ނޫސްބަޔާން: ދ. ރިނބިދޫ ރައްޔިތުންގެ ބަހެއް ނެތި އެރަށުން މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން

MDP-2012-PR-ނަންބަރު: 112
ތާރީޚް: 14 ސެޕްޓެމްބަރ 2012 (އާދީއްތަ)

ދ. ރިނބިދޫ ރައްޔިތުންގެ ބަހެއް ނެތި އެރަށުން މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތް ކުށްވެރިކުރުން.

ދ. ރިނބުދޫ ރައްޔިތުންނާ ދެކޮޅަށް، އެފަރާތްތަކުގެ ބަހެއް ހޯދުމެއްނެތި، ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށް މި ސަރުކާރުން ރިނބިދޫއިން މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތް މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އެހެނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަ ކުރުމުގެ ޙައްޤަކީ ޤާނޫން އަސާސީން އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެކެވެ.

ރައްޔިތުން ނޫނެކޭ ބުނެފައިވާ ބަޔަކާއި އެކު ރައްޔިތުންގެ ބަހެއް ނެތި ވެރިކަމަށް އިސްވެގަނެގެން އުޅޭ ފަރާތްތަކުން، ރައްޔިތުންގެ ޚިޔާލެއް ނުހޯދައި ރައްޔިތުންގެ ރުހުމާއި ދެކޮޅަށް ސިޔާސީ ބޭނުންތަކަށްޓަކައި މިފަދަކަންތައް ކުރުމަކީ މިޕާޓީން އިންތިހާ ދަރަޖައަށް ކަންބޮޑުވާކަމެކެވެ. ދ. ރިނބިދޫއަކީ ފުޅާ ދާއިރާއެއްގައި ރަން ރިހީގެ މަސައްކަތް ކުރަމުން އަންނަ ރަށަކަށްވުމުން، އެމްޑީޕީގެ ވެރިކަމުގައި ވާނީ، މި މަސައްކަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްތެރިކަމުގެ މަރުކަޒެއް ރިނބިދޫގައި ޤާއިމްކުރުމަށް އިދާރީ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މި ސަރުކާރުން ރައްޔިތުން އަޅުވެތިކޮށް، ސިޔާސީ ބޭނުމަށްޓަކައި ކުރަމުން ގެންދާ މިފަދަ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މިޕާޓީން ގޮވާލަމެވެ.
ޤާނޫން އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ އަސާސީ ޙައްޤުތައް އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ލިބިދީ، ރައްކާތެރި ކުރުމަށް މިޕާޓީން އަބަދުވެސް މަސައްކަތްކުރާނޭކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައި އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ. އަދި ރިނބިދޫ ރައްޔިތުންގެ ޙައްޤުގައި މިކަމުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރަށުގެ ރައްޔިތުންނާއި ގުޅިގެން މިޕާޓީން ކުރަމުން ގެންދާނޭކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް