ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ޖަރީމާތަކާމެދު އދ ގެ އިސް އިންސާނީ ހައްގުތަކާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފައުޅުކޮށްފި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަދަނީ އަދި ސިޔާސީ ހައްގުތައް ހިމާއަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ފަރާތުން ދިވެހިރާއްޖޭގެ މައްސަލަ ބެލުމަށްފަހު އެކޮމިޓީގެ ނިންމުންތައް އިއްޔެ އާއްމުކޮށްފިއެވެ.

މިކޮމިޓީގެ ކުރިމައްޗަށް ދިވެހިރާއްޖެ ހާޒިރުކުރެވުނީ މިހިނގާ ޖުލައި މަހުގެ ކުރީކޮޅުއެވެ. މިހާޒިރުކުރި ކުރުމުގެ އަޑުއެހުމުގެ މަރުހަލާގައި އަޑުއެހުމުގެ ޗެއަރ ފައުޅުކުރެއްވި އެއް ކަންބޮޑުވުމަކީ 7 ފެބްރުއަރީގެ ފަހުން ދިވެހިރާއްޖޭގައި ނިޒާމެއްގެތެރެއިން ރޭވިގެން ތަކުރާރުކޮށް، ގަވާއިދުން ކުރަމުން ގެންދާ އަނިޔާތަކުގެ ކަންބޮޑުވުމެވެ. އަދި، އިހްތިޖާޖީންނާ ދެކޮޅަށް ފުލުހުން ހިންގާ އަނިޔާވެރި އަމަލުތަކާއި، ނޫސްވެރިންނަށް އަމާޒުކޮށްގެން ހިންގާ ހަމަލާތަކާއި، އިންސާނީ ހައްގުތައް ހިމާއަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ސަރުރާރުން ކުރިމަތިކުރުވާ ހުރަސްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުންވެސް މިއަޑުއެހުމުގެ ޗެއަރ އިން ފައުޅުކުރައްވާފައިވެއެވެ.

މިކަނބޮޑުވުންތަކުގެ މައްޗަށް ބުރަވެ އެކޮމިޓީން އާއްމުކުރި ނިންމުންތަކުގެ ކަރުދާހުގައި ބަޔާންކުރަނީ، ފެބްރުއަރީ މަހު ދިވެހިރާއްޖޭގައި ހިންގި ބަގާވާތައްފަހު އާންމުވެފައިވާ “އަނިޔާވެރިކަމުގެ މައްސަލަ” ތަކާމެދުއާއި، “8 ފެބްރުއަރީ 2012 ވަނަދުވަހު މާލެއާއި އަޑޫގައި ކުރި އިހްތިޖާޖުތަކުގެތެރޭގައި މީހުން ހައްޔަރުކުރިކުރުމާއި ބަންދުގައި ބޭތިއްބުމުގެ މަރުހަލާތަކުގެ ތެރޭގައި ފުލުހުން ހިންގި އިންސާނީ ހައްގުތަކާ ހިލާފް އަމަލުތަކާއި އަނިޔާވެރި ޖަރީމާތަކާމެދު” ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި، 2008 ގައި ދިވެހިރާއްޖޭގައި އޮތް ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގެ ކުރީން ރައީސް މައުމޫނުގެ ތިރީސް އަހަރުވީ ވެރިކަމުގެ ތެރޭގައި ނުހަނު ފުޅާކޮށް ހިންގަމުން ގެންގޮސްފައިވާ އަނިޔާވެރިކަން މިވީހާތަނަށް ދިވެހިރާއްޖެއިން ތަހުގީގުނުކޮށް އޮތް މައްސަލައާމެދު އެކޮމިޓީން ފާޑުކިޔާފައިވެއެވެ. ކޮމިޓީން ފާހަގަކޮށްފައިވާގޮތުގައި ފުލުހުން ހިންގާ ޖަރީމާތަކާއި އެމީހުން ކުރާ އަނިޔާތައް ތަހުގީގުކުރުމަށް ބާރުވެރިކުރުވާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ފަދަ ފަރާތްތަކުގެ މަސައްކަތް އެކަށީގެންވާ ފެންވަރަށް ކުރެވެމުން ނުދެއެވެ. މީގެ ހެއްކަކީ މިވީހާތަނަށް އެއްވެސް ޕޮލިސް އޮފިސަރަކު އިންސާފުގެ ކުރިމަޗަށް ހާޒިރުކުރެވިފައިނުވުންކަމަށް ކޮމިޓީން ބަޔާންކުރެއެވެ.

ވުމާއިއެކު، އދ ން ވަހީދުގެ ސަރުކާރަށް ގޮވާލާފައިވަނީ އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ ހުރިހާ އަނިޔާތަކާއި، ޖަރިމާތަކެއް ތަހްގީގުކުރުމަށާއި، މިކަންކަން ހިންގި ފަރާތްތައް އިންސާފުގެ ކުރިމަޗަށް ހާޒިރުކުރުމަށާއި، އަނިޔާލިބުނު ފަރާތްތަކަށް އޭގެ ބަދަލުހޯދާދިނުމަށްތަކައި މުސްތަގިއްލު އިންކުއަރީ ކޮމިޝަނެއް ގާއިމްކުރުމަށެވެ.

އަދި، އެއްވެސް ހަމައެއްލަމައެއް ނެތި، އުސޫލީމިންގަޑުން ބޭރުން އިހްތިޖާޖީންނާއި އިދިކޮޅު އެކްޓިވިސްޓުން ހައްޔަރުކުރުމާއި، ހައްޔަރުގައި ބޭތިއްބުމާއި، 24 ގަޑިއިރުގެތެރޭގައި ގާޒީއެއްގެ ކުރިމައްޗަށް ހާޒިރުނުކުރެވިވުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިފައި ނުވުން އާއްމުވެފައިވާތީ އެކޮމިޓީން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑިކިޔާފައިވެއެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި މުސްތަގިއްލުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، އިތުބާރުވެރިކަން ނެތްކަން ފާހަގަކޮށް ކޮމިޓީގެ އަޑުއެހުމުގައި ފާހަގަކުރި މައްސަލަތަކަށް ބިނާކޮށް އެކޮމިޓީން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ މަސައްކަތްކުރުމުގެ ގާބިލްކަން ނެތް ޖުޑީޝަލް ސާވިސަސް ކޮމިޝަން އިސްލާހުކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ވަގުތުން އެޅުމަށެވެ. ކޮމިޓީން ދެކޭގޮތުގައި މިފަދަ އިސްލާހުތަކަކީ “ޝަރުއީ ދާއިރާގެ ވަކިފަރާތަކަށް ނުޖެހުމާއި، އިތުބާރުވެރިކަން” ގާއިމްކުރެވި، އިންސާނީ ހައްގުތައް އޭގެ ޒާތުގައި އެންމެ ރަނގަޅަށް ހިމާއަތްކުރުމަށް އޮތް އެންމެ މުހިއްމު މަގެވެ.