އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (7)

ނޫސް ބަޔާން

މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭ ގެ ފަރީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި އަވަސް އިންތިހާބެއް ބޭއްވުމަށް އެދި ރައްޔިތުން ގޮވާލައި، ކުރިއަށް ގެންދިއަ ސިލްސިލާ ސުލްހަވެރި ކުއްލި ހަރަކާތަށް ހުރަސްއަޅާ ޤާނޫނު އަސާސީއިން ލިއްބައިދީފައިވާ ހައްގުތަކާ ވާޖިބުތަކަށް ފުލުހުން ތަކުރާރުކޮށް ހުރަސްއަޅާ ހުއްޓުމެއްނެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ހިންގަމުންގެންދާ ޣައިރު ޤާނޫނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

ގާނޫނުއަސާސީ ގެ 4 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ވީހިނދު އަދި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމައްވީހިނދު ވަލު ސިންގާ ތަކެއް ފަދައިން ރައްޔިތުން ގެ ތެރެއަށް ރޭ ގެ ވަގުތެއްގައި ފުލުހުން އަރައިގަނެ މަނަދޫ ދާއިރާ ގެ އިއްޒަތްތެރި މެމްބަރު މުހަންމަދު ތޯރިގު ގެ ބުރަކަށީގައި މުގުރުބުރިން ޖެހިޖެހީނުން 14 އިންޗީ ގެ ތަންގަނޑެއް ފަޅާލާ ބުރަކަށިން މުގުރު ސިފަވާވަރު ކުރުމަކީ ލާއިން ސާނީ ރަހުމު ކުޑަ ޖަރީމާއެއް ކަމުގައި ދެކޭހިނދު މި ރަހުމްކުޑަ އަމަލަކީ މުޅި ނ އަތޮޅު ރައްޔިތުން ގެ ބުރަކައްޓަށް އަރުވާލި ވޭނީ އެތިފަހަރެއްގައި ކަމުގައި ދެކި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މީ ގެ އިތުރުން މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ރައްޔިތުންގެ މަޖިލީހުން ލިބިދިފައިވާ އިމްތިޔާޒަށް އަރައިގަނެ މަޖިލިސްގެ ރައީސަށް އެންގުމަކާނުލާ މުޅިމަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅޭ ގޮތަށް ހައްޔަރުކޮށްގެން ދުނިދޫއަށް ގެންދިއަ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާހިނދު މި މައްސަލަ ބަލާދިނުމަށް ޕޮރޮސެކިއުޓަރ ޖެނަރަލްއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮވާލަމެވެ. އަދި ތަކުރާރުކޮށް ފުލުހުންގެ މުއައްސަސާއިން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވާ އަވަސްފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާ އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: މިލަންދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)