އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުން ފަސްކޮށްފި
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވޯޓުލައްވަނީ

މި އަންނަ އޮގްސްޓް މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އިންތިޚާބުތަކުގައި ހިމެނޭ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބުތަކާ ބެހޭ ފޯކަލްޕޮއިންޓް އަހުމަދު އަކުރަމް ވިދާޅުވީ އޮގަސްޓް 31 ގައި ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުމަށް ބާއްވަން ހަމަޖައްސާފައިވާ އިންތިޚާބު ފަސްކުރި ނަމަވެސް އެ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ދާއިރާތަކުގެ އިންތިޚާބުގެ ބައި އިލެކްޝަންތައް އޮންނާނޭ ކަމަށެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރުން ފަސްކުރީ “މިދުވަސްވަރު ޕާޓީ (އެމްޑީޕީ) ގެ ވަރަށް ގިނަގުނަ މުހިންމު ކަންތައްތަކެއް ކުރިޔަށްދާތީ”، ކަމަށް މްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ބުނެއެވެ.