![NEC 03-07-12 (8)](http://mdp.org.mv/wp-content/uploads/2012/07/NEC-03-07-12-8.jpg)
7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތާއި ބެހޭ ގޮތުން، ގޮތެއް ނިންމައި، ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ) އިން ރިޕޯޓް ނެރުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުން އެމްޑީޕީގެ މެންބަރުން މާލެ ގެނެސް ގައުމީ ބޮޑު ޖަލްސާ އެއް ބާއްވާ ގޮތަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ އެންމެހައި މެމްބަރުން ބައިވެރިވާ ޤައުމީ ޖަލްސާއެއް ބޭއްވުމަށް ޤައުމީ ހިންގާ ކޮމެޓީން ނިންމާފައިވަނީ ކޯނީގެ ރިޕޯޓްގައި ބަޔާން ކުރާނެ ކަންކަން ތަންފީޛު ކުރުމަށް ބާރު އަޅާ ދިނުމުގެ ގޮތުން ޕާޓީގެ ފަރާތުން ޢަމަލު ކުރާނެ ގޮތްތައް ނިންމުމަށެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 120 ވަނަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޯނީގެ ރިޕޯޓް އާއްމުވުމުން ކަންކަން ހިނގައިދާނެ ގޮތަކާއި، އެމްޑީޕީގެ ސީދާ ހަރަކާތް ހުއްޓާލާފައިވާތާ 10 ދުވަސް ހަމަވުމުން ޢަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމާއި ބެހޭ ގޮތުންނެވެ. އެގޮތުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ނިންމާފައިވަނީ އެ ޕާޓީގެ ސީދާ ހަރަކާތް މެދުކަނޑާލާފައިވަނީ ރޯދަ މަސް ނިމެންދެން ކަމަށް ވުމާ އެކު، ރޯދަމަހަށް ފަހު އަލުން ސީދާ ހަރަކާތް ފެށުމަށެވެ.
މީގެ އިތުރުން 2005 ވަނަ އަހަރުން ފެށިގެން އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ފާހަގަކުރަމުން އަންނަ 12/13 އަކީ ކަޅު ހުކުރުގެ ދުވަހުގެ ނަމުގައި ފާހަގަކުރުމުގެ ބަދަލުގައި އެ ދުވަސް “ހިއްވަރު ހޯދުމުގެ ދުވަސް”، މި ނަމުގައި ފާހަގަކުރާ ގޮތަށް ކަނޑައެޅުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހުށަހެޅުއްވުމުން، އެ ދުވަސް ހިއްވަރު ހޯދުމުގެ ދުވަހުގެ ނަމުގައި ފާހަގަކުރާ ގޮތަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ވަނީ އިއްތިފާގުވެފައެވެ.