ދައުވާކުރުމުގައި ހަމަހަމަ ކަމާއެކު އަމަލުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

ދައުވާކުރުމުގައި ހަމަހަމަ ކަމާއެކު އަމަލުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

މޫސަ މިކަމަށް ގޮވާލެއްވީ އަމިއްލަ ކޯޓެއް ހައްދަވައިގެން ކޯޓުތަކުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފުލުހުން ފޮނުވުމާ ގުޅިގެން މިއަދު އެމްޑީޕީ ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

މޫސަ ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ބޭއްވި އެއްވުންތަކުގައި އަމިއްލައަށް ރައްޔިތުންގެ ކޯޓު ހައްދަވައިގެން މޫސަ ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕީޖީއަށް ފޮނުވާފައިވާއިރު، ޕީޕީއެމްގެ ސްޕޯކްސްޕާސަން އަހުމަދު މަޙްލޫފު ވެސް ވަނީ އެ ދުވަސްވަރު އާޓިފިޝަލް ބީޗު ސަރަހައްދުގައި “ރައްޔިތުންގެ ސްޕްރީމް ކޯޓުގެ” ނަމުގައި އޭރުގެ ޑީއާރުޕީގެ ބޭފުޅުން ކޯޓެއް ހަދާފައިވާ ކަމަށް ވިދާޅުވެ، އެ “ކޯޓު” ގައި ވާހަކަދައްކަވާފައި ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު މޫސަ ފުލުހަށް ހާޒިރުކޮށް ސުވާލުކުރި ނަމަވެސް މަހުލޫފް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ނުވާ ކަމަށާއި، އެހެން ކަމުން ހަމަހަމަ ކަމާއެކު ތަހުގީގުކުރުމާއި، ދައުވާ ކުރުމާއި ޝަރީއަތް ކުރުން ވެސް ކުރިޔަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް މޫސަ ގޮވާލެއްވިއެވެ.

މޫސަ ފުލުސް އޮފީހަށް ހާޒިރުކުރުމުން އެމައްސަލައިގެ ތަހުގީގު ފުލުހުންނަށް ނުކުރެވޭނެ ކަމަށް ގަބޫލު ކުރާތީ މޫސަ ހުންނެވީ ހަނު އެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި މިވަނީ މޫސައަށް ބިރުދައްކައި، “އެމްޑީޕީގެ ލީޑަރޝިޕް ހަލާކުކޮށްލުމަށް މި ސަރުކާރުން ރާވައިގެން ހިންގާ ކެމްޕެއިންގެ ދަށުން”، ކަމަށާއި، ކިތަންމެ ވަރަކަށް ބިރުދައްކަން މަސައްކަތްކުރި ނަމަވެސް “އެމްޑީޕީގެ ހިއްވަރެއް ވެސް ބައްޔެއް ނުވާނޭ”، ކަމަށާއި، “މިސަރުކާރުގެ ހައިސިއްޔަތާ ދޭތެރޭ ދެކޭ ގޮތް ވެސް ބަދަލެއް ނުވާނޭ”، ކަމަށް މޫސަ މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި އޭނާ އާއި މެދު ދައުވާ ކުރެވޭނޭ ތަނެއް ނެތް ކަމަށާއި، އިސްލާމް ދީނުގެ އަސްލަކާއި އުސޫލަކާއި ޚިލާފް ނުވާ ގޮތުގެ މަތީން އެމީހަކަށް ފެންނަ އެއްޗެއް ދުލާއި ގަލަމުން ވެސް ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިގެންވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑައިގެން ކުރީގެ ޚުދުމުޚްތާރުވެރިޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ކޮއްކޮ، ކުރީގެ އެޓޮލްސް މިނިސްޓަރ އަބްދުﷲ ހަމީދުގެ މައްޗަށް ދައުވާކުރުން މާއައުލާކަން ބޮޑު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް ހަލާކުކޮށްލުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް މޫސަ ވިދާޅުވެފައިވާ އިރު، މޫސަގެ އިތުރުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އާއި، އެޕާޓީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދުގެ ޢަބްދުލްޣަފޫރުގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަން ފާހަގަކުރެވެއެވެ.