ރާއްޖޭގެ ޙާލަތު ގާތުން ބަލަމުންގެންދާނެކަމަށް ސީމެގުން ނިންމި ނިންމުމަށް އެމްޑީޕީ އިން މަރުޙަބާ ކިޔުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 115
ތާރީޚް: 29 ސެޕްޓެމްބަރ 2012 (ހޮނިހިރު)

ރާއްޖޭގެ ޙާލަތު ގާތުން ބަލަމުންގެންދާނެކަމަށް ސީމެގުން ނިންމި ނިންމުމަށް އެމްޑީޕީ އިން މަރުޙަބާ ކިޔުން

ދިވެހިރާއްޖޭގެ ޙާލަތު، ޚާއްޞަގޮތެއްގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ހުއްޓުމެއް ނެތްގޮތެއްގައި މޮނިޓަރކޮށް ގާތުން ބަލަމުންގެންދާނޭކަމަށާއި އަދި ސީމެގުގެ އެޖެންޑާގައި ސަމާލުކަންދޭ ކެޓަގަރީއަށް މުސްތަޤްބަލުގައި ބަދަލުކުރުމަށް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ނިންމި ނިންމުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަރުޙަބާކިޔަމެވެ.

އަދި ހަމަ އެއާއެކު ސީމެގްގެ ދެން އަންނަ ބައްދަލުވުމެއްގައި މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ފުރިހަމައަށް އަލުން ބައިވެރިވެވޭނީ ޝަރުތަކަކާއެކުގައިކަމަށް ނިންމި ނިންމުމަށް ވެސް މި ޕާޓީން މަރުޙަބާ ކިޔަމެވެ. އެގޮތުން އެފަދަ ބައްދަލުވުމެއްގައި ދިވެހިރާއްޖެއަށް ބައިވެރިވެވޭނީ ސީމެގުން ކަންބޮޑުވާ ސީރިއެސް ބޮޑެތި މައްސަލަތައް ދިވެހިރާއްޖެ އާ މެދު ނެތް ޙާލަތެއްގައިކަމަށް ސީމެގުން ޝަރުތުކުރި ކުރުން ފާހަގަކުރަމެވެ.

ހަމައެފަދައިން ފުލުހުން ރައްޔިތުންނަށްކުރާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަތައް ކޮންމެހެން އިތުރަށް ތަޙްޤީޤްކުރަން ޖެހޭނޭކަމަށާއި، ރާއްޖޭގޭ ޝަރުޢީ ނިޒާމް ރަނގަޅުކޮށް ފުލުހުންނާއި ހިޔުމަން ރައިޓސް ކޮމިޝަން ރަނގަޅުކުރުމަށް ޚާއްޞަގޮތެއްގައި ސީމެގުން ގޮވާލާފައިވާކަމަށްޓަކައި ވެސް އެމްޑީޕީ އިން މަރުޙަބާ ކިޔަމެވެ. މިދެންނެވި ކަންކަމަކީ އެމްޑީޕީ އިން ތަކުރާކޮށް ގޮވާލާ އިޙްތިޖާޖްކުރަމުންދާ ކަންކަމަށްވާހިނދު، ސީމެގުން ވެސް އެފަދައިން ގޮވާލާފައިވާތީ އެކަން އުފަލާއެކު ފާހަގަކުރަމެވެ.

މީގެއިތުރުން ސައްޙަކަން އޮންނަ އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ވާހަކަތައް ބޭއްވުމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް އެއްވެސް ހުރަހެއްނެތި އިންތިޚާބުގެ ކެމްޕޭންކުރެވެން ޖެހޭނޭކަމަށް ސީމެގުން ގޮވާލާކަން ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް