ރައީސް ނަޝީދު އެނބުރި ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެނބުރި ގދ.ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު މެންދުރުފަހު2.15 ހާ އިރު ރައީސް ނަޝީދު ފަރެސްމާތޮޑާއަށް ވަޑައިގެންނެވި އިރު، މީގެ 2 ދުވަސް ކުރިން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެފައިވާ މީހުންނަށް ވުރެ މާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެ އުފާވެރިކަމުގެ ޝުއޫރުފާޅުކޮށް އެމަނިކުފާނަށް އެރަށުގައި އޮތް ތާއީދު ހާމަކުރަމުން ދިޔައެވެ.

އެރަށަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ އިސްތިޤްބާލުގައި ތިބި ސަޕޯޓަރުންނާ ސަލާމްކުރެއްވުމަށް ފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ 8 އޮކްޓޯބަރުގައި އެމަނިކުފާނު އެރަށަށް ވަޑައިގެން އުޅުއްވަނިކޮށް ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔަ އިރު، ހުންނެވި ގެކޮޅު ކަމަށްވާ އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމްގެ ގެކޮޅަށެވެ. އެ ގެކޮޅުގެ ބޭރުގައި ފަރެސްމާތޮޑާގެ އެމްޑީޕީ އަންހެން މެންބަރުން ވަނީ ރައީސް ނަޝީދު ހައްޔަރުކޮށްގެން ގެންދިޔަ ގޮތާ ބެހޭ ގޮތުން ހަދާފައިވާ ވަރަށް ފުރިހަމަ ލަވައެއް ހުށަހަޅާފައެވެ. އަދި އެއަށް ފަހު ރައީސް ނަޝީދު ވަނީ ފަރެސްމާތޮޑާގެ ފަރެސް އަވަށުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ހިންގަވާފައެވެ.

ރައީސް ނަޝީދު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުގެ ކުރިން ވައުދުގެ ދަތުރުގެ ބައިވެރިން ވަނީ ފަރެސްމާތޮޑާއަށް މިއަދު ހެނދުނު ޒިޔާރަތްކޮށް، އެރަށު ރައްޔިތުންގެ ހިޔާގައި އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމަކާއި، ފުލުހުންގެ އަނިޔާވެރިކަން ދައްކުވައިދޭ ފޮޓޯ މައުރަޒެއް ބާއްވާފައެވެ. މީގެ އިތުރުން ޕޮލިސީ ވޯރކްޝޮޕާއި، ދޮރުންދޮރަށް ހިނގުން ވެސް އެރަށުގައި ވަނީ ބާއްވާފައެވެ.

ފަރެސްމާތޮޑާއަށް ރައީސް ނަޝީދުކުރެއްވި ދަތުރުފުޅަށްފަހު އެމަނިކުފާނު ވައުދުގެ ދަތުރުގެ ޓީމާއެކު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ވާދޫ އަށެވެ. އެއަށް ފަހު މިރޭ ވާދޫއަށް ވަޑައިގެން އެރަށުގައި އޮންނަ އެމްޑީޕީގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.