މިހާތަނަށް ވެސް މަޖިލީހުގައި ހަނގުރާމަ ނުކޮށް ތިބީ ރައްޔިތުންގެ ގައިގައި އަތްލަންދެން – އަލީ ވަހީދު

މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ހަނގުރާމަ ނުކޮށް ތިބީ ރައްޔިތުންގެ ގައިގައި “އަތްލަންދެން” ކަމަށާއި އެމްޑީޕީން ދެމުންދިޔަ އާސަންދަ ފަދަ ރައްޔިތުންގެ މެދުގައި މަގުބޫލު ހިދުމަތްތައް ހުއްޓާލަން ނިންމުމުން އެމްޑީޕީ މަޑުން ނުތިބޭނެ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން މި ވޭތުވެދިޔަ 5 މަސް ދުވަހު ވެސް މަޑުން ތިބީ ހަރުކަށިވާން ނޭނގޭތީ ނޫން ކަމަށާއި، އެމްޑީޕީ އާއި ބަޣާވާތްކުރި ފަރާތްތަކާ ދެމެދު ހަނގުރާމަކުރަން ފަށައިފިނަމަ އެކަމުން ރައްޔިތުންނަށް ގެއްލުންވާނޭތީ ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއަށް ވަގުތު ދެވިއްޖެ ކަމަށާއި އެމްޑީޕީ ދެން މަޑުން ނޯންނާނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

“ދެން އެމްޑީޕީއެއް މަޑަކުން ނޯންނާނެ. އަޅުގަނޑުމެން ދީނުގައިވެސް އޮންނަނީ މަޝްވަރާގެ އުސޫލު. މަޝްވަރާ ކުރުމަށް ފަސް މަސް ބަލަން ތިބެފިން. ދެން އޮންނާނީ މަޖިލީގައި ހަނގުރާމަ. އަޅުގަނޑުމެން މަޑުން ތިބީ އަޅުގަނޑުމެންނަށް ހަރުކަށިވާން ނޭނގޭތީއެއް ނޫން. އަޅުގަނޑުމެން މަޑުން ތިބީ މަޖިލީހުގައި ދެ ފަރާތުން ހަނގުރާމަ ކުރަން ފެށީމަ ރައްޔިތުނަށް ގެއްލުން ވާނެތީ”. އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ޚުދުމުޚްތާރުވެރިޔާ މައުމޫން އަބްދުލްގައްޔޫމަށް ވެސް ރޭގެ ޖަލްސާގައި އަލީ ވަހީދު ފާޑުވިދާޅުވިއެވެ.

އެގޮތުން “ދައުލަތުގެ ނިޝާނާއި ސިއްކަ ރަނގަޅަށް ޓައިޕް ނުކޮށް އަތުން ލިޔެފައި އޮތް ސިޓީއެއް ބަލައިގަނެ، އެ ފޮނުވި މީހާގާތު އެ ފޮނުވިންތޯ ބަލާ ނުލީމާ ބަޣާވާތުގެ އެންމެ އަޑީގައި ހުރި މީހަކީ އަބްދުﷲ ޝާހިދު” ކަމަށް އަލީ ވަހީދު ތުމަތުކުރެއްވިއެވެ. އަދި އިންކުއިރީ ކޮމިޝަނުގެ ނިންމުން ގަބޫލު ނުކުރައްވާނޭ ކަމަށް މައުމޫނު ވިދާޅުވާއިރު، އެ ކޮމިޝަނަށް ވަޑައިގެން މައުމޫން މައުލޫމާތުދެއްވީތީ އެކަމަށް ވެސް އަލީ ވަހީދު ފާޑުވިދާޅުވިއެވެ.