ކޯނީ ރިޕޯޓަކީ ދެބޯގެރިއެއް ނޫންބާ!

ފުނަމާ
އަޕްޑޭޓް ކުރީ: ރާމިޒް

ރާއްޖޭގައި ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން މިއަހަރުގެ ފެބުރުއަރީ މަހު ބަދަލުކޮށް ވެރިކަމުގެ ބާރުތައް ބަދަލުކުރެވުނު ގޮތް ހާމަކުރުމަށް ސީމެގްއާއި، ބައިނަލް އަގްވާމީ އެހެނިހެން ގައުމުތަކާއި، ޖަމާއަތްތަކުގެ ބާރުއެޅުމުގެ ސަބަބުން މިހާރު ވެރިކަމުގައި އެހެރަ “ރެކިދިޔެގެ މޮހޮދާ ” އޭނާއަށް ގަބޫލުކުރެވޭ ބަޔަކު ލައިގެން އެކުލަވާލި ” ކޯނީ ރިޕޯޓު ” މިވަނީ ރާއްޖޭގެ ހުރިހައި ސިޔާސީ ލީޑަރުން ގަބޫލުކޮށްފައެވެ. ސުވާލަކީ އެރިޕޯޓުގައި ލިޔެފައިވާ އެއްޗެއް މިހާރުގެ ވެރިކަމުގައި އެތިބަމީހުން މާނަކުރަނީ ކޮންގޮތަކަށް ބާވައެވެ؟

ކޯނީ ރިޕޯޓުގައި ވަރަށް ސަރީޚަކޮށް ބުނެފައިވަނީ ދެހާސް އަށަކުން ފެށިގެން ދެހާސް ތޭރަވަނަ އަހަރުގެ ނޮވެމްބަރަ މަހާއި ހަމަޔަށް މިއޮތް އިންތިޚާބީ ވެރިކަމަކީ އެމްޑީޕީ އިއްތިޙާދުގެ ވެރިކަމެއް ކަމުގައެވެ. ފަހަރެއްގައިވެސް މިއީ ޖުމްހޫރީ ނޫނީ ގައުމީ ޕާޓީގެ ނޫނީ އެހެން ނަމެއްގެ އިއްތިހާދެއް ކަމުގައި ބުނެފައެއް ނުވެއެވެ. އެމްޑީޕީ އިއްތިހާދެއް ކަމުގައި ބުނުމުން މިއިންތިޚާބީ ސަރުކާރުގެ މުގޫ އޮންނާން ޖެހޭނީ އެމްޑީޕީގެ އަތުގައި ކަމުގައި ޔަގީންވެއެވެ. އެހެންކަމުން މިއިންތިޚާބީ ދައުރުގައި ވެރިކަމުގައި ހުރިމީހަކު ބަދަލުވި ނަމަވެސް ތަންފީޒު ކުރެވެން ޖެހޭނީ އެމްޑީޕީގެ މެނިފެސްޓޯއެވެ. ސަރުކާރު ހިންގާން ޖެހޭނީ އެމްޑީޕީން އެކަށައަޅާ ސިޔާސަތެއްގެ ދަށުންނެވެ.

އެމްޑީޕީން ވެރިކަމަށް އައީ ނުވަތަ ރައްޔިތުން އެމްޑީޕީއާއި ސަރުކާރު ހިންގުން ހަވާލުކުރީ އެމްޑީޕީން މިގައުމަށް ގެންނާނެ ބަދަލުތައް ބުނެދީ އެތަކެއް ވަޢުދުތަކެއް ވުމަށް ފަހުގައެވެ. އެހެންކަމުން އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދުމުގެ ފުރުސަތު ލިބިދޭން ޖެހޭނެއެވެ. އެމްޑީޕީގެ މުޅި ސިޔާސަތާ އިދިކޮޅު ފަރާތްތަކެއް ސަރުކާރު ހިންގުމުގައި ބައިވެރިކޮށް އެމްޑީޕީގެ ކުލަޔާ ، ވަސް ސަރުކާރުން ފިލުވާލައިގެން ހަޑިހޭވުމަކީ އެމްޑީޕީގެ ސަރުކާރެއް ހިންގުން ކަމުގައި ބުނެވޭކަށް ޔަގީނުންވެސް ނޯންނާނެއެވެ.

މިއަދު މިސަރުކާރުގައި އެމްޑީޕީގެ ކެބިނެޓުގެ އެންމެ މެންބަރަކުވެސް ނެތެވެ. ތަންފީޒީ އިދާރާތަކުގައި ކަންބަލާނެ، ކުރާނެ އެމްޑީޕީގެ މަސްއޫލުވެރިޔަކު ނެތެވެ. އެމްޑީޕީން ބަލައި ޒިންމާދާރު ކުރުވާނެ އެއްވެސް މަގާމެއް ސަރުކާރަކު ނެތެވެ. އެންމެން ބޭރުކޮށް އަވަދި ކޮށްފިއެވެ. އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރަމުން ހަލުއިކަމާއިއެކު ގެންދިއުމަށް ފެށި އެންމެހައި ޕްރޮޖެކްޓްތައް މިވަނީ ހުއްޓާލާފައެވެ. ރައްޔިތުންނަށް ދެމުންގެންދިޔަ އެންމެހައި އެހީތަކެއްހެން މިވަނީ ހުއްޓާލާފައެވެ. ނުވިތާކަށް ރައްޔިތުން އެދިގެން ގެނެވުނު އިދާރީ ބަދަލުތައް ވެސް މިވަނީ ބަދަލުކޮށްފައެވެ. ސިއްހީ ދާއިރާވެސް މީގެ ހަތަރު އަހަރުގެ ފަހަތައް ސޮއްސާލައިފިއެވެ. ބޯހިޔާވަހިކަން ލިބުމުގެ އުންމީދުތައް ނެތިހިނގައްޖެއެވެ. ފެންމަތީގައި އެޅުމަށް ހަމަޖެހުނު ރަށްތަކާއި ކޯޓުތައް އުވި ކުރެހި ކަރުދާސްތައް ކާޅުތުނބުން ވީދައި ހުސްކޮށްފިއެވެ. މިގޮތައް ހިންގާ ސަރުކާރަކަށް އެމްޑީޕީގެ ސަރުކާރެކޭ ނުވަތަ، އެމްޑީޕީ އިއްތިހާދުގެ ސަރުކާރެކޭ ކިޔިދާނެ ހެއްޔެވެ؟

ދެހާސް އަށްވަނަ އަހަރު ސަރުކާރު ހިންގުން އެމްޑީޕީއާއި ހަވާލުވިއިރު ކުރީގެ ގާނޫނުއަސާސީގެ ދަށުން އެއިރުގެ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުންތަކެއް ރައްޔިތުންގެ މަޖްލިސްގައި ތިއްބެވެ. އެހެންކަމުން އިންތިގާލީ މުއްދަތުގައި އަލުން ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުން އައްޔަން ކުރެވުނެވެ. ކުރީގައި ވެސް މިމެންބަރުންނަކީ އިންތިޚާބު ކުރެވޭ ބައެއް ނޫނެވެ. ރައީސަކަށް ހުންނަ މީހަކަށް ފެނުމުން ވަކިކޮށް އައްޔަންކުރާ ބައެކެވެ. ނަމަވެސް މިކަމަކީ ގާނޫނީ ގޮތުން ނުކުރެވޭނެ ކަމެއް ކަމުގައި ސްޕްރީމް ކޯޓުން ވަނީ ރޫލިންގއެއް ނެރެފައެވެ. ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރި މެންބަރުން ރައީސުލް ޖުމްހޫރިއްޔާއަށް ބަދަލުކުރުމުގެ ހައްގެއް ނޯންނާނެކަމުގައި ނިންމާފައެވެ. ވީއިރު އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރެއްވި ކެބިނެޓެއް އަދިއަމުދުން މަޖިލީހުން ރުހުން ދީފައިވަނިކޮށް ރެކިދިޔެގެ މޮހޮދާ ވެރިކަމާ ހަވާލުވިތާ ސައްވީސް ގަޑިއިރު ނުވަނީސް ވަކިކޮށް އޭނާއަށް ފެންނަހާ ބަޔަކު ކެބިނެޓައް އައްޔަން ކުރީ ކޮން ގާނޫނީ ހަމަޔަކުން ހެއްޔެވެ؟ ސިޔާސީ ހުރިހައި މަގާމުތަކެއް އުވާލައި، ހެލްތުކޯޕަރޭޝަންތައް ސިވިލްސާވިސްއަށް ބަދަލުކުރާން އެއަންގަނީ ކޮން ހަމަޔަކުން ހެއްޔެވެ؟ މިއީ ގާނޫނީ ބާރުލިބިގެން ކުރަމުން ގެންދާ ކަންތައްތައް ކަމުގައި ވާނަމަ ކޯނީގެ ރިޕޯޓުގައި އެބުނާ އެމްޑީޕީ އިއްތިހާދުގެ ވެރިކަން ކޮބައިހެއްޔެވެ؟ މިކަމުގައި ސްޕްރީމް ކޯޓުން ހަމައެއްވެސް އެއްޗެއް ނުބުނެ އެތިބެނީ ކީއްވެ ހެއްޔެވެ؟

ކޯނީގެ ރިޕާޓުގައި ވެރިކަން ބަދަލުވީދުވަހުއާއި އޭގެ ފަހުންވެސް ފުލުހުންނާއި ސިފައިން “ވަހުޝީ” އަމަލުތަކެއް ހިންގިކަމަށާއި، އެކަންކުރި ބަޔަކުހޯދައި ގާނޫނީ އަދަބުދޭން ޖެހޭކަމުގައި ބުނެފައިވާއިރު މިސަރުކާރުގެ އިސްފަރާތްތަކުން އެބުނަނީ އެކަން ނުކުރާނެ ކަމުގައެވެ. އަދި ފުލުހުންނާއި ސިފައިން ވެރިކަން ބަދަލުކޮށް ދިނުމަށް އެކުރި މަސައްކަތްތަކުގެ ބަދަލުގައި ރިސޯޓުތަކާއި ފުލެޓުތަކާއި، ހައްޖުދަތުރުތައް އެދަނީ ހިބައިން ދެމުންނެވެ. ނުވިތާކަށް ކުދިލޯނުތަކާއި ބޮޑެތި ލޯނުތައް އެދަނީ އެމީހުންނަށް ދެމުންނެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ކުރީން ރާއްޖޭގެ ކޯޓުތަކުގައި ހިންގަމުން ގެންދިޔަ ބޮޑެތި ޚިޔާނާތުގެ ބައެއް މައްސަލަތައް ވެރިކަން ބަދަލުވުމާއެކު ކުއްލިޔަކަށް ކޯޓުތަކުން ނެރެ އެއްލާލުމަކީ ކިހާވަރެއްގެ ސުވާލުތަކެއް އުފެދޭ ކަމެއް ހެއްޔެވެ؟ ކޯނީ ރިޕޯޓުގައި ރާއްޖޭގެ ޝަރުއީ ދާއިރާގެ އިންސާފުވެރިކަމާމެދު ސުވާލު އުފެއްދުމުގެ އިތުރުން އިންސާފެއް ނެތްކަމުގައި އެވަނީ ބުނެފައެވެ. ވީއިރު ޝަރުއީ ދާއިރާ ރިޕޯމު ނުކޮށް މިއަދު އެނިންމާ ނިންމުންތައް ގަބޫލުކުރުމުގެ މުހިންމު ކަމެއް އޮންނާނެ ހެއްޔެވެ؟

އެމްޑީޕީން މިގައުމުގައި އާގާނޫނުއަސާސީއެއްގެ ހިމާޔަތް ލިބިގެން އެކުލަވާލި ޑިމޮކްރެޓިކް ވެރިކަން މުޅީން މުލުން ލުހެލައި މިއަދު މިގައުމުގައި މިއޮތީ މިލިޓަރީ ވެރިކަމެއް ކަމުގައި ބުނެވޭ މިންވަރަށް ފުލުހުންނާއި ސިފައިންގެ އާރާއި ބާރު ގަދަކުރަމުން ރާއްޖޭގެ މަގުތަކަށް ރޭގަނޑުގެ ވަގުތުތަކުގައި މީހުން ނުކުމެއުޅުން މަނާކުރާން ޖެހުނީ ކީއްވެ ހެއްޔެވެ؟ ގާނޫނުން ރައްޔިތުންނަށް ލިބިދޭ މިނިވަންކަން ހަނިކޮށް ހަދަމުން އެގެންދަނީ ގާނޫނުއަސާސީ އިސްލާހުކުރުމަކާ ނުލައި އަދި މަޖިލީހުން ފާސް ވެސް ނުކޮށެވެ. ވީއިރު ކޯނީ ރިޕޯޓުން ހާމަވެފައިވާ ކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ އެއްވެސް ކަމެއް އޮތްކަމުގައި ބުނެވޭކަށް ނެތެވެ. އެމްޑީޕީގެ ސަރުކާރެކޭ ބުނެފައި އެމްޑީޕީ ނައްތާލަން އުޅުމަކީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟

ދެންބުނާނީ ވަކިޕާޓީއަކަށް ވެރިކަން ކުރާކަށް ގާނޫނުއަސާސީ ނުބުނާކަމުގައެވެ. އެކަމަކު ވެރިކަމަށް ޕާޓީތަކުގެ ޓިކެޓުގައި ނުކުމެ ރައީސަކު އިންތިޚާބުކުރީ އެބުނާ ގާނޫނުއަސާސީން އެކަން ހުއްދަ ކުރާތީތާއެވެ. ވީއިރު މިއަދު ވެރިކަމުގައި ތިބިބަޔަކު ބޭނުންހައި ގޮތަކަށް ކަންކުރުމުން ވެރިކަން ސައްހަ ކަމުގައި ބެލެވޭނެ އެއްވެސް ހުއްޖަތެއް އޮތް ކަމަކަށް ނުދެކެވެ. ކޯނީ ރިޕޯޓުގައި ލިޔެ ހާމަކޮށްފައިވާ ކަންކަމަށްވެސް ބަލައިނުލައި އެއީ ދެބޯގެރިއެއް ކަމުގައި ހަދައިގެން ދެކޮޅަށް ދުއްވުމަކީ ރައްޔިތުންނަށް މުޅީން އޮޅުވާލުން ނޫންކަމަކަށް ނުހެދޭނެއެވެ.