ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބާރުތައް އަނބުރާ ނަންގަންވަން ނޫޅެއްވުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ލާމަރުކަޒީ އުސޫލަކީ، ޤާނޫނު އަސާސީގައި ނުހަނު ފޮނި އުއްމީދުތަކަކާއި އެކު ހިމެނިގެންއައި އުސޫލްތަކެއް ކަމަށާއި، ލާ މަރުކަޒީ ޤާނޫންގެ ދަށުން ކައުސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ޙަވާލުކުރެވިފައިވާ ބާރުތައް އަނބުރާ ސަރުކާރުގެ އިދާރާތަކަށް ނަންގަވަން ނޫޅެއްވުމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ބާ އިންޖީނުގެ ހުރި ހުސް ބިމުގައި މާލޭ ސިޓީ ކައުސިލުން ހަދާފައިވާ ޕާކް ހުޅުވުމަށް ބޭއްވެވި ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޓީ ކައުންސިލާއި ޙަވާލުކުރެވިފައިވާ ބާރުތައް އަލުން އަނބުރާ ސަރުކާރުގެ އެކި އިދާރާތަކަށް ނެންގެވުމަށް މަސައްކަތް ނުކުރެއްވުމަށް، ހުރިހާ ވަޒީރުނަށް ވަރަށް އިޚްލާސްތެރިކަމާއި އެކު ދަންނަވާ ކަމަށެވެ. އަދި އެ ޢުސޫލްތައް އަނބުރާލަން މަސައްކަތްކުރުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅިގެންދާނޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، މާލޭއަކީ ހިތްފަސޭހަ، އަމާން، ސިއްޙީގޮތުން އެކަށީގެންވާ ތަނަކަށް ހެއްދެވުމަށް ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ތެރެއަށް ބަޣާވާތުގެ ސަރުކާރުން ވަންނަވާ އެމަސައްކަތްތައް ކިލަނބުކޮށް ނުލުމަށްވެސް ރޭގެ ޚަފްލާގައި ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ސަރުކާރުގެ އެކިއެކި މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން، އޭގޭ ޙަޤީޤީ ގެއްލުން ލިބެމުންދަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

” ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ޢަމަލުކުރައްވަމުން ގެންދަވާ ނަމަ، އޭގެ ސަބަބުން ގެއްލުން ލިބޭނީ ހަމަ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް. ސިޓީ ކައުންސިލްގެ ކައުންސިލަރުންނަކަށް ވެސް ނޫން. އަދި އެކިއެކި ވުޒާރާތަކުގައި ތިއްބަވާ ވަޒީރުންނަކަށްވެސް ނޫން. ވަޒީރު ބޭފުޅުންނާއި ކައުންސިލަރުންގެ ކަންކަން އިރާދަކުރެއްވިޔާ ހުންނާނީ ހަމަޖެހިފައި. އެބޭފުޅުންގެ ގޭގެ ކުނިވެސް އުކާލެވޭގޮތަށް އޮންނާނި ކަންކަން ހަމަޖެހިފަ. އެބޭފުޅުންނާއި ގުޅޭ ހުރިހާ ކަމެއްހެންވެސް މި ހުންނަނީ ވަރަށް ރަނގަޅަށް ހަމަޖެހިފައި. ހަމަނުޖެހި މިއުޅެނީ، އަޅުގަނޑުމެން ރާއްޖޭގެ ޢާންމު ރައްޔިތުންގެ ކަންކަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުންވަނީ މީގެ ކުރިންވެސް މާލޭގެ އެކި ހިސާބުތަކުގައި ހިތްފަސޭހަ ކޮށްލުމަށް ޕާކްތަކާއި، ޕާކިންޒޯންތައް ކާމިޔާބުކަމާއި އެކު ހަދާފައެވެ.