ރައީސް ނަޝީދު ހައްޔަރުކުރި ކުރުން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރާ ކަމަށް އިނގިރޭސި ވިލާތުގެ ޕާލަމެންޓް މެންބަރު ކަރެން ލުމްލޭ ވިދާޅުވެއްޖެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހައްޔަރުކުރި ކުރުން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރާ ކަމަށް އިނގިރޭސި ވިލާތުގެ ޕާލަމެންޓް މެންބަރު ކަރެން ލުމްލޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވަގުތީ ސަރުކާރުން ރައީސް މުޙަންމަދު ނަޝީދު ހައްޔަރުކުރި ޚަބަރު އިވިވަޑައިގަތުމުން ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވި ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކޯޓަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ނަމަވެސް ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރިކުރުމަކީ ކުރިމަރާލުމަށް ހިންގި އެއްވެސް ބޭނުމެއްނެތް އަމަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްތަޤްބަލުގައި ރާއްޖޭގެ ހަމަޖެހުމަށް ބުރޫއަރާނޭ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. ރައީސް ނަޝީދަކީ ދިވެހިރައްޔިތުންގެ 50 އިންސައްތައަށް ވުރެ ބޮޑު ތާއީދަކާއި އެކު މީގެ 4 އަހަރުކުރިން ރާއްޖޭގައި އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ޑިމޮކްރެޓިކް ރައީސް ކަން ވެސް ކަރެންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމަށް ހިންގާފައި މިވަނީ އަނިޔާވެރި އަމަލެއްކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމު އެވަގުތު ތިއްބެވި ތަނަށް ވަނުމުގައި ފުލުހުންނަށް އެއްވެސް ހުރަހެއްކުރިމަތިކޮށްފައި ނުވާއިރު، ރައީސް ނަޝީދު ހުންނެވި ގެކޮޅުގެ ދޮރު ހަލާކުކޮށްލައި، ފުލުހުންގެ ބޮޑު ފައުޖަކާ އެކު ވަދެ، ޕެޕަރސްޕްރޭ ޖަހާފައިވާކަން ވެސް ކަރެންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ އެއްވެސް މީހަކާމެދު ކަންތައްކުރެވިގެން ވާނޭ ގޮތެއް ނޫން ކަމަށާއި، އަމުދުން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާ މެދު އެއްވެސް ހާލެއްގައި މިފަދަ އިހާނެތި ގޮތަކަށް ކަންތައް ކޮށްގެން ނުވާނޭ ކަމަށް ވެސް މި ބަޔާނުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކުރުމަށް ހުރިހާ ފަރާތަކަށް އޭނާ ގޮވާލައްވާފައި ވެއެވެ.

ކަރެންލުމްލޭ އަކީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ރެޑިޗް ކަންޓްރީ ތަމްސީލުކުރައްވާ މެންބަރެވެ.