އެމްޑީޕީއިން ގައުމީ ސިފައިންނާއި ފުލުހުންނަށް ދެރައެއް ނުދޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 93
ތާރީޚް: 9 އޮގަސްޓް 2012 (ބުރާސްފަތި)

އެމްޑީޕީއިން ގައުމީ ސިފައިންނާއި ފުލުހުންނަށް ދެރައެއް ނުދޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގައުމީ ސިފައިންނާ ފުލުހުންނަށް ދެރައެއް ނުދޭނޭ ކަމަށާއި، އެހެން ނަމަވެސް ބާޣީ ސިފައިންނާއި ފުލުހުންނާ މެދު ފިޔަވަޅުއެޅެން ޖެހޭނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިފައިންނާ ފުލުހުންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވި ފަރާތްތައް ޔުނީފޯރމުގައި ހިންގާފައިވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، ފޮޓޯތަކާއި، ވީޑިއޯތަކުން ފުލުހުންނާއި ސިފައިން ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހި ދައުލަތާއި، ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރާއި ދެކޮޅަށް ހިންގާފައިވާ އަމަލުތަކުގެ ހެކިތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިއިރު، އެފަދަ ނާތަހުޒީބު އަމަލެއް ކޮށްފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެ، ރާއްޖޭގައި ޒަމާނުއްސުރެ އަށަގެންފައިވާ ބަޣާވާތުން ވެރިކަން ބަދަލުކުރުމުގެ ސަގާފަތް އަލުން ދިރުވުމަށް ދެވޭ ހިއްވަރެއް ކަމުގައި މި ޕާޓީން ތަކުރާރުކޮށް މިދަނީ ބުނަމުންނެވެ.

އަދި، ސިފައިންނާ ފުލުހުންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވެ ފުލުހުންނާއި ސިފައިންގެ ގަދަރުވެރި މުޥައްސަސާތަކުގެ އަގުވައްޓާލާފައިވަނީ މަދު އަދަދެއްގެ ބައެއް ކަން އެމްޑީޕީން ފާހަގަކޮށް، ބަޣާވާތުގެ ސަރުކާރުން ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވާ އެތައް ހާސް ގައުމީ ސިފައިންނާއި، ފުލުހުން މިގައުމުގައި ތިބި ކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ ގައުމީ ފުލުހުންނާއި ސިފައިން ދައްކަމުންދާ ހިއްވަރަށް އައްސަރި ބަހާއި ސާބަސް ރައްދުކޮށް، ގައުމީ ސިފައިންނާއި ފުލުހުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް އެމްޑީޕީން ކުޑަނަމަވެސް ދެރައެއް ނުދޭނޭ ކަމުގެ ޔަގީންކަން މި ޕާޓީން އަރުވަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް