ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ މަގަށް މިހާރު މިއޮތް ސަރުކާރުން މަސައްކަތްކުރަމުން ދާތީ މިކަމާއި ދެކޮޅަށް ފުޅާދާއިރާއެއްގައި އިޚްތިޖާޖްތައް ކުރުމަށް ހިންގާ ކޮމެޓީން ނިންމައިފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި، ޕާޓީގެ ޢާންމު މެމްބަރުންގެ ވަރަށް ތަނަވަސް އަޢުލަބިއްޔަތުން އިންތިޚާބުކޮށްފައިވާ މުޙައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ މަގަށް މިހާރު މިއޮތް ސަރުކާރުން މަސައްކަތްކުރަމުން ދާތީ މިކަމާއި ދެކޮޅަށް ފުޅާދާއިރާއެއްގައި އިޚްތިޖާޖްތައް ކުރުމަށް މި ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މިއަދު ޤަރާރެއް ފާސްކޮށްފިއެވެ.

ޤައުމީ މަޖިލިހުގެ މާފާންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރ އިމްތިޔާޒް ފަޙުމީ ހުށަހަޅުއްވައި، ޤައުމީ މަޖިލީހުގެ މެންބަރ ޝިފާ މުހައްމަދު ތާޢީދުކުރައްވައި ހިންގާ ކޮމެޓީއަށް ވަޑައިގެންނެވި މެމްބަރުން އިއްތިފާޤުން ފާސްކުރެއްވި މިޤަރާރުގައި ވަނީ ” ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފް ޤާއިމް ނުވާގޮތަށް އޮތް ނިޒާމަކަށްވެފައި، އަދި އާންމު އުސޫލެއްގެ ގޮތުން އެކަން ކުރަނީވެސް އެގޮތަށް ކަމަށް ރާއްޖޭގެ ރައްޔިތުންނާއި ބައިނަލް އަޤުވާމީ ފަރާތްތަކުން ފާހަގަކޮށް ބުނަމުންދާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ ނުހަނު ލޯތްބާއި ތާއީދު ލިބިވަޑައިގެން ހުންނެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ މައްޗަށް ދަޢުވާކޮށް، މިޤައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ މަގަށް މިހާރު މިއޮތް ސަރުކާރުން މަސައްކަތްކުރަމުން ދާކަމީ، މިގައުމުގެ ގިނަ ރައްޔިތުން ކަންބޮޑުވެ، ނުތަނަވަސްވެ، މިޤައުމު ބޮޑު ހަމަނުޖެހުމަކަށް ވެއްޓިދާނެ ކަމަކަށްވާތީ، އެފަދައިން އަމަލުނުކުރުމަށް ބާރުއަޅައި މިޕާޓީން ފުޅާދާއިރާއެއްގައި އިހްތިޖާޖްތައް ހިންގުމަށް ޤައުމީ ހިންގާ ކޮމިޓީން ނިންމައިފީމެވެ.” މިފަދައިނެވެ.