އާސަންދައިގެ ހިދުމަތަށް ރައްޔިތުންގެ އަތުން ފައިސާ ނެގުމަށް ބަޣާވާތުގެ ސަރުކާރުން ކުރާ މަސައްކަތް ކުށްވެރިކުރަން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 84
ތާރީޚް: 29 ޖުލައި 2012 (އާދީއްތަ)

އާސަންދައިގެ ހިދުމަތަށް ރައްޔިތުންގެ އަތުން ފައިސާ ނެގުމަށް ބަޣާވާތުގެ ސަރުކާރުން ކުރާ މަސައްކަތް ކުށްވެރިކުރަން

ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އާސަންދަ ކުންފުނިން ވެފައިވާ އެއްބަސްވުމުގައި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، ބަޣާވާތަކުން ސަރުކާރާ ހަވާލުވެ ތިބި ފަރާތްތަކުން ރައްޔިތުންގެ އަތުން އާސަންދައިގެ ޚިދުމަތަށް ފީއެއް ނެގުމަށް ކުރަމުންދާ މަސައްކަތް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އާސަންދައިގެ ނިޒާމް ޕްރައިވެޓް ކްލިނިކްތަކަށް ފުޅާކުރިޔަސް ކަނޑައަޅާފައި އޮތް ބަޖެޓުން އެބައި ހަމަޖެއްސޭނޭ ކަމަށާއި، އާސަންދަ ފުޅާކުރިޔަސް މައްސަލަދިމާނުވާނޭ ކަމަށް ޓެކްނިކަލް ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް ބަޣާވާތުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު، މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ނިޔަލަށް މީރާ އަށް 3.5 ބިލިއަން ރުފިޔާލިބި ލާފަކުރި ވަރަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފައިވާ އިރު، އާސަންދައިގެ ޚިދުމަތް ރައްޔިތުންގެ އަތުން ފީއެއް ނަގައިގެން ނޫނީ ކުރިޔަށް ގެންދެވެން ނެތް ކަމަށް ބަޣާވާތުގެ ސަރުކާރުން ބުނަމުންދިއުމަކީ ބަޣާވާތުގެ ސަރުކާރުގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

އާސަންދަ ކުންފުންޏާއި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ސެޕްޓެމްބަރ 2012 ގެ ނިޔަލަށް އެ ކުންފުންޏަށް ސަރުކާރުން ދޭން އެއްބަސްވެފައިވާ 909 މިލިޔަން ރުފިޔާގެ ތެރެއިން، އެމްޑީޕީގެ ސަރުކާރުން އާސަންދައިގެ ޚިދުމަތަށް ދައްކަންޖެހޭ 312،614،842.00 (ތިންސަތޭކަ ބާރަ މިލިޔަން ހަސަތޭކަ ސާދަ ހާސް އަށްސަތޭކަ ސާޅިސް ދެ ރުފިޔާ) ގަވައިދުން ދައްކާފައިވާއިރު، ފެބްރުއަރީ މަހު ބަޣާވާތަކުން ސަރުކާރު ބަދަލުކުރި ފަހުން، އާސަންދަ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް 23 ޖުލައި 2012 ވަނަ ދުވަހު އާސަންދަ ކުންފުނިން އާންމުކޮށްފައިވާ މައުލުމާތުން އެނގެއެވެ.

އަދި ބަޣާވާތުގެ ސަރުކާރުން އާސަންދަ ހުއްޓާލަން ނިންމާފައިވަނީ ދިވެހިރައްޔިތުން އިތުރަށް ނިކަމެތިކޮށް، 2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އޮތް ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އަލުން އަނބުރައި އިޔާދަކުރުމަށްކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން ޕީޕީއެމް އާއި މަދަނީ އިއްތިހާދުން ރާވައިގެން އާސަންދަ ފެއިލްކޮށްލުމަށް ހީލަތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ.

އާސަންދަ އަކީ އެމްޑީޕީގެ ސަރުކާރުން ވެފައިވާ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވައުދުފުއްދުމުގެ ގޮތުން ޖެނުއަރީ 2012 އިން ފެށިގެން ދިވެހިރައްޔިތުންގެ އަތުން އެއްވެސް އަގެއް ނެގުމެއްނެތި، ތައާރަފްކޮށްފައިވާ ހިލޭ ބޭސްފަރުވާކުރުމުގެ ނިޒާމެކެވެ. އެހެން ނަމަވެސް މި ނިޒާމަކީ އެމްޑީޕީގެ ސަރުކާރަކުން ފަށާފައިވާ ނިޒާމަކަށް ވާތީ ބަޣާވާތުގެ ސަރުކާރުން މި ނިޒާމް ހުއްޓާލުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް