އެމްޑީޕީގެ ވެރިކަމެއްގައި މާލޭ ސަރަޙައްދަށް 12،000 ބޯހިޔާވަހި ހޯއްދަވައި ދެއްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިސް މާލޭގެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް 12،000 ބޯހިޔާވަހި ހޯއްދަވައިދެއްވާނޭ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރާއްޖޭގެ އިންޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބާ އިންޖީނުގެ ހުރި ހުސް ބިމުގައި މާލޭ ސިޓީ ކައުސިލުން ހަދާފައިވާ ޕާކް ހުޅުވުމަށް ބޭއްވެވި ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ “ވެށިފަހި މާލެ” ޕްރޮގްރާމްގެ ދަށުން އޭރު އަމާޒަކަށްވެފައި އޮތީ، މުޅި ރާއްޖޭއަށް 10،000 ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ކަމުގައި ވީނަމަވެސް، ފަހުން މާލެ ސަރަހައްދަށް އެކަނިވެސް 12،000ށް ވުރެން ގިނަ ބޯހިޔާވަހިކަން ބޭނުންކަން ސާފުވެގެން ދިޔަކަމަށެވެ. އަދި މާލެ ސަރަޙައްދަށް ބޭނުންވާ 12،000 ބޯހިޔާވަހިކަން ދަތިކަމެއްނެތި ހިންގޭނޭގޮތް ދިވެހި ދަޢުލަތަށް އެބައޮތްކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވަޢުދުވެ ވަޑައިގެންނެވި 10،000 ބޯހިޔާވަހިކަމުގެ މަސައްކަތް ނުހަނު ބާރަށް، ޙަލުއިކަމާއި އެކު ކުރިއަށް ދާކަމަށާއި، އެގޮތުން ހުޅުމާލޭގައި ހަދާ 1،500 ފްލެޓްގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާ އިރު، މާލޭގައިވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށެވެ. އަދި ފެބްރުއަރީ 7ގައި ގެނެވުނު ބަޣާވާތުގެ ސަބަބުން ވަރަށް ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނުފެށި މަޑު ޖެހިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޣާވާތުގެ ސަބަބުން ގިނަ މަސައްކަތަކެއް ނުފެށި، އަދި ހިނގަމުންދާ ބައެއް މަސައްކަތްތައް ލަސްވުމުގެ ސަބަބުން އޭގެ ގެއްލުން ނުހަނު ބޮޑަށް މާލޭގައި ބޯހިޔާވަހިކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކަށް ލިބެމުން އަންނަކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.