އަނިޔާކުރާނީ އަނިޔާވެރީންނެވެ!

ފުނަމާ

ރައްޔިތުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮތް ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރެޓިކް އުސޫލުން ހިންގާންފެށި ވެރިކަން އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނުކުމެ ވައްޓާލިކަން މިއަދު މުޅިދުނިޔެ ވެސް އެދަނީ ގަބޫލުކުރަމުންނެވެ. މިގައުމުގެ ސަރުކާރު ހިންގާން މިއަދު އެތިބަ މީހުންނަކީ މިގައުމުގައިއޮތް ގާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލި ބައެއްކަމުގައި މިބުނަނީ ސަބަބުތަކެއް އޮތީމައެވެ. ހެކިތަކެއް ހުރީމައެވެ.

އަނިޔާވެރި ކަމުން ހައްދުފަހަނަ އަޅާފައިވާ ބަޔަކާއި މަލްއޫނު ކަމުން ހިތްފަސާދަވެ ވެރިކަމަށް ބޫތުކައިފައި ތިބި ޝޭޚުންގެ ނިގާބުއަޅައިގެން އުޅޭ ބަޔަކު ނުކުމެ މާލޭގެ މަގުތަކުގައި ހުރިއްޔާހުރި ގަހެއް އުފުރައި، ދައުލަތުގެ އިމާރާތްތަކާއި މީހުންގެ އަމިއްލަ މުދަލަށާއި ގެދޮރަށް ގެއްލުންދީ ދައުލަތާއި އަމިއްލަ މީހުންގެ ވެހިކަލްތަކުގައި ރޯކުރަމުން ގެންދިޔަކަން ނޭނގޭ މީހަކު ނުހުންނާނެއެވެ. އެންމެފަހުން ފުލުހުންނާއި ސިފައިގެ ތެރެއިން ބަޔަކު ވާވަށްދާލައިގެން އެމީހުންގެ ބާރުގައި ވެރިކަންވެސް ވަށްޓާލީއެވެ. މިއަކީ ފޮރުވޭނެ ކަންކަމެއް ނޫނެވެ. ހެކިތައް ބުނެދޭ ޙަގީގަތްތަކެވެ.

މީގެއިތުރުން ފުލުހުންނާއި ސިފައިން ނުކުމެ މީހުންނަށް މަގުމަތީގައި އަނިޔާކުރާން ފެށިކަން މިގައުމުގެ އެންމެންވެސް ދަންނާނެއެވެ. ސުލްހަވެރި މުޒާހަރާތައް ސުމާރެއް ނެތްވަރުގެ ބާރުބޭނުންކޮށް ރޫޅާލައި މީހުންގެ ދެލޮލަށް އިންޗިއެއްގެ ކައިރިން ޕެޕަރ ސްޕްރޭ ޖެހި މަންޒަރުތައް އެހެރީ ފެންނާށެވެ. އެންމެ ފަހުން ރައީސް ނަޝީދުގެ ލޯފުޅަށްވެސް ޕެޕަރ ސްޕްރޭ ޖެހީއެވެ.

މިސަރުކާރުގެ ބޭނުމަކީ އެމްޑީޕީއާއި މިބާޣީ ސަރުކާރަށް ރުހިފައިނުވާ ކޮންމެ މީހަކު މަރައި ދުވަސް ދުއްވާލުމެވެ. އެކަން އެގެންދަނީ ކުރަމުންނެވެ. ފާޅުގަޔާއި ސިއްރުގައިވެސް މެއެވެ. މަޝްހޫރު ފަހަރި ޝޭޚު އަރައި އެބުނަނީ އެމްޑީޕީގެ ސުލްހަވެރި އެއްވުންތައް ގާނޫނުގެ ތަރަހައިގެ ތެރެއިން ނުހުއްޓުވޭނެ ވާހަކައެވެ. އެކަން ހުއްޓުވޭނީ އެމީހުން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލިހެން ގާނޫނީ އިމުގެ ބޭރުން ނުކުމެ ރައްޔިތުން މަރައި ހުސްކޮށް ގެންނެވެ. އެނޫންގޮތަކަށް އެމްޑީޕީ ބަލިކުރެވޭނެ އެއްވެސް ގޮތެއް އެމީހުންނަކަށް މިއަދަކު ފެނިއެއް ނެތެވެ. އެބުނާ ޑިސެމްބަރ އިއްތިހާދަކުން ސިއްރިޔާތުގައި ރައީސް ނަޝީދު ދުއްވާލުމަށް ރާވަމުން ގެންދާ ކަމުގެ ޚަބަރުތައްވެސް މިދަނީ ފެތުރެމުންނެވެ.

މިގައުމުގައި ހިނގާ ހުރިހައި ޖަރީމާތަކެއް އެމްޑީޕީގެ ބޮލުގައި އަޅުވަން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެކުރީންވެސް ސަރުކާރަކުން އެކަންވަނީ ކޮށްބޭކާރު ވެފައެވެ. އެހެނީ އެމްޑީޕީއަކީ އަނިޔާވެރިވުމަށް އަނިޔާ ކުރުމަށް ހިތްވަރުދޭ އަދި، ގޮވާލާނެ ޕާޓީއެއް ނޫނެވެ. އެއާ ޚިލާފަށް އަނިޔާ ނުކުރުމަށާއި، އަނިޔާއާއި އިދިކޮޅަށް އެމްޑީޕީ އަބަދުވެސް ނުކުންނާނެއެވެ. ބާޣީ ސަރުކާރުން މިއަދު އިލެކްޝަން ކޮމިޝަނަށް ގާނޫނީ އިމުގެ ބޭރުން އެމްޑީޕީ އުވާލުމަށް ޕުރެޝަރ ދެމުންގެންދާއިރު އެކަމަށް އެއްވެސް ހުއްޖަތެއް ބާޣީންނަކަށް ނުދެއްކެއެވެ. ސިޔާސީ ޕާޓީ ތަކާއިބެހޭ ގާނޫނުތައް ގަސްދުގައި ނުނިންމާ އިހުމާލުކޮށް މަޖިލީހުގައި ތާށިކޮށް މިއަދާ ހަމަޔަށް ބޭއްވީ ވެސް މިއަދު ބަޣާވާތް ކޮށްގެން މިއުޅޭ މީހުން އެއްބާރު އަޅައިގެންނެވެ. ވީއިރު މިއަދު އެމީހުންނަށް އުނދަގޫވެޔޭ ކިޔައިގެން އިލެކްޝަން ކޮމިޝަންއަށް އެޖަހަނީ ކޮން ހޫނުފެނެއް ހެއްޔެވެ؟ އެބާރު ފޯރުވަން އުޅެނީ މުސްތަގިއްލު މުއައްސަސާ އަކަށް ނޫންހެއްޔެވެ. ބާޣީ ސަރުކާރަށް ބޭނުންވަނީ އެމީހުން ބުނާހައި ގޮތަކަށް ކަންކަން ކުރާނެ ، ބަސްބުނާނެ ބައެއް އެކަންޏެވެ. ރައްޔިތުންގެ ޙައްގުތައް ނިގުޅައިގަނެގެން ތިބިބަޔަކު ޖާނުސަލާމަތް ކުރުމަށް އެތިބަގެން ސަރުކާރުގައި މުޑިވިއްދަނީއެވެ. އެކަމަކު ﷲގެ މަތިވެރިކަމުން މިއަދު މިބާޣީ ސަރުކާރުގައި އެދަނީ ރެނދު އަޅައި ފޭވަމުންނެވެ.

އެމްޑީޕީން އަބަދުވެސް ގޮވާލަނީ އަނިޔާ ނުކުރުމަށެވެ. އިއްޔެވެސްގޮވީ އެހެންނެވެ. މިއަދުވެސް ހަމަމިތިބީ އެގޮތުގައެވެ. އަހަރެމެންގެ ލީޑަރ ވިދާޅުވަނީ އަނިޔާ ކުރިޔަސް ނުކުރާށެވެ. ޖެހިޔަސް ނުޖަހާށެވެ. މިއަދުވެސް އަހަރެމެން މިގޮވާލަނީ ފުލުހުންވެސް ރައްޔިތުންނަށް އަނިޔާ ނުކުރުމަށެވެ. ވޭން ނުދިނުމަށެވެ. އެހެން ކަމަށްވާނަމަ ޑިއުޓީއަށްދާ ފުލުހަކު މަރާލުމުގައި އެމްޑީޕީ ބައިވެރި ނުވާނެކަން އެންމެންވެސް ހެޔޮހިތުން ގަބޫލުކުރާނެއެވެ. އަދި މިފަދަ އަމަލުތައް ކުރަމުން އެގެންދާ މީހުން ގުޅިފައިވަނީ ކޮން ޕާޓީއަކާ ކަންވެސް މިއަދު މިދަނީ ހާމަވަމުންެނެވެ. އަދި އަނިޔާވެރީންގެ ރޭވުންތައް ބޭޒާރުވެ ހަފުސްވަމުން ދާކަމީވެސް ހަގީގަތެކެވެ.

މިހިނދު ވިސްނާލަން މުހިންމު ކަމެއް އެބައޮތެވެ. އިންސާނުންނަކީ ކުށްކުރާ ބައެކެވެ. އެއިން ބަރީއަވެފައިވާ މީހަކު ގައިމުވެސް މިއަދުގެ ދުނިޔެއަކު އުޅޭކަމެއް ނޭނގެއެވެ. ސިޔާސީ ޕާޓީތަކުގައިވެސް އުޅެނީ އިންސާނުންނެވެ. އެއިންމީހަކު ކުރާ ކޮންމެ ކުށަކީ އެޕާޓީއެއްގެ ބޮލުގައި ސިޔާސީ ބޭނުމެއްގައި އަޅުވާ ކަމެއް ކަމުގައި ހެދުމަކީ މޮޔަކަމެކެވެ. މިސާލަކަށް ޕާޓީއެއްގައި ހިމެނޭ އަންހެނަކު ނާޖާއިޒު ދަރިޔަކު ވިހައިފިނަމަ އެޕާޓީގައި ކިތަންމެ އަތްޕުޅުމަޑު ޒައީމަކު ހުއްޓަސް އެޒައީމަށް އެދަރި ލައްވާން ޖެހޭނެހެއްޔެވެ؟ ނޫނެކެވެ. ނުޖެހޭނެއެވެ. އަދި އެކަމުން މުޅިޕާޓީގެ އަގުވެއްޓޭކަށްވެސް ނުޖެހެއެވެ.

މިއަދު މިގައުމަށް މިވެރިވެފައިވާ ބާޣީންގެ ސަބަބުން މުޅިގައުމުގެ އިޖުތިމާއީ ފޭރާން އިތުރަށް މިވަނީ ވީދި ހަލާކުވެފައެވެ. ސަރުކާރު ދެމެހެއްޓުން ނޫންކަމެއް މިމީހުންގެ ވިސްނުމުގައި ވާނަމަ އެއީ އެމްޑީޕީގެ ލީޑަރުގެ ދުވަސް ދުއްވާލުމާ އެމްޑީޕީގެ އެންމެހައި މެންބަރުން ދިގުމުއްދަތައް ޖަލަށްލައި ހައްޔަރު ކުރުމެވެ. ނޫނީ ދުވަސް ދުށްވާލުމެވެ. ގައުމު އިނދަޖެހި ރައްޔިތުން ބަނޑަށް ޖެހުމަކީ މިމީހުން ކަންބޮޑުވާ ކަމެއް ނޫނެވެ. ބޭރު ގައުމުތަކުގެ އަޑެއް މިމީހުން ނާހައެވެ. ދުނިޔޭގެ ޕުރެޝަރއަކަށް ސިހޭކަމަކަށް ނުހަދައެވެ. ރެޔާދުވާލު ރައްޔިތުންނަށް އަނިޔާކުރުން ނޫންކަމެއް މިބާޣީ ސަރުކާރަކުން ނުކުރެއެވެ.

އެމްޑީޕީ އުފެދުނީވެސް ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ވެރީންނާއި އިދިކޮޅަށް އަޑުއުފުލުމަށެވެ. ޑިމޮކްރަސީ ތައާރަފުކޮށް ދިރުވުމަށެވެ. ރައްޔިތުންނަށް މަންފާއާއި ލާބަ ހޯދައި ދިނުމުގެ މަތިވެރި މަގުސަދުގައެވެ. އިސްލާމްދީނުގެ ވަޙުދަތު މިގައުމުގައި ދިރުވައި ދެމެހެއްޓުމުގެ ބޭނުމުގައެވެ. ވީއިރު މިއަދު މިގައުމަށް ވެރިވެގެން އެތިބަ ޚާއިނުންނަށް އެމްޑީޕީ ބޮލެއް ނުލަނބާނެއެވެ. އެއަނިޔާވެރީން އެކުރާ އަނިޔާއާއި އިދިކޮޅަށް އަޑުއުފުލާނެއެވެ. އެންމެފަހު މެންބަރާ ހަމަޔަށްވެސް މިގޮތުގައި ދެމިތިބޭނެއެވެ. އެކަމަކު ހަމަހިލާ އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދޭކަށް އެމްޑީޕީ ނުނިކުންނާނެއެވެ. ޙައްގު ގޮތުގައި އަނިޔާވެރީންނާއި ކުރިމަތިލުމަކީ އަނިޔާއެއް ކަމުގައި ދެކޭނެ އެއްވެސް ނިޒާމެއް މިދުނިޔެއަކު ނުވާނެއެވެ. އެކަމަކު އެމްޑީޕީ ނުކުމެ ތިބީކީ ހަނގުރާމައެއް ކުރާކަށް ނޫނެވެ. އަނިޔާއާއި އިދިކޮޅަށް އަޑުއުފުލާށެވެ. މިކަން އޮޅުވާލައި ތަފާތު ޖަރީމާތައް އެމްޑީޕީގެ ބޮލުގައި އެޅުވުމަކީ އަނިޔާވެރީންގެ އަނިޔާވެރިކަން އިތުރަށް ހާމަވެގެން ދާނެކަމެކެވެ. މިއަދު ވަމުން އެދަނީވެސް އެހެންވެވާ ބޭޒާރެވެ. އަނިޔާވެރީންނަކީ ހަމައެމީހުންނެވެ. މިބާޣީ ސަރުކާރުގެ ތެރޭގައިތިބެ ރައްޔިތުންނަށް އަނިޔާކުރާ މީހުންނެވެ.