ދައުލަތުގެ ބަޖެޓަކީ ރާއްޖޭގައި ބާޣާވާތްކޮށްގެން، އެބަޣާވާތް ފޫބައްދަން އެކުލަވާލާފައިވާ ބަޖެޓެއްނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ދައުލަތުގެ ބަޖެޓަކީ ރާއްޖޭގައި ބާޣާވާތްކޮށްގެން، އެބަޣާވާތް ފޫބައްދަން އެކުލަވާލާފައިވާ ބަޖެޓެއްނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހިދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ތަރައްގީއަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، އެބަޖެޓާ އެއް ގޮތަށް މިއަދު ގައުމު ހިންގައިފިނަމަވެސް ދިވެހިރައްޔިތުންނަށް އޭގެ ފައިދާ އާއި ގައުމަށް ތަރައްގީ ލިބިގެންދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެބަޖެޓަކީ ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ތަރައްގީއަށް އެކުލަވާލާފައިވާ ބަޖެޓެއް. އެބަޖެޓު މިއަދުވެސް ހިންގައިފިނަމަވެސް ދިވެހިރައްޔިތުންނަށް އެފައިދާއާއި އެތަރައްގީއާއި އެމަންފާ ލިބޭނެކަމީ އަޅުގަޑުމެންގެ ހިތުގައި ކުޑަކޮށްވެސް ޝައްކު ހިނގާކަމެއްނޫން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި، މިރާއްޖޭގެ މުއްސަދިކަމާ އަޅާބަލާއިރު މި ދިވެހިރާއްޖޭގެ ފަގީރުކަން މާ ބޮޑު ކަމަށާއި، ބިކަހާލުގައި ހާސްކަންމަތީގައި ދިރިއުޅޭ ދިވެހި ކިތަންމެ ރައްޔިތުން މިއަދުވެސް އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އާސަންދައިގެ ހިދުމަތް ތައާރަފުކުރަމުން ދިޔައީ ނޭނގި ނޫން ކަމަށާއި، އާސަންދަ ފެށީ ބައިނަލްއަގްވާމީ އެތައް މާހިރުން ވެސް ހިމެނޭ ގޮތުން ކިތަންމެ ބައެއްގެ އިރުޝާދަކާ އެކުގައި ކަމަށެވެ.

ބަޖެޓްގައި އާސަންދަ އަށް އަހަރަކަށް 720މިލިޔަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އެ އަދަދު 920 މިލިޔަން ރުފިޔާ އަށް އިތުރުވާނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ރަނގަޅަށް ބަލައިފި ނަމަ ބަޖެޓްގެ ތެރެއިން އެ ފައިސާ ހަމަޖެއްސޭނެ ގޮތް އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ ކުރިން ކޮންމެ އަހަރަކު އައިޖީއެމްއެޗަށް ސަބްސިޑީގެ ގޮތުގައި 300 މިލިޔަން ރުފިޔާ ދެމުން އަންނަ ކަމަށާއި އާސަންދައިގެ ދަށުން ސަރުކާރު ހޮސްޕިޓަލްތަކަށް ދެއްކުމަށް ނަގާ އަދަދު ބޮޑުކުރުމުން އެ ފައިސާ ނުދީ އާސަންދަ އަށް ހަރަދުކުރެވޭނެ ކަމަށް ވެސް ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަޖެޓަށް ބާރު ބޮޑުވީ ބަޖެޓްގައި ހިމެނިފައިނެތް ޚަރަދުތަކެއް ބަޣާވާތް ފޫބެއްދުމަށް ކުރަމުން ދިއުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ބަޣާވާތްކުރި ދުވަސް ކަމަށްވާ 7 ފެބްރުއަރީ ގައި “ތެޅި ބިއްލޫރިތަކާއި ކުޑަ ދޮރުތަކުން އުކި ކޮމްޕިއުޓަރާއި އެހެން އޮފިސަރުންގެ ގައިގައި ތެޅި ގޮނޑިއާއި، އެދުވަހު ޖެހި ޓިޔަގޭހާއި އެދުވަހު ކުރި ހަރަދަށް” އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

” ސިފައިނާއި ފުލުހުން އިތުރުކޮށްފި. މިކަމަށް 228 މިލިއަން ރުފިޔާ ހަރަދުވެއްޖެ. ފުލުހުނަށް ޕޮރިމޯޝަން ދީފި. ސިފައިންނަށް ޕްރޮމޯޝަން ދީފި. މި ވާހަކައެއް ބަޖެޓްގައި ނެތް. މިކަމަށް 63 މިލިއަން އިތުރަށް ހަރަދުވެއްޖެ. ދެ މިނިސްޓްރީ އިތުރަށް ހަދައިފި. މި ވާހަކަވެސް ބަޖެޓްގައި ނެތް. މިކަމަށްވެސް އަނެއްކާވެސް މިކަމަށް 22 މިލިއަން ރުފިޔާ ކާރާއި ގޮނޑިމޭޒަށާއި އެއްކޮން ހަރަދުވެގެން ހިނގައްޖެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.