ނޫސްބަޔާން: ޖަސްޓިސް ޖީޕީ ސެލްވަމް ތައްޔާރުކުރެއްވި ޑްރާފްޓާމެދު އެމް.ޑީ.ޕީ އިން ކަންބޮޑުވުން ފާޅުކުރުން

MDP-2012-PR-ނަންބަރު: 105
ތާރީޚް: 27 އޮގަސްޓް 2012 (ހޯމަ)

ޖަސްޓިސް ޖީޕީ ސެލްވަމް ތައްޔާރުކުރެއްވި ޑްރާފްޓާމެދު އެމް.ޑީ.ޕީ އިން ކަންބޮޑުވުން ފާޅުކުރުން:

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ކޯ ޗެއަރ ގެ ގޮތުގައި އިންނަވާ ޖަސްޓިސް ޖީޕީ ސެލްވަމް ތައްޔާރުކުރެއްވި ޑްރާފްޓަކީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެންދިއައިރު ފެނިފައިވާ މަންޒަރުތަކާއި، ކުރެވުނު އިޚްސާސްތައް ދޮގުކުރާ ނުވަތަ އޮޅުންއަރާ ގޮތަށް އޮތް ޑްރާފްޓެއްކަމަށް ކޯނީގައި އިންނަވާ ރައީސް މުޙައްމަދު ނަޝީދު އައްޔަނުކުރެއްވި މެމްބަރ އަލްފާޟިލް އަޙްމަދު ސަޢީދު ހާމަކުރައްވާފައިވާތީ، އެ ޑްރާފްޓާމެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.

އެ ޑްރާފްޓަކީ ކޯނީއަށް ހެކިބަސްދީފައިވާ އެތައް ބައެއްގެ ހެކިބަހާއި ފެނުނު އެތައް މަންޒަރުތަކަކަށް ރިއާއަތްކުރެއްވުމެއްނެތި ލިޔުއްވާފައިވާ ޑްރާފްޓެއްކަން މިހާރު އެވަނީ ހާމަވެފައެވެ. ޖަސްޓިސް ޖީޕީ ސެލްވަމް ކުރިން ދެއްވި ނޫސްކޮންފަރެންސް އެއްގައި ވިދާޅުވެފައިވަނީ އެބޭފުޅާ ގެންގުޅުންވާ ސިޔާސަތަކީ ކަމެއްގެ ޙަޤީޤަތަށް ވާސިލުވުމަށްޓަކައި ހެކިބަސް ދޭން ހުރި އެއްވެސް ފަރާތެއް ދޫކޮށްލެއްވުމެއްނެތި ހެކިބަސް ހޯއްދެވުންކަމަށެވެ. ނަމަވެސް އެގޮތަށް ވިދާޅުވެފައިވާ ވިދާޅުވުމާ ޚިލާފަށް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެދިއަގޮތުގެ މައުލޫމާތު އެގިވަޑައިގެންތިއްބެވި، އަދި އެބޭފުޅުންނަކީ އެ މައްސަލައަށް ކޮންމެހެން މުހިންމުވާ ބޭފުޅުންކަން ވެސް އެގިވަޑައިގެން ހުންނަވައި، އެބޭފުޅުންގެ ބަޔާންތައް ކޯނީއަށް ނަންގަވާފައިނުވެއެވެ. މިގޮތުން އެދުވަހު މާލޭ އޭރިއާގެ ކޮމާންޑަރުގެ ގޮތުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މެޖާ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ބްރިގެޑިއަރ ޖެނެރަލް އަޙްމަދު ނިލާމާއި ކާނަލް މުޙައްމަދު ޒިޔާދާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހު ފަދަ އެތައް ބޭފުޅުންތަކެއްގެ ބަޔާން، އެ ޑްރާފްޓް އެކުލަވާލެއްވިއިރު ނަންގަވާފައިނުވެއެވެ. މީގެ އިތުރުން ކުރިން އެއްބަސްވެވިފައިވާގޮތަށް މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބޭންކް ސްޓޭޓްމެންޓްތަކާއި ފޯނު ކޯލުތަކުގެ ރެކޯރޑްތައް ބެލެވިފައިވެސް ނުވެއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، އެމް.އެން.ޑީ.އެފް ގެ ހެޑްކްއާރޓަރސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހެޑްކްއާރޓަރސްގެ ސީ.ސީ.ޓީވީ ފުޓޭޖްތަކަށް ބައްލަވާފައި ވެސް ނުވެއެވެ. މީގެ އިތުރުން ޖަސްޓިސް ޖީޕީ ސެލްވަމް 31 ދުވަސްވަންދެން ކޯނީގައި މަސައްކަތްކުރެއްވުމުން ދުރުގައި އުޅުއްވާފައިވާކަން ވެސް ފާހަގަކުރަމެވެ.

ޖަސްޓިސް ޖީޕީ ސެލްވަމް މިދެންނެވިފަދައިން އަމުލުކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ހިނގާދިއަ ހާދިސާއެއްގެ ޙަޤީޤަތް ހާމަނުވާގޮތަށް، ރައްޔިތުންގެ އެތައްބައެއްގެ އުއްމީދުތައް ފުނޑުފުނޑުވެގެންދާގޮތަށް މިދެންނެވި ޑްރާފްޓް ތައްޔާރުކުރައްވާފައިވާކަމީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި ކޯނިން ތައްޔާރުކުރާ އެންމެ ފަހުގެ ރިޕޯރޓަކީ 7 ފެބްރުއަރީ 2012 ގައި ހިނގައިދިއަ ކަންކަމުގެ އެންމެހައި ޙަޤީޤަތްތައް ހާމަކުރެވިފައިވާ، ގިނަ ރައްޔިތުން އިތުބާރުކުރާގޮތަށް ތައްޔާރުކުރެވިފައިވާ ރިޕޯރޓަކަށްވުމީ ކޮންމެހެން މުހިއްމުކަމެއްކަމަށް މި ޕާރޓީން ދެކެމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް