ކޯނީގެ ރިޕޯޓާ ގުޅިގެން ކުރީގެ ނައިބު ރައީސް ވަހީދު މީޑިއާއަށް ބަޔާން ދެއްވާއިރު ރާއްޖެޓީވީ ބައިވެރިނުކުރާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

ކޯނީގެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުގައި ކުރީގެ ނައިބު ރައީސް މުޙަންމަދު ވަޙީދު ޙަސަން މަނިކު މީޑިއާއަށް ބަޔާނެއް ދެއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް އެތަނަށް ރާއްޖެޓީވީ ވައްދާފައިނުވާތީ އެކަން އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) އަލީ ޝިޔާމް ކުށްވެރިކުރައްވައިފިއެވެ.

އަލީ ޝިޔާމް އެމްޑީޕީ ވެބްސައިޓަށް ދެންމެ ވިދާޅުވީ ރާއްޖެޓީވީ އަކީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ޓީވީ ޗެނަލަކަށްވާއިރު، އެހެން މީޑިއާތަކެކޭ އެއްފަދައިން އެ ޓީވީ ޗެނަލަށް ވެސް ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވެސް ގަވައިދުން ދައުވަތުދޭން ޖެހޭނޭ ކަމަށާއި، ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ނުދެވޭނަމަ ހަބަރާއި މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާ ނޫސްވެރިން ފަސްޖެހި، އެކަމުގެ ސަބަބުން ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރަސްތައް ކުރިމަތިވަމުން ދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް އޮފީހުން ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމާފައިވާ ކަމަށާއި، އެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވެސް ރާއްޖެޓީވީއަށް ދައުވަތު ނާރުވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް ރާއްޖެޓީވީ އަށް އެއްބާރުލުން ނުދޭން ނިންމާފައި ނުވާނޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަން ކުރުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި، މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާޢިއުކުރުމާއި، ފެތުރުމުގެ މިނިވަން ކަން ހިމެނޭ ކަމަށް ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް ޤާނޫނު އަސާސީން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކުރެވިފައިވާ ހައްޤުތައް ހަނިކޮށް، މިނިވަން ނޫސްވެރިކަމުގެ ނިޒާމް ފުނޑާލުމަށް ސަރުކާރާއި ހަވާލުވެގެން ތިބި ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.