ނޫސްބަޔާން: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ 2 ވަކީލަކަށް ޝަރީއަތަށް ވަޑައިނުގެންނެވޭނޭ ކަމަށް ނިންމާފައިވާ ނިންމުމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 119
ތާރީޚް: 16 އޮކްޓޯބަރު 2012 (އަންގާރަ)

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ 2 ވަކީލަކަށް ޝަރީއަތަށް ވަޑައިނުގެންނެވޭނޭ ކަމަށް ނިންމާފައިވާ ނިންމުމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ކަމަށް ބުނާ ތަނަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކުރިޔަށް ދަނިކޮށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލުންގެ ތެރެއިން އަލްއުސްތާޛް ޙަސަން ލަތީފާއި، އަލްއުސްތާޛް އަޙުމަދު އަފީފް އާއި ދެ ބޭފުޅުން ޝަރީޢަތަށް ވަޑައިނުގެންނެވޭ ގޮތަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ކަމަށް ބުނާ ތަނުން ނިންމާފައިވާތީ، އެކަމާ މެދު މި ޕާޓީން ކަންބޮޑުވުންފާޅުކުރަމެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ކަމަށް ބުނާ ތަނަކީ ޤާނޫނީ ގޮތުން ސައްޙަ ތަނެއް ނޫން ކަމާއި، އެތަނަށް މެޖިސްޓްރޭޓުންގެ ޕެނަލެއް އައްޔަންކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމާއި، އަދި އިޖުރާޢީ އެތައް މައްސަލަތަކެއް ހުރި ކަމަށް މި ޕާޓީން މީގެ ކުރިން ވެސް ވާނީ ފާހަގަކޮށް ބަޔާންކޮށްފައެވެ.

ޤާނޫނު އަސާސީގެ 271 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އެންމެހައި ޤަވައިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ޤަވަޢިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ޤަވަޢިދުތަކަކަށް ވާންވާނެއެވެ. މިނޫން ގޮތަކަށް ޤާނޫނު އަސާސީން ގަވައިދެއް ހެދުން ހުއްދަކުރަނީ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދު ހެދުމަށެވެ. ކަން މިހެން އޮތް އިރު، ސްޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލަރ އަކުން އަމަލުކުރަން ފަށާފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑު ކަނޑައަޅާ ގަވައިދަކީ ޤާނޫނު އަސާސީ އާ ކަނޑައެޅިގެން ޚިލާފަށް ސްޕްރީމް ކޯޓުން ނެރެފައިވާ ގަވައިދެކެވެ. ވީމާ މިފަދަ ގަވައިދަކަށް ބަލައިގެން ދިފާއީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ނިގުޅައިގަނެ، ހިންގޭ ޝަރީޢަތަކީ ޤާނޫނު އަސާސީ އާ ޚިލާފަށް ހިންގޭ އިންސާފުވެރި ނޫން ޝަރީޢަތެއް ކަމަށް މި ޕާޓީން ދެކެމެވެ.

ކަންމިހެން އޮތުމުގެ އިތުރަށް ދަޢުވާ ލިބޭ ފަރާތަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ ހައްޤު ކަމުގައިވާ ޤާނޫނީ ވަކީލުން އިޚްތިޔާރުކޮށް އައްޔަންކުރުމުގެ ހައްޤު ނިގުޅައިގަނެ، އިންސާފުން އެއްކިބާވުމުގެ ހުރިހާ ގޮތްތަކެއް ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނުން އިޚްތިޔާރުކޮށްފައިވާ ކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް