ނޫސްބަޔާން: އެމްޑީޕީގެ ޕަރލިމެންޓަރީ ގުރޫޕުގެ ބައެއް މެމްބަރުންގެ ގުޅިފައިވާ ނޫސްބަޔާން 16: ޖޭއެސްސީގެ ބައްދަލުވުންތަކުން ފަހުމީ ސަސްޕެންޑް ކުރުމަށް ގޮވާލުން

ޖޭއެސްސީގެ ބައްދަލުވުންތަކުން ފަހުމީ ސަސްޕެންޑް ކުރުމަށް ގޮވާލުން

ދިވެހި ޖުމްހޫރިއްޔާގެ ތިންވަނަ ބާރު ކަމުގައިވާ ޖުޑީޝަރީގެ ހުރިހާ ކަންތައްތަކަކާއި ޒިންމާވާ ފަރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ކަމުގައި ވާހިދު، އެކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބަވަން ޖެހޭނީ ވަރަށްވެސް ސާފު ބަޔަކަށް ވާންޖެހެއެވެ. އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައިވާ މީހަކު މިފަދަ މަގާމެއްގައި ބަހައްޓައިގެން ޖޭއެސްސީގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މިފަދަ ކޮމިޝަނެއްގެ މަސައްކަތާއިމެދު ރައްޔިތުންގެ އިތުބާރުގެއްލިދާނެ ކަމަކަށްވާހިދު، އެކޮމިޝަނުގައި ހިމެނޭ މުހައްމަދު ފަހުމީ ހަސަން ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރި ނުކުރުމަށް ގޮވާލަމެވެ.

ގާނޫނުއިން މުސްތަގިއްލު މުއައްސަސާތަކަށް ބާރުތައް ލިބިގެން އަންނަނީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަމަށްވެފައި ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުން ހާޒިރު ނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޖޭއެސްސީ ފަދަ ކޮމިޝަނަކުން ޖުޑީޝަރީގެ މަސައްކަތް ކުރާ ގާޒީން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނާހިދު، އެފަދަ ނިންމުމެއް ނިންމުމުގައި އިތުބާރު ގެއްލިފައިވާ ބޭފުޅަކު ހުންނެވުމަކީ ހަމަޖެހޭނެ އުސޫލެއް ނޫނެވެ.

ޖޭއެސްސީ މެމްބަރ މުހައްމަދު ފަހުމީ ހަސަނަކީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި، އެކަން ފުލުހުންގެ ތަހުގީގުން ސާބިތުވެފައިވާތީ ކޯޓަށް ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ބޭފުޅަކަށްވާ ހިދު، އެކޮމިޝަނުން ފަހުމީ އެކަހެރި ނުކޮށް، ކޮމިޝަނުން މަޖިލީހަށް އަންގާއެންގުން ތަކަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފު ކަމެއް ކަމުގައިވެސް ދެކެމެވެ. އަދި ފަހުމީގެ މައްސަލައަކީ މިހާރު ކޯޓު މަރުހަލާއަށް ތައްޔާރުވެފައިވާ މައްސަލައަކަށް ވާހިދު އެފަދަ ބޭފުޅަކު ޖޭއެސްސީގައި ބެއިންދުމަކީ މަސްލަހަތު ފުށުއަރާ ކަމެކެވެ.

ފަނޑިޔާރުންނަށް ފާރަލުމަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ޖޭއެސްސީ ތަމްސީލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން އާންމުންގެ ތެރެއިން ހޮވާ މެމްބަރަކުގެ އިތުރުން ތިން ކޯޓުން ކަނޑައަޅާ ތިން މެމްބަރުންނާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އަންޔަން ކުރާ މެމްބަރަކާއި ވަކީލުންގެ ތެރެއިން ވޯތަކުން ހޮވާ މެމްބަރަކަށް ވުމުން ގާނޫނު އަސާސީން ފަނޑިޔާރުންގެ ކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީވުމަށް ކަނޑައަޅާފައިވަނީ މަޖިލީހުގެ އިމުގެ ތެރެއިންކަން ސާފުކޮށް ފެންނަން އޮތް ހިދުވެސް ފަނޑިޔާރުން ހަމައެކަނި ޖަވާބުދާރީވާން ޖެހޭނީ ޖޭއެސްސީއަށް ކަމަށް ބުނާ ބުނުމަކީ ގާނޫނު އަސާސީއަށާއި ރައްޔިތުންނަށް ގޮން ޖެހުން ކަމުގައި ދެކެމެވެ. ވީމާ ޖުޑީޝަލް ސާވިސް ކޮމިޝަން ގާނޫނީ އިމުގެ ތެރެއަށް ވީހާވެސް އަވަހަކަށް ވަދެ، ރަނގަޅު ކުރުމަށް ހުރި ކަންކަން ވީހާ އަވަހަކަށް ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް އެކޮމިޝަން ތަމްސީލުކުރަމުންދާ ގާނޫނު އަސާސީން ދެ ތޮފީގެ ވެރިންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށާއި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމަށް ހާއްސަކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ:
އިބްރާހިމް ރަޝީދު (މާފަންނު ދެކުނު ދާއިރާ)
ހާމިދު އަބުދުލް ޣަފޫރު (ހެންވޭރު ދެކުނު ދާއިރާ)
މޫސާ މަނިކު (ހުޅުހެންވޭރު ދާއިރާ)
މުހައްމަދު ރަޝީދު (މައްޗަންގޯޅި ދެކުނު ދާއިރާ)
މުހައްމަދު ތޯރިގް (މަނަދޫ ދާއިރާ)