ނޫސްބަޔާން: އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރުމަށް ނެރެފައިވާ އަމުރާމެދު ގަލޮޅުދެކުނު ދާއިރާ އިން ކަންބޮޑުވުން ފާޅުކުރުން

ނޫސްބަޔާން

އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަކަށް ޙާޟިރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރެފައިވާ އަމުރާމެދު ގަލޮޅުދެކުނު ދާއިރާ އިން ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށް ގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަކަށް ޙާޟިރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމަނިކުފާނު އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާތީ ގަލޮޅު ދެކުނު ދާއިރާގެ ފަރާތުން ފުލުހުންގެ މިޢަމަލު އިންތިހާޔަށް ކުއްވެރިކުރަމެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްކަމަށް ބުނާ ތަނަކީ އެތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދި އެކަން ކަނޑައެޅުމަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓަށް ހުށައަޅައި އެމައްސަލައާމެދު އަދި ވަކިގޮތެއް ނިންމާފައިވެސް ނުވާ ތަނެކެވެ.

އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ހައިކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ގޮތެއް ކަނޑައެޅުމަށް މައްސަލަ ހުށައަޅައި އިސްތިއުނާފުގެ މަރުޙަލާ ހިނގަމުންދެއެވެ.

މީގެ އިތުރުން އެމް.ޑީ.ޕީގެ ފަރާތުން ދުރާލައި ރާވައި އިންތިޒާމްކޮށް، އަދި އާންމުކޮށް އިޢުލާންކޮށްގެން ދެކުނުގެ އަތޮޅުތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ރައީސް ނަޝީދު ފެއްޓެވި ރިޔާސީ ކެމްޕޭން “ވަޢުދުގެ ދަތުރު” އަށް ހުރަސް އެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުން ތަކުރާރުކޮށް މަސައްކަތްކުރާކަން މި ދާއިރާއިން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން ރައީސް ނަޝީދު ހިފާ ހައްޔަރުކޮށްގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަށް ޙާޟިރުކުރުމަށް މޯލްޑިވސްް ޕޮލިސް ސަރވިސްއަށް އަމުރުކޮށް އަދި އެގޮތުގެ މަތިން ފުލުހުން ރައީސް ނަޝީދު ގެންދިއުމަކީ މިދާއިރާއިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. އެމް.ޑީ.ޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އަދި މިޕާޓީއާށް ތާއީދު ކުރާ އެތައް ބަޔަކާއެކު ރައީސް ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުކުރައްވަމުން ގެންދަވަނިކޮށް ހައްޔަރުކޮށްގެން ގެންދިއުމަކީ މި ޤައުމުގެ މަސްލަހަތު ގެއްލިގެންދިޔަ ކަމެއްކަމުގައި މިދާއިރާއިން ދެކެމެވެ.