ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އަނިޔާކުރި މައްސަލަ އާ ގުޅިގެން ބާއްވާ އައިޕީޔޫގެ ބައްދަލުވުމަކަށް އީވާ ފުރާ ވަޑައިގެންފި

ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް ލާ އިންސާނީ އަނިޔާކޮށް ޤާނޫނާ ޚިލާފަށް ހިފައި ހައްޔަރުކޮށް އަދި ވަކިން ޚާއްސަކޮށް ފެބްރުއަރީ 7 އަދި 8 ގައި ކުރި އަނިޔާތަކުގެ މައްސަލައާ ގުޅިގެން ބާއްވާ އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ހިއުމަން ރައިޓްސް ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މިއަދު ކެނެޑާގެ ކިއުބެކް އަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުން އޮންނާނީ މި މަހުގެ 21 ން 26 އަށެވެ.

އައިޕީޔޫގެ ހިއުމަންރައިޓްސް ކޮމިޝަނަށް މި މައްސަލަތަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ. އެއީ ޔުގެންޑާގެ ކަމްޕާލާ ގައި އޮތް ބައްދަލުވުމުގައެވެ. އޭގެ ފަހުން ސްވިޒަލޭންޑްގެ ޖެނީވާގައި ފޮލޯއަޕް ބައްދަލުވުމެއް ބާއްވާފައިވެއެވެ.
ކިއުބެކް ގައި އޮންނަ ބައްދަލުވުމަކީ އެ މައްސަލަތަކާ ގުޅޭ ނިންމުން ނިންމާނޭ ބައްދަލުވުމެވެ. އަދި މި ބައްދަލުވުމަށް ފަހު، އައިޕީޔޫގެ އެ މައްސަލަތަކާ ގުޅޭ ރިޕޯޓު އާންމުކުރާނޭ ކަމަށް އުއްމީދުކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެ މައްސަލަތަކާ ގުޅޭ އައިޕީޔޫގެ 3 ރިޕޯޓެއް މީގެ ކުރިން ވެސް ވަނީ ސިއްރު ރިޕޯޓުތަކެއްގެ ގޮތުގައި ސަރުކާރާއި މަޖިލީހަށް ހުށަހަޅާފައެވެ.