ނޫސް ބަޔާން: ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ގޮވާލުން

އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިއެރުމާއި، ތަރައްޤީ ހޯދައިދިނުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސަރުކާރުން ނުހަނު ބޮޑު އަހަމިއްޔަތު ކަމެއްދީގެން ކުރިޔަށް ގެންގޮސްފައިވާ މަސައްކަތެކެވެ. އަދި އިންތިޚާބަކާ ނުލައި އެމްޑީޕީގެ ސަރުކާރު ބަދަލުކުރި އިރު، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން އެ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައެއް ނިމިފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ.

އެހެން ނަމަވެސް މިހާރު، މި މުހިންމު މަޝްރޫއުގެ ތެރެއަށް ސިޔާސީ ކޯޅުން ވަދެ، މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވުމުގެ ކޮޅުމަތި ފެންނަމުންދާކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި، އާންމުކޮށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ތަރައްގީ އާއި ގުޅިފައިވާ މިފަދަ މުހިންމު މަސައްކަތެއްގެ ތެރެއަށް ސިޔާސީ ކޯޅުން ނުވައްދައި، އައްޑޫ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގެ ތަރައްގީގެ އެންމެހާ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް މި ޕާޓީން ގޮވާލަމެވެ.

“ގަންއިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެތެރެއަށް ސިޔާސީ ކަންކަން ވައްދައި، އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސް ނޭޅުމަށް” ޓްވިޓަރ މެދުވެރިކޮށް މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދުކުރައްވާފައިވާ އިލްތިމާސާ އެއް ގޮތަށް އަމަލުކޮށް، އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް