ނޫސްބަޔާން: އެމްޑީޕީގެ ޗެއަރޕާސަން ޕޮލިސް ސަރވިސްއަށް ޙާޒިރުވުމަށްކޮށްފައިވާ އަމުރު ކުށްވެރިކުރުން

MDP-2012-PR-ނަންބަރު: 107
ތާރީޚް: 04 ސެޕްޓެމްބަރ 2012 (އަންގާރަ)

އެމްޑީޕީގެ ޗެއަރޕާސަން ޕޮލިސް ސަރވިސްއަށް ޙާޒިރުވުމަށްކޮށްފައިވާ އަމުރު ކުށްވެރިކުރުން.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މޫސާ މަނިކު މޯލްޑިވްސް ޕޮލިސް ސަރވިސަށް ޙާޟިރުވުމަށް އަމުރުކޮށްފައިވާތީ މިޕާޓީން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

މިއަދު ހަވީރު 16:00އަށް މޯލްޑިވްސް ޕޮލިސް ސާރވިސަށް ޙާޟިރުވުމަށް އަލްފާޟިލް މޫސާ މަނިކަށް ފޮނުވާފައި ޗިޓްގައި، މޫސާ މަނިކު ޙާޟިރުކުރަނީ ދެ މައްސަލައަކާ ގުޅޭގޮތުން ބަޔާންނެގުމަށްކަމަށް ބަޔާންކޮށްފައިވާއިރު އެ ދެމައްސަލައަކީ ކޮބައިކަން އެ ޗިޓްގައި ބަޔާންކޮށްފައި ނުވެއެވެ. ދައުލަތުގެ އެއްވެސް މުވައްސަސާއަކަށް މައްސަލައެއްގައި ޙާޟިރުވުމަށް އެއްވެސް މީހަކަށް އަމުރުކުރާއިރު އެމީހަކަށް އެ މައްސަލައެއްގެ ބާވަތާއި އަދި އެމައްސަލައެއް ކުރިން އެންގުމަކީ އެކަންކުރަން އޮންނަ ‘ޑިޔޫ ޕްރޮސެސް’ ކަމަށްވާއިރު، މިޕާރޓީގެ ޗެއަރޕާރސަން އަދި ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މޫސާމަނިކު ޙާޟިރުކުރަނީ އެގޮތާ ވެސް މުޅިން ޚިލާފަށްކަން ފާހަގަކުރަމެވެ. ޙާޟިރުކުރެވޭ ސަބަބު އަންގަންޖެހޭ ފަރާތަށް ނާންގައި، އެއާޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ސަބަބު އަންގާފައިވަނީ ބައެއް މީޑިއާތަކަށްކަން ވެސް ފާހަގަކުރަމެވެ. މިގޮތުން މިޕާރޓީގެ ޗެއަރޕާރސަން އަދި ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މޫސާމަނިކު ޙާޟިރުކުރަނީ “ރައްޔިތުންގެ ކޯޓެއް” ހެދިކަމަށް ބުނާ މައްސަލައަކާއި، ކޯޓުގެ ޙުރުމަތް ކަނޑާލިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ އޮފިޝަލާ ހަވާލާދީ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވެއެވެ. އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާރވިސުން މިކަމުގައި އަމަލުކޮށްފައިވަނީ ކަންކުރުމަށް އޮންނަ ހަމަތަކާއި އުސޫލްތަކާ ވެސް މުޅިން ޚިލާފަށްކަން މިޕާޓީން ފާހަގަކުރަމެވެ.

އަދި ސާބިތު ހިފޭގޮތަށް ފާޅުކަންމަތީ ފުލުހުން މިޕާރޓީގެ ޗެއަރޕާރސަން އަދި ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މޫސާމަނިކުގެ ހަށިކޮޅުގައި ތަޅައި ފުރާނަގެއްލޭ މިންވަރަށް އަނިޔާކޮށްފައިވާއިރު އެމައްސަލައާއި، އަދި ރައްޔިތުންގެ ގައިގާ ތަޅާ ލާއިންސާނީ ޖަރީމާތައް ހިންގާފައިވާ މައްސަލަތައް ނުބަލާނޭކަމަށް މިހާރު މިއޮތް ސަރުކާރުން ކަނޑައެޅިގެން ޢިއުލާނުކޮށްފައިވާއިރު، ސާބިތު ނުހިފޭ ތާކުންތާކު ނުޖެހޭ ތުހުމަތުތަކަށް މިޕާރޓީގެ ޗެއަރޕާރސަން އަދި ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މޫސާމަނިކުގެ މައްޗަށާއި، އަދި އެމް.ޑީ.ޕީގެ އެކިއެކި މަޤާމުތަކަށް އިންތިޚާބުވެފައިވާ ފަރާތްތަކާއި އެމް.ޑީ.ޕީގެ އާންމު މެމްބަރުންގެ މައްޗަށް ތަޙުޤީޤުތައް ހިންގައި، މައްސަލަތައް ޝަރީޢަތަށް ފޮނުވަމުންގެންދާ ގެންދިއުމަކީ ސިޔާސީ މަޤުސަދެއް ޙާސިލްކުރަމަށް މިސަރުކާރުން ހިންގަމުން ގެންދާ ބޮޑު ޖަރީމާއެއް ކަމުގައި މިޕާޓީން ދެކެމެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް މި ޕާރޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް