި ޢަބްދުﷲ ސައީދު އެވެ. އެދާއިރާގެ ނާއިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފޭދޫ މަގުމަތީގޭ މުހައްމަދު މިރުޒާދު އެވެ. އެ ދާއިރާގެ ސެކްރެޓަރީ ކަމަށް ފޭދޫ ހަޒާރުމާގޭ ފާތުމަތު ސައީދު ކުރިމަތިލައްވާފައިވާއިރު، ސެކްރެޓަރީގެ ނައިބު ކަމަށް ކުރިމަތިލައްވާފައި ވަނީ ފޭދޫ މޫންލައިޓްގޭ އައިޝަތު ހަސިނާ އެވެ. އަދި ށ. ކަނޑިތީމު ދާއިރާގެ ސެކްރެޓަރީ ކަމަށް ކުރިމަތިލައްވާފައިވަނީ ށ.ކަނޑިތީމް އަސަރީގޭ ޢަބްދުލް މަޖީދު އަލީ އެވެ.