މުޖުތަބާ އިސްތިއުފާ ދެއްވީ ވަހީދުގެ ޚުދުމުޚްތާރު ކަމާއި ގޮތްދޫ ނުކުރުމުގެ ސަބަބުން – އެމްޑީޕީގެ ޗެއަރޕާސަން
އެމްޑީޕީގެ ނޫސް ކޮންފަރެންސެއްގައި މޫސަ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އަންޖު

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ވަނަ ދުވަހު އިންތިޚާބަކާ ނުލައި ބަދަލުކުރުމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް ކަމަށް ބުނެ، ސިޔާސީ ޕާޓީތަކުގެ މެދުގައި “ލީޑަރސް ޑައިލޮގް” ގެ ނަމުގައި ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ ވިލަރެސް ވެރިޔާ މުޖުތަބާ އިސްތިއުފާ ދެއްވީ ރާއްޖޭގެ ރައީސް ކަމާއި ހަވާލުވެވަޑައިގެން ހުންނެވި މުޙައްމަދު ވަހީދު ހަސަން މަނިކުގެ ޚުދުމުޚްތާރު ކަމާއި ގޮތްދޫ ނުކުރުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ބަނޑޮހުގައި މަޝްވަރާ ބައްދަލުވުންތައް ފަށަމުން ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ވަހީދު ވިދާޅުވި ކަމަށާއި، އެ ބައްދަލުވުމުގައި ގިނަ ޕާޓީތަކުން އެއްބަސްވީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންދެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ މެދުގައި ކަމަށެވެ. އަދި އެ ކަމަށް ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ވެސް އިހުތިރާމް ކުރާނޭ ކަމަށް އެ ރޭގެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. މަޖިލިސް ތަމްސީލު ނުކުރާ ޕާޓީތަކަށް މަޝްވަރާތަކުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމާފައިވީ ނަމަވެސް ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނޭ ކަމަށް ރައީސް ކަމާ ހަވާލުވެވަޑައިގެން ހުންނެވި ވަހީދު ވިދާޅުވި ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން ވަހީދު ހަސަން މަނިކު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކަމުގެ ހަގީގަތަށް ނުބައްލަވައި، ކުރިން ބަނޑޮހުގައި ވިދާޅުވެފައިވާ ވިދާޅުވުމަށް އެއްވެސް އިޙުތިރާމެއް ކުރެއްވުމެއް ނެތި ލީޑަރސް ޑައިލޮގްގެ އެޖެންޑާއަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

” ޕާޓީތަކުގެ މެދުގައި ބަހުސްކުރުމަށް އެއްބަސްވެފައިވާ އެޖެންޑާ އަކީ ސަރުކާރުން ވެސް މަރުހަބާ ކިޔާފައިވާ އެޖެންޑާއަކަށް ވެފައި ވަނިކޮށް، ކުރިން ވަހީދު ބަނޑޮހުގައި ވިދާޅުވެފައިވާ ވިދާޅުވުމަށް އެއްވެސް އިހުތިރާމެއް ނުކޮށް، ލީޑަރސް ޑައިލޮގްގެ އެޖެންޑާއަށް ފަހުން ފާޅުގައި ދެކޮޅު ހެއްދެވުމުގެ ނަތީޖާ އަކީ އެ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ (އަހުމަދު) މުޖުތަބާ އިސްތިއުފާދެއްވުން. އެ އިސްތިއުފާއިން ދައްކައިދެނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް ވަހީދުގެ ޚުދުމުޚްތާރު ކަމާއި، ގޮތްދޫނުކުރުމުގެ ސަބަބުން އެ މަސައްކަތް ކުރިޔަށް ގެންދެވެން ނެތްކަން. މީގެ އިތުރުން ރައްޔިތުންނަށް އަނިޔާކުރުމާއި، ގަދަ ބާރުން ވެރިކަން ކުރުމަށް ވަހީދު ހަސަން މަނިކު ފައިވިއްދާފައި ހުރިކަން. މޭޒުދޮށަށް އައިސް ވާހަކަދައްކައިގެން ކަންކަމުގެ ހައްލު ހޯދަން ބޭނުން ނުވާކަން.” މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން “މަޝްވަރާކުރުމުގެ ބަދަލުގައި ކަނޑިއާއި ބަޑި ބޭނުންކޮށްގެން ފުލުހުންނާއި، ސިފައިން ބޭނުންކޮށްގެން ވެރިކަން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާންމުކުރަން ވަހީދު މަސައްކަތްކުރަމުން ގެންދާކަން މުޅި ދުނިޔެއަށް ހާމަވެގެން ހިނގައްޖެ” ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.