ވެރިކަމަކީ ވަކި މީހަކާމެދު ޝަރީއަތް ކޮށްގެން ލިބޭ އެއްޗެއް ނޫން – ރައީސް ނަޝީދު

ވެރިކަން ދެއްވަނީ މާތްރަސްކަލާނގެ ކަމަށާއި އެއީ ވަކި މީހަކާމެދު ޝަރީއަތް ކުރުމުން ލިބޭ އެއްޗެއް ނޫންކަމަށް އެމްޑީޕީގެ ރިޔާސީކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މައްޗަށް މި ސަރުކާރުން ކުރާ ދައުވާ އާއި ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން، ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އެޝަރީއަތް ވީހާ އަވަސްވުން ކަމަށެވެ. އަދި އެމަނިކުފާނާއި މެދު ޝަރީއަތް ކުރުމަކީ ކޯޓްތައް އިސްލާހު ކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށާއި، އެ ޝަރީއަތުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމްގެ މައްޗަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުގެ ޝަރީއަތް އެ ބޭފުޅުން ކުރައްވަން ފައްޓަވައިފި ނަމަ ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ. އެއީ ދިވެހި ރާއްޖޭގެ ޝަރީއަތުގެ ނިޒާމް މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުން. މުޅި ދުނިޔޭގެ ނަޒަރިއްޔާ އިރާދަކުރެއްވިޔާ މުޅި ޝަރީއަތުގެ ނިޒާމަށް ހުއްޓޭނެ”. ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 2013 ވަނަ އަހަރު އޮންނަ އިންތިޙާބްގައި އެމްޑީޕީގެ ފަރާތުން ކުރިމަތި ލައްވާނީވެސް އެމަނިކުފާނު ކަމަށާއި، އަދި އެ އިންތިޙާބް ކާމިޔާބު ކުރައްވާނީވެސް އެމަނިކުފާނު ކަމަށެވެ. އަދި މިއަދުން ފެށިގެން ދެން އެމްޑީޕީގެ މަސައްކަތް ހުއްޓާލާނީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބުވީމާ އެ އިންތިހާބުގެ ނަތީޖާއާއެކުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ގާއިމްކޮށްފައިވާއިރު މިހާރު މިއޮތީ ކޮންބައެއްގެ ސަރުކާރާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަމަށް ޖަވާބު ނުލިބި ސިޔާސީ އެއްވެސް ނިންމުމެއް ނިންމިދާނެ ކަމާ މެދު ޝައްކުވެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ފާހަގަކުރަމުން މި އަންނަނީ އުސޫލީ މައްސަލަތަކެއް ކަމަށާއި، ކުރީގެ ނައިބު ރައީސް ޑރ.ވަހީދު ކަންކަން އޮޅުން ނުފިލުއްވައި ވާހަކަދައްކަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ޕީޕީއެމް އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ ޕާޓީން އަދިވެސް އެއުޅެނީ އިންތިޙާބު ގައި ވާދަކުރާނެ ކެނޑިޑޭޓަކު ނުހޮވިގެން ކަމަށެވެ. އަދި ޕިޕީއެމް އިން މައުމޫނު ކުރިމަތިލައްވައިފި ނަމަ ޑރ. ވަހީދު ނުކުންނަވާނީ ކޮންޕާޓީއަކުންކަން މިވަނީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި، މައުމޫނު ކުރިމަތި ނުލައްވައިފި ނަމަ ދެން ނުކުންނާނޭ މައްސަލަތައް ވެސް ކުޑަނުވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އެނގޭ އެ ސަރުކާރު ހިންގެން ނެތްކަން. ސަރުކާރުގައި ފައިސާ ވެސް ނެތްކަން، އަދި ހަރަދު އިންތިހާ އަށް ބޮޑުވެގެން ހިނގައްޖެ ކަން. އެއް ވުޒާރާ އަނެއް ވުޒާރާއާ ގުޅުމެއް ނެތްކަން. އަދި އަމުދުން ރައީސުލް ޖުމްހޫރިއްޔާގެ ބާރެއް ވެސް ނެތްކަން”. ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މި ރާއްޖޭގެ އެންމެހާ ކަންކަން ފާލުން ނެއްޓެމުންދާ ކަމަށާއި، ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު މިވަނީ އެ ދެ މުއައްސަސާ އެ މީހުންގެ އަމިއްލަ ތަންތަން ގޮތުގައި ހަދާފައިކަމަށާއި، އެކަންކަން ހައްލުކުރުމަށް ބޭނުން ވަނީ އިންތިހާބެއް ކަމަށެވެ.