ނޫސް ބަޔާން: ސަންއޮންލައިންގެ ނޫސްވެރިޔާ މުޙައްމަދު ޙަސަން ޕީޕީއެމްގެ ޖަލްސާ ގައި ވާހަކަދައްކާފައިވާތީ އެކަން އެމްޑީޕީ ދިއްދޫ ދާއިރާއިން ކުށްވެރިކުރުން

މިނިވަން ނޫސްވެރިކަމެއް ކުރަމުންދާކަމަށް ދަޢުވާކުރާ ސަން އޮންލައިންގެ ނޫސްވެރިޔާ ހ.އ ދިއްދޫ ދާންނާގެއާގޭ، މުހައްމަދު ހަސަން، ނޫސްވެރިއެއްގެ ހައިސިއްޔަތުން ސަން އޮންލައިންގެ ފަރާތުން ޚަބަރުތައް ގެނެސް ދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓީމާއެކު ދިއްދުއަށް ގޮސް އެ ޕާޓީން ދިއްދޫގައި ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ސުޓޭޖަށް އަރާ ވާހަކަ ދައްކާފައިވާތީ އެކަން އެމްޑީޕީ ދިއްދޫ ދާއިރާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިކަމުގައި މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް އަޅައި، މުޙައްމަދު ހަސަން އާއި ޕީޕީއެމްގެ މި އަމަލުކުށްވެރިކޮށްފައި ނުވާތީ މިދާއިރާއިން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

ޑީއާރުޕީގެ ޓިކެޓުގައި ހއ.އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ ގޮނޑިއަށްވެސް ވާދަ ކޮށް ފެއިލްވެފައިވާ މުހައްމަދު ހަސަން، ނޫސްވެރިންގެ ހުންނަންޖެހޭ އަހުލާޤީ މިންގަނޑާއި ހިލާފުވެފައިވާއިރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުރިހާ ހިނދަކު އޭނާ އަކީ ނޫސްވެރިންގެ ހުންނަންޖެހޭ ކޯރޑު އޮފް ކޮންޑަކްޓް އަދި ކޯރޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލުކުރަން ޖެހޭ ފަރާތަކަށް ވާއިރު، މުހައްމަދު ހަސަންގެ މި ނާތަހުޒީބު މިއަމަލަކީ މިނިވަން ނޫސްވެރިކަމުގައި ޖެހި ތަފާލެއް ކަމުގައި މިދާއިރާއިން ދެކެމެވެ.

އެހެން ކަމުން މީޑިޔާއަށް ވަދެފައިވާ ސިޔާސީ އޮއެވަރުގައި ޖެހުމުގެ ސަބަބުން، ދޭދޭ ފަރުދުންނާއި، ދޭދޭ މުޖްތަމައުތަކުގެ މެދުގައި އުފެދިފައިވާ ޝަޢުބީ ހިތްހަމަނުޖެހުމާއި، ބައިބައިވުމުގެ މާހައުލަށް ފަރުވާކުރުމަށް ނުހަނު ބޭނުންޖެހިފައިވާ ކަމަށާއި، މިއޮއެވަރު ހުއްޓުވުމަށްޓަކައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތައް ތަރައްޤީކޮށް، ރައްޔިތުންގެ މެދުގައި ސަމާޙަތާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ސަމާލުވާން ޖެހިފައިވާ ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ)ގެ ރިޕޯޓުގައި ވެސް ގޮވާލާފައިވާއިރު، ސަން އޮންލައިންގެ ނޫސްވެރިޔާ މުޙައްމަދު ޙަސަން އާއި، އިންތިޚާބަކާއި ނުލައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަދަލުކުރުމުގައި އިސް ރޯލެއް އަދާކުރި ޕީޕީއެމުން ނޫސްވެރިންގެ އަޚުލާގީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ މިއަމަލާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އެންމެހާ މުޥައްސަސާތަކަށް ގޮވާލަމެވެ.