ކޯނީގެ ރިކޮމެންޑޭޝަންސްގެ ދިވެހި ތަރުޖަމާ

8. ކޮމިޝަނުން ހުށަހަޅާ ލަފާ

7 ފެބްރުއަރީ 2012 ގައި، ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވުމަށް ޣައިރުޤާނޫނީ މަޖްބޫރުކަމެއް ކުރެވިފައި ނެތްއިރު، އަދި ވެރިކަމުގެ ބާރު ޙަވާލުކުރުމުގެ އުޞޫލުތައް ހިނގަފައި އޮތީ ޤާނޫނުއަސާސީގައި ބަޔާންވެފައި އޮތް ގޮތަށް އަކުރުން އަކުރަށް ކަމަށް ވާއިރު، މިމައްސަލައާބެހޭ ގޮތުން ކޮމިޝަނުން ދޭނެ ލަފައެއް ނެތެވެ.

7 ފެބްރުއަރީ 2012 ގެ ހާދިސާތަކަށް ރިޢާޔަތްކޮށް، ވެރިކަމުގެ ބާރު ޙަވާލުކުރަން ދިމާވި ޙަޤީޤަތްތަކާއި، ޙާލަތްތަކާއި ސަބަބުތަކަށް ބަލައި، އަންނަނިވި ކަންކަމާމެދު ކޮމިޝަނުން ޢާންމު ލަފާ ދެމެވެ:

1. އަންނަނިވި ދައުލަތުގެ މުއައްސަސާތަކުން ހިންގާ މަސައްކަތްތަކުގެ ކަންފަހިކަން އިތުރުކޮށް، އަދި ރައްޔިތުންގެ ލާބައާއި ޢާންމު މަޞްލަހަތަށްޓަކައި، އެމުއައްސަސާތަކުން ކުރާ ޚިދުމަތްތަކަށް އެހީ އާއި ހިތްވަރުދިނުން ފޯރުކޮށްދިނުމަށް، މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހިފައިވެއެވެ.
(ހ) މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން
(ށ) ޢަދުލު އިންސާފުގެ ބާރުގެ ދާއިރާއާއި ޖުޑީޝަލް ސަރވިސަސް ކޮމިޝަން
(ނ) ރައްޔިތުންގެ މަޖިލިސް
(ރ) ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

2. ޢަދުލު އިންސާފު ޤާއިމު ކުރުމުގެ މައްސަލައަށް ބަލާއިރު، ޚާއްސަކޮށް ފުލުހުންގެ ވަހުޝީ ޢަމަލުތަކާއި އެމީހުން ރައްޔިތުންނަށް ބިރުދެއްކުމުގެ ތުހުމަތުތަކަށް ބަލާއިރު، މިމައްސަލަތައް ތަޙްޤީޤުކުރުމުގައި ވީހާވެސް އަވަސްކުރުމުގެ ބޭނުންތެރިކަން ނުހަނު ބޮޑުވެފައިވެއެވެ. އަދި މިކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އާންމުކޮށް ފާޅުކޮށް، މިފަދަ ޢަމަލު ކުރިމީހުންގެ ހިސާބު ބެލި، އެކަށީގެންވާ އަދަބު ދޭންޖެހިފައި ވެއެވެ.

3. ޢަދުލްއިންސާސުގެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އޮންނާންޖެހޭއިރު، ފަނޑިޔާރުންގެ ސުލޫކާމެދު ތުހުމަތުތައް އުޅޭނަމަ، މުވާލާތް ނުކެނޑެނީސް، އެފަދަ ކަންކަން ޖޫޑިޝަލް ސަރވިސަސް ކޮމިޝަނުން ބަލައި، ރިޕޯޓުކުރެވެން ޖެހޭނެއެވެ.

4. ރައްޔިތުންގެ މަޖިލީހުގައި ކަންކަން ކުރިއަށް ގެންދިއުމަށް، ވަކި އުޞޫލުތަކެއް ބޭނުންވެފައި، މިފަދަ އުޞޫލުތައް އެފަދަ އެހެން މަޖިލީސްތަކުގައި ގޮވާންކޮށްފައި ވަނީ އެތައް ޤަރުނެއްގެ މުއްދަތުގައިކަމަށް ވާއިރު، މިފަދަ އުޞޫލުތައް ދެނެގަނެ، އެއުޞޫލުތަކުގެ އަލީގައި މަޖިލީހުގެ މެންބަރުންގެ ދުސްތޫރީ ވާޖިބުތައް، މިހާރަށްވުރެ ރަގަޅަށް އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް އެހީތެރިވެދޭން ޖެހިފައިވެއެވެ.

5. މީޑިޔާއަށް ވަދެފައިވާ ސިޔާސީ އޮއެވަރުގައި ޖެހުމުގެ ސަބަބުން، ދޭދޭ ފަރުދުންނާއި، ދޭދޭ މުޖްތަމައުތަކުގެ މެދުގައި އުފެދިފައިވާ ޝަޢުބީ ހިތްހަމަނުޖެހުމާއި، ބައިބައިވުމުގެ މާހައުލަށް ފަރުވާކުރުމަށް ނުހަނު ބޭނުންޖެހިފައި ވެއެވެ. މިއޮޔެވަރު ހުއްޓުވުމަށްޓަކައި، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތައް ތަރައްޤީކޮށް، ރައްޔިތުންގެ މެދުގައި ސަމާޙަތާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ސަމާލުވާން ޖެހިފައިވެއެވެ.

ޖުމްލަކޮށް ބަޔާންކުރާއިރު، ޑިމޮކްރެޓިކް މުޖްތަމަޢުއެއްގައި، ކޮންމެހެން އޮންނަންޖެހޭ ރައްޔިތުންގެ އިތުބާރު، ދައުލަތުގެ މުއައްސަސާތަކުގައި ޤާއިމުކޮށް، ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ހިންގުމުގެ މަސައްކަތް ހަރުދަނާކުރުމަޓަކައި، އެމުއައްސަސާތަކަށް އެހީތެރިކަން ބޭނުންވެފައިވެއެވެ.

30 އޯގަސްޓް 2012 ގެ ތާރީޚުގައި، މާލެ، ދިވެހިރާއްޖޭގައި

(ސޮއި)
އިސްމާޢީލު ޝަފީޢު
ޗެއަރމަން

(ސޮއި)
ޖަސްޓިސް.ޖީ.ޕީ ސެލްވަމް
ޗެއަރމަން

(ސޮއި)
ޑރ އިބްރާހިމް ޔާސިރު
މެންބަރު

(ސޮއި)
ޑރ ޢަލީ ފަވާޒް ޝަރީފް
މެންބަރު

(ސޮއި)
ސަރ ބްރޫސް ރޮބަރޓްސަން
އިންޓަރނޭޝަނަލް ޖޫޑިޝަލް އެޑްވައިޒަރ

(ސޮއި)
ޕްރޮފެސަރ ޖޯން ޕެކަރ
އިންޓަރނޭޝަނަލް ލީގަލް އެޑްވައިޒަރ