ނޫސްބަޔާން: އައްޑޫ ސިޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަންދޫބުންގެ މައްޗައް އުފުލާ ދޮގު ދައުވާތައް ހުށްޓާލުމަށް ގޮވާލުން

MDP-2012-PR-ނަންބަރު: 100
ތާރީޚް: 17 އޮގަސްޓު 2012 (ހުކުރު )

އައްޑޫ ސިޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަންދޫބުންގެ މައްޗައް އުފުލާ ދޮގު ދައުވާތައް ހުށްޓާލުމަށް ގޮވާލުން.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޓީ ކައުންސިލުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުންގެ މައްޗައް ބަޣާވާތުގެ ވެރިކަމުން ޓެރެރިޒަމްގެ ނަމުގަޔާއި މިނޫންވެސް އެކި އެކި ނަންނަމުގައި ދޮގު ދައުވާތައް އުފުލަމުން ގެންދާ ގެންދިޔުމާއިމެދު ކަންބޮޑުވުން ފާޅުކޮށް އެކަން އެއްމެ ހަރުކަށި އިބާރާތުން މިޕާޓީން ކުށްވެރިކުރަމެވެ.

އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން މަޖިލިސްގެ މެމްބަރ މުހައްމަދު ރަޝީދު ( މެޓްރިކްސް މޯޑު) އާއި އައްޑޫ ސިޓީގެ 5 ކައުންސިލަރަކާއި އަދި އައްޑޫ ސިޓީގެ 40 އަށްވުރެ މަދުނޫން ރައްޔިތުންތަކެއްގެ މައްޗައް އެކީ އެއްފަހަރާ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށައެޅިފައެވެ.

މިދައުވާ ތަކަކީ ކަމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު އާއްމު ކުރާ ދުވަހާއި ގާތްކޮށް ، އެމްޑީޕީ އަށް ނިސްބަތްވާ ފަރާތް ތަކުގެ މައްޗަށާއި އަދި ވަކިން ހާއްސަކޮށް ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބުންގެ މައްޗައް އެފަރާތްތަކުގެ ގާނޫނީ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށާއި، ރާއްޖެ ހަލަބޮލިކޮށް އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޣާވާތުގެ ވެރިކަމުގެ ފަރާތުން ހިންގަމުން ގެންދާ އަމަލު ތަކެއްކަމަށް މިޕާޓީން ދެކެމެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިންސާފުވެރި ޝަރުޢީ ނިޒާމެއް ކަމާއި މެދު ރާއްޖޭގެ ގިނަރައްޔިތުންނާއި އަދި އދ އިންވެސް ސުވާލުއުފައްދާ، އަދި 2012 ފެބްރުއަރީ 7،8 ގައި ސަލާތީ ހިދުމަތްތަކުން ރައްޔިތުންގެ މައްޗަށް ފާޅުކަން ބޮޑުގޮތެއްގައި ވަރަށް ސާބިތު ހިފޭގޮތެއްގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ބެލުމައްވެސް އދ އިން ގޮވާލައިފައި ވާއިރު ބަޣާވާތުގެ ވެރިކަމުން މިކަންކަން ބެލުމުން އެއްކިބާވެ ތިބެ، ސާބިތު ނުހިފޭ ތުހުމަތު ތަކުގެ މައްޗައް ބިނާކޮށް ވަކި ބަޔެއްގެ މައްޗައް ދައުވާކުރަމުންދާކަން މިޕާޓީން ފާހަގަ ކުރަމެވެ.

އެހެންކަމުން އައްޑޫސިޓީގެ އަށް ނިސްބަތްވާ ރައްޔތިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ނާއި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި އަދި އައްޑޫ ސިޓީގެ އާއްމު ރައްޔިތުނާއި އަދި އައްޑޫ ސިޓީގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންގެ މައްޗައް ހަމަކަމާއި އިންސާފުން އެއްކިބާވެ ތިބެ ދޮގު ދައުވާތައް ކުރުމާއި ހައްޔަރުކުރަމުން ގެންދާ ގެންދިޔުން ވަގުތުން ހުށްޓާލުމަށް މިޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް