އަންހެނުންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު މުޒާހަރާކޮށްފި

އަންހެނުންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު މުޒާހަރާކޮށްފި އެވެ.

މިއަދު 2 ޖެހި އިރު ވެލާނާގެ ކައިރީގައި ފެށި މި މުޒާހަރާގައި މާގިނަ ބަޔަކު ބައިވެރިވެފައި ނުވި ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފަހަތައް ދިއުމަށް އަންގާފައެވެ.

މިއަދުގެ މުޒާހަރާގައި ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިސްތިއުފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން 14 ދުވަހުގެ މުހުލަތެއްދީފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ބައެއް މެންބަރުން ތަފާތު އެކި ޝުއޫރު ލިޔެފައިވާ ބެނާރ އާއި ބޯޑުތައް ހިފައިގެން ވެލާނާގެ ކުރިމަތީގައި ކުރި މުޒާހަރާ އަކީ ދައުލަތުގެ މުއައްސަސާ ތަކުން އެއްވެސް ބެލުމެއްނެތި ޢާއްމުރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުންދާ ދަނޑިވަޅެއްގައި އަންހެނުންގެ ޢިއްޒަތާއި ކަރާމާތަށް ގެއްލުންވާފަދަ ޢަމަލުތައް ތަކުރާރު ވަމުންދާތީ އާއި އެފަދަ އަމަލުތައް އެއްގޮތަކަށް ވެސް ފެނިގެން ނުވާނޭ ފަރާތްތަކުގެ ކިބައިން މުޥައްޒަފުންނަށް ޖިންސީ ގޯނާކުރުން ފަދަ ބޭއަދަބީ އަމަލުތައް ފެންނަމުން ދާތީ އެފަދަކަންތައް ހުއްޓުވުމަށް ގޮވާލައި ކުރި މުޒާހަރާ އެކެވެ.

“ހަމަ ހަމަ ކަމާއިއެކު މުޢާމަލާމާތްކުރެވޭ ރައްކާތެރި މާޙައުލެއް” ގައި މަސައްކަތް ކުރުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ލިބިދޭ ޙައްޤު ހިމާޔަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަށް މިއަދުގެ މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.