ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 64
ތާރީޚް: 15 ޖުލައި 2012 (އާދިއްތަ)

އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަދި މި ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރު އަލީ ރިޒާ ގާނޫނާއި ގަވާއިދާއި ޚިލާފަށް ހައްޔަރުކޮށްފައި ވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަލީ ރިޒާ މިރޭ ފުލުހުން ހައްޔަރުކޮށްފައިވާއިރު ރޭ ފުލުހުންވަނީ އެބޭފުޅާއަށް ވަރަށްބޮޑެތި އަނިޔާތަކެއްދީ ޒަހަމްކޮށްލާފައެވެ. އަދި އޭގެ ކުރިން ހަމަ މިހަރަކާތުގެ ތެރޭގައި އެބޭފުޅާވަނީ އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށްފައެވެ. ފުލުހުންގެ މި އަމަލަކީ ދުރާލައި ރާވައިގެން، އަވަސް އިންތިޚާބަކަށް ގޮވާލައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ އަޑުކަނޑުވާލުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހައްޔަރުކުރުމަށް ހީލަތްތެރި ރޭވުމެއްގެ ދަށުން ހިންގާފައިވާ ފިނޑި އަމަލެއް ކަމަށް މި ޕާޓީން ދެކެމެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލަމެވެ.

އަދި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އަލީ ރިޒާ އާއި ފުލުހުންގެ ހައްޔަރުގައި ތިބި ސިދާ ހަރަކާތުގެ ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
3340044