ބަޣާވާތުގެ ސަރުކާރުން ގާނޫނާ ގަވައިދާ ޚިލާފަށް ވަރަށް ގިނަ ކަންތައް ކޮށްފި – އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް

ބަޣާވާތަކުން ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ގާނޫނާއި ގަވައިދާއި ޚިލާފަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ގައުމުގެ ހާލަތު ގޯހުން ގޯހަށް ބަދަލުވަމުންދާ ކަމަށް ވިދާޅުވެ، އެކަންތައްތައް ބަލަހައްޓައިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނޯންނާނޭ ކަމަށް އެ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އިބޫ ވިދާޅުވީ ބަޣާވާތުގެ ސަރުކާރު އައުމަށް ފަހު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ބަޖެޓް ޑެފިސިޓް ވެސް އެތައް ގުނައެއް ބޮޑުވެގެން ދާނޭ ކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްކޮންފަރެންސް ގައި އިބޫ ވަނީ ބަޣާވާތުގެ ސަރުކާރު އައުމަށްފަހު ގާނޫނާއި، ރައްޔިތުންގެ ވިންދާ ދެކޮޅަށް ކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން މާލިއްޔަތު ގާނޫނާއި ޚިލާފަށް ފިނޭންސް މިނިސްޓްރީން ވަރަށް ގިނަ ކަންތައް ކޮށްފައިވާ ކަމަށާއި، ބަޖެޓްގައި ހިމެނިފައިވާ ކަންތައްތަކަށް ޚަރަދު ނުކޮށް، ބަޖެޓްގައި ނުހިމެނޭ ކަންތައްތަކަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައިޖީއެމްއެޗް ފިޔަވައި، ސިއްޚީ ހިދުމަތްދޭ އެހެން ތަންތަނުން އާސަންދައިން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން އަގެއް ނެގުމަށް ބަޣާވާތުގެ ސަރުކާރުން ހަމަޖެއްސުމާއި، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ސިޓީ ކައުންސިލްތައް އުވާލުމަށް ބާޣީ ސަރުކާރުގެ ތެރޭގައި މަޝްވަރާކުރަމުން ދިއުމާއި، މަޖިލީހުގެ ގަވައިދާއި ޚިލާފަށް މެންބަރުން ހައްޔަރުކުރަމުން ދިއުމާއި، ފެބްރުއަރީ 6 ން ފެށިގެން 8 އާ ދެމެދު ބަޣާވާތް ގެނައި ފަރާތްތަކުން ހިންގާފައިވާ ކަންތައްތައް ނުބަލާނޭ ކަމަށް ބަޣާވާތުގެ ސަރުކާރުން ބުނުން ހިމެނެއެވެ.

މި ނޫސްކޮންފަރެންސް ގައި އަލީ ވަހީދު ވިދާޅުވީ ބަޣާވާތަށް ފަހު ފާއިތުވި 6 މަސްދުވަހު ރައްޔިތުންގެ މަޖިލިސް އޮތީ “ޕެރަލައިޒްވެފައި” ކަމަށާއި، އެ ޕެރަލައިޒްކަން ނުކެނޑެނީސް މަޖިލީހަށް ދެން އެއްބާރުލުން ދެވެން ނެތް ކަމަށެވެ. އަދި ގާނޫނާއި ޚިލާފަށް މަޖިލީހުގެ މެންބަރުންނާ މެދު އަމަލުކޮށްފައިވާތީ ބަޣާވާތުގެ ސަރުކާރުގެ ހޯމް މިނިސްޓަރ މުޙަންމަދު ޖަމީލާއި، ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒާއި މެދު ދައުވާކުރެވެން ޖެހޭނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރަން އުޅޭތީ އެކަމަށް ރައްދުދެއްވައި އަލީ ވަހީދު ވިދާޅުވީ ބަޣާވާތުގެ ސަރުކާރުގެ ކަންކަން ” މިހާރު މިދަނީ ހައްދު ފަހަނައަޅަމުން” ކަމަށާއި، ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުކޮށްފިނަމަ ސިޔާސީ މަސްރަހު އިތުރަށް ކިލަނބުވެގެން ދާނޭ ކަމަށެވެ.